01 އޯގަސްޓް 2019
ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީތަކުގެ ދުވެލި ވަރަށް ބާރެވެ. މީގެ ކުރިން ނަމަ އެ ބާރުމިނުގައި ކޮމިޓީތައް ހިނގާފައެއް ނުވެ އެވެ. އެކަމަކު 19 ވަނަ މަޖިލިސް ފެންނަނީ ތަފާތުކޮށެވެ. ކޮމިޓީތަކުގައި މަސައްކަތްތައް ވަނީ ފުނިޖެހިފަ އެވެ. ކޮންމެ ދުވަހަކު ހެން، އަށެއްކަ ކޮމިޓީގެ މަސައްކަތް އެކި ވަގުތުތަކުގައި ކުރިއަށްދެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީތަކުގެ ދުވެލި ވަރަށް ބާރެވެ. މީގެ ކުރިން ނަމަ އެ ބާރުމިނުގައި ކޮމިޓީތައް ހިނގާފައެއް ނުވެ އެވެ. އެކަމަކު 19 ވަނަ މަޖިލިސް ފެންނަނީ ތަފާތުކޮށެވެ. ކޮމިޓީތަކުގައި މަސައްކަތްތައް ވަނީ ފުނިޖެހިފަ އެވެ. ކޮންމެ ދުވަހަކު ހެން، އަށެއްކަ ކޮމިޓީގެ މަސައްކަތް އެކި ވަގުތުތަކުގައި ކުރިއަށްދެ އެވެ.
މިދިޔަ ހޯމަ ދުވަހުގެ ޖަލްސާ ކުރިއަށް ދިޔަ ވަގުތު ހަތް ކޮމިޓީއެއް ބޭއްވި އެވެ. އެއް ވަގުތެއްގައި ގިނަ ކޮމިޓީތަކެއްގެ މަސައްކަތެވެ. އެ ކޮމިޓީތަކުގައި 77 މެމްބަރުން ބައިވެރިވެވަޑައިގަންނަން ޖެހުނެވެ. ނަތީޖާއެއްގެ ގޮތުން، ކޯރަމް ހަމަނުވެދާނެތީ މަޖިލިހުގެ ޖަލްސާ ވެސް މެދުކަނޑާލީ އެވެ.
ސުޕަ މެޖޯރިޓީއެއް މަޖިލިހުގައި އޮތް އެމްޑީޕީން އަބަދުވެސް ބުނަމުން އަންނަ އެއް ވާހަކައަކީ މަޖިލިސް 19 ތަފާތުވާނެ ކަމެވެ. ކުރީގެ މަޖިލިސްތަކުގައި ސިއްރިއްޔާތުގައި ކަންކަން ހިންގި ގޮތަށް ނުހިނގާނެ ކަމެވެ. އެމީހުންގެ ނަޒަރުގައި 18 ވަނަ މަޖިލިހުގައި ފެނުނު ގޮތަށް އެޖެންޑާގައި ހިމަނާނެ ކަމެއް ނެތިގެން އުޅޭކަށް ނުޖެހެ އެވެ.
އެކަމަކު ސުވާލު އުފެދޭ ނުވަތަ ބައެއް އާންމުން ޝަކުވާ ކުރާ ބައެއް ކަންކަން ވެސް އެބަ ފެނެ އެވެ. އެގޮތުން އާންމުންނާ ވަރަށް ބޮޑަށް ގުޅޭ މައްސަލަތަކުގައި ކޮމިޓީ ސިއްރުކޮށްގެން މައުލޫމާތު ހޯދަ އެވެ. އެއީ ހާމަކަން ބޮޑު ގޮތެއްގައި މަޖިލިހުގެ ކަންކަން ކުރިއަށް ގެންދަން އެޅޭ ހުރަހެކެވެ. ރައްޔިތުން އިންތިޒާރުގައި އެތައް އަހަރެއް ހޭދަވި ކަންކަމުގައި އުފެދޭ ސުވާލުތަކުގެ ޖަވާބު މެމްބަރުން ހޯއްދަވަނީ ބައެއް ކޮމިޓީތައް ސިއްރުކޮށްގެންނެވެ.
ރައްޔިތުންގެ މަޖިލިހުގެ ގަވައިދު ބުނާ ގޮތުން ދާއިމީ ކޮމިޓީތަކާއި ވަގުތީ ކޮމިޓީތަކާއި ހާއްސަ ކޮމިޓީތަކުގެ ބައްދަލުވުންތައް ސިއްރުކުރަން ބޭނުންވާ ނަމަ ސިއްރު ކުރެވިދާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ ބައްދަލުވުމެއް --ފޮޓޯ:ހުސައިން ވަހީދު/މިހާރު
އެކަމަކު ކޮމިޓީތައް ސިއްރު ކުރެވޭނެ ހާލަތްތަކެއް ގަވައިދުގައި ބުނެ އެވެ. އެއީ ގައުމީ ރައްކާތެރިކަމާއި ގައުމީ ސަލާމަތާ ގުޅޭ މައުލޫމާތު ހާމަކުރަން ޖެހޭ ކަންކަމާއި މީހެއްގެ އަބުރާއި ރީތި ނަމަށް އުނިކަން ލިބޭ ފަދަ ވާހަކަތަކާއި މީހަކާ މެދުގައި އާންމުން ދެކޭ ގޮތް ބަދަލުވާނެ ފަދަ ނުވަތަ އޭނާ ކުށެއް ކުރީ ކަމަށް މީހުންނަށް ގަބޫލުކުރެވޭ ފަދަ މައުލޫމާތު ހިމެނޭ މައްސަލަތަކުގަ އެވެ.
މީގެ އިތުރުން ގާނޫނު ތަންފީޒު ކުރާ އެކި އިދާރާތަކުގެ މެދުގައި ހިންގާ އެކި އޮޕަރޭޝަންތަކާއި ކުރާ މަސައްކަތުގެ މައުލޫމާތާއި ވިޔަފާރީގެ މުއާމަލާތެއް ނުވަތަ މާލީ މުއާމަލާތެއްގެ ސިއްރު މައުލޫމާތު ހާމަކުރުމާއި ގާނޫނެއްގެ ދަށުން ނުވަތަ ގަވައިދެއްގެ ދަށުން ސިއްރު މައުލޫމާތެއްގެ ގޮތުގައި ހިފަހައްޓަން ޖެހޭ މައުލޫމާތެއް ހާމަކުރަން ޖެހޭ ނަމަ ވެސް ކޮމިޓީ ސިއްރު ކުރެވިދާނެ އެވެ.
އެކަމަކު ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އާ މަޖިލިހުގެ ބައެއް ކޮމިޓީތައް ސިއްރުކުރީ އެފަދަ ހާލަތްތަކެއް ނެތި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކޮންޓްރޯލް ދަށުގައި އޮތް މަޖިލިހުގެ ކޮމިޓީތައް ނޫސްވެރިންނަށް ބަންދުކުރި އެވެ. ކިތަންމެ ކުޑަ ކަމެއް ވެސް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ. އޭރު މަޖިލިހުގެ މަސައްކަތްތައް މުޅިން ހެން އޮތީ އާންމުންނަށް "ނިވާކޮށްފަ" އެވެ. އެކަމުގެ ޝަކުވާ ކުރަމުން ދިޔަ ނަމަވެސް އަޅައެއް ނުލި އެވެ.
އާ މަޖިލިހުން ސިއްރުކުރި ކޮމިޓީ ބައްދަލުވުންތަކުގެ ތެރޭގައި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި ފުލުހުންގެ ވެރިން ހާޒިރު ކުރި ކޮމިޓީ ހިމެނެ އެވެ. އަދި ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައިގައި ބޭއްވި އެތައް ކޮމިޓީއެއް ސިއްރުކުރި އެވެ.
ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރުންނަށް ކުރިމަތިވާ ނުފޫޒާ ގުޅޭ ގޮތުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ސުވާލުތައް އަމާޒުވާން ފެށުމުން އެ ބޭފުޅުން އެދިވަޑައިގަތީ ކޮމިޓީ ސިއްރުކޮށް ދިނުމަށެވެ. އަދި އެގޮތަށް ކޮމިޓީ ސިއްރުކުރި އެވެ. ކޮމިޝަނަ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ހާޒިރު ކުރި ކޮމިޓީގެ ބައްދަލުވުން ވެސް ވަކި ހިސާބަކުން ބަންދުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި އެސިސްޓަންޓް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ރިޔާޒް (މ) ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
ރައްޔިތުން އެންމެ ބޮޑަށް އެނގެން ބޭނުންވާނެ އެއް ކަމަކީ އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން މިނިވަން މުއައްސަސާތަކުގެ ވެރިންގެ ވާހަކަތަކެވެ. އެއީ 18 ވަނަ މަޖިލިހުގައި ބަލަން ހުށަހެޅިޔަސް، ނުބަލާ ދޫކޮށްލި ބޮޑު މައްސަލައެކެވެ. އެކަމަކު އާންމުންނާ ހަމައަށް އަދިވެސް ތިލަވީ އެ މައްސަލައިގެ ވަރަށް ކުޑަ މިންވަރެކެވެ. މި މައްސަލާގައި ބޭއްވި ބައެއް ކޮމިޓީތައް ވެސް ސިއްރުކުރި އެވެ.
މަޖިލިހުގައި ހިމެނިވަޑައިގަންނަވާ އަމިއްލަ މެމްބަރަކު ވިދާޅުވީ ކޮމިޓީތައް އާންމުންނަށް ސިއްރު ކުރުމުގެ "ސަގާފަތެއް" ފަހަކަށް އައިސް ގެންގުޅެމުން އަންނަ ކަމަށެވެ. މިއީ މަޖިލިހަށް ރައްޔިތުންގެ އިތުބާރު ހޯދަން އެޅޭނެ ބޮޑު ހުރަހެއް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި މަޖިލިސް ކުރިއަށް ގެންދަން ޖެހެ އެވެ.
"ކޮމިޓީތައް ސިއްރު ކުރަން މަޖިލިހުގެ ގަވައިދު ތަން ދިނަސް، ކޮންމެހެން ސިއްރު ކުރަން ނުޖެހޭ ބައެއް ކަންކަން ވެސް ސިއްރުކޮށްގެން ކުރިއަށް ގެންދޭ،" އެ މެމްބަރު ވިދާޅުވި އެވެ.
"ބައެއް ތަންތަނާއި ކޮމިޝަންތަކުގެ މެމްބަރުން ވަޑައިގެން ދެ ތިން ފޮޅުވަތް ލިޔެވޭ ވަރަށް އެއްޗެއް ވިދާޅުވެފައި ދެން އަންގަވާނީ ކޮމިޓީ ސިއްރުކޮށްދޭށޭ. އޭރުން އެއަށް ވުރެ ބޮޑަށް ތަފްސީލްކޮށް ދޭނަމޭ. އަޅުގަނޑަށް ހީވަނީ ރައްޔިތުންނާ ކުރިމަތިލާން އެބޭފުޅުން ޖެހިލުންވަނީއޭ."
ރައްޔިތުން ފެންބޮވައިގެންފައިވާ ބައެއް މައުލޫމާތު ސިއްރުކުރަން ފުރުސަތު ދޭން އާންމު ބައެއް މީހުން ގަބޫލެއް ނޫނެވެ. ބޮޑެތި ހިޔާނާތާއި ވައްކަންތައް ހިންގި މީހުންނާއި، މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވި މީހުންގެ ނަންތައް ރައްޔިތުންނަށް އެނގެން ބޭނުންވެ އެވެ.
"އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން ތަހުގީގު ގޮސްފައި އޮތް ހިސާބު ބެލުމަށް މާލިއްޔަތު ކޮމިޓީ އަށް ހާޒިރުކުރީ ފުލުހުންގެ ވެރިން. އެ ބައްދަލުވުމުގައި މެމްބަރުން އެންމެ ގިނަ އިން ކުރި ސުވާލަކީ އެ ހިޔާނާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބައިވެރިވުން އޮތްތޯ. ފުލުހުންގެ ޖަވާބަކަށް ވީ ސިއްރުކޮށްގެން ބާއްވާ ކޮމިޓީއެއްގައި އެ މައުލޫމާތު ހާމަކުރާނެ ކަމަށް،" އެމްޑީޕީގެ މެމްބަރަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.
"އެކަމަކު އެއީ ސިއްރު ބައްދަލުވުމެއްގައި ހާމަކުރަން ޖެހޭ ކަމެއް ނޫން. ސާފުކޮށް ބައިވެރިވުމެއް އޮތޭ ނުވަތަ ނެތޭ ބުނީމަ ރައްޔިތުންނަށް ވެސް އެކަން ސާފުވީ."
ކަންބޮޑުވާ މެމްބަރުންގެ ވާހަކަތައް ކޮމިޓީތަކުގެ ބައެއް މުގައްރިރުން ދޮގެއް ނުކުރައްވަ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގައި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ވާހަކަ ދައްކަވަނީ. ކޮމިޓީތައް ސިއްރު ނުކޮށް ކުރިއަށް ގެންދަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވި --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ މަޖިލިހުގެ ކޮމިޓީތައް ކުރިއަށް ދަނީ ހާމަކަން ބޮޑު ގޮތެއްގަ އެވެ. އާންމު ގޮތެއްގައި ސިއްރުކޮށްފައި ހުންނާނީ ތަހުގީގެއް ކުރިއަށްދާ މައްސަލަތަކާއި ހެކި ހޯދަން ހުރަސް އެޅޭ ފަދަ މައްސަލަތަކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ސިއްރުކުރެވޭ ކޮމިޓީއެއް ވެއްޖެ ނަމަ، ސިއްރު ކުރެވެނީ ވައްކަންތައް ބެލުމުގެ މަސައްކަތް ކުރިއަށް ދާ އިރު، އެކަންކަމަށް ބުރޫއަރާފާނެ މައުލޫމާތެއް ހިއްސާ ކުރަން ޖެހޭ ހާލަތްތަކުގައި،" ރޮޒެއިނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި 18 ވަނަ މަޖިލިހުގައި ސިއްރުކޮށްފައި ހުރީ ގިނަ ކަންކަން ހިނގާ ގޮތް ރައްޔިތުންނަށް އެނގުނަ ނުދޭށެވެ. އަދި 19 ވަނަ މަޖިލިހުގައި ކޮމިޓީތައް ސިއްރުކުރަނީ ކޮންމެހެން ވެސް މަޖުބޫރުވާ ހާލަތެއްގައި އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭރުގައި ކޮމިޓީތައް ސިއްރުކުރަނީ ވައްކަން ފޮރުވަން. ކަންކަން ފަޅާއަރުވާލުމަށް ފުރުސަތެއް ލިބިދާނެތީ ސިއްރުކޮށްފައި ހުރީ،" ރޮޒެއިނާ ވިދާޅުވި އެވެ.
ރައްޔިތުންގެ އެންމެ ބޮޑު ސަމާލުކަމަށް އައި އެއް ކޮމިޓީއަކީ ޖަލުގައި ދާދި ފަހުން ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ކޮމިޝަނަ އޮފް ޕްރިޒަންސް ހާޒިރު ކުރި ބައްދަލުވުމެވެ. ޓީވީތަކުން ލައިވްކޮށް ދެއްކި ބައްދަލުވުމުގައި މުނާޒް ވަނީ ވަރަށް ތަފްސީލްކޮށް، ދެއްވެން ހުރި މައުލޫމާތުތައް ހިއްސާ ކުރައްވައިފަ އެވެ. އަދި މެމްބަރުން ކުރެއްވި ބައެއް ސުވާލުތައް ސިއްރު ބައްދަލުވުމުގައި ހާމަކުރެއްވި އެވެ.
ބައެއް މެމްބަރުން ގަބޫލުކުރެއްވި ގޮތުގައި އެ ބައްދަލުވުމުގައި ސިއްރުކޮށްގެން ކުރިއަށް ގެންދިޔައީ ކޮންމެހެން ވެސް ސިއްރު މައުލޫމާތުތަކެއް ހިއްސާކުރަން ޖެހޭތީ އެވެ.
"ޖަލުގައި ހުރި ކަންކަން ގައިދީންނަށް އެނގުމަކީ ނުރައްކާތެރި ކަމެއް. އެއީ އެމީހުންނަށް ރޭޑިއޯ އިން މިކަހަލަ ބައްދަލުވުންތައް އިވުމުގެ ފުރުސަތު ވެސް އޮތީމަ،" ރޮޒެއިނާ ވިދާޅުވި އެވެ.
އޭނާ ގަބޫލުކުރައްވާ ގޮތުގައި ކުރީގެ މަޖިލިހާ އަޅާބަލާ އިރު، އާ މަޖިލިހުގެ މަސައްކަތްތައް ކުރިއަށް ދަނީ ހާމަކަން ބޮޑު ގޮތެއްގައި ވަރަށް ރަނގަޅަށެވެ.
މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޝިޒު ވިދާޅުވީ އެ ކޮމިޓީއަށް ހާޒިރުވާ ބައެއް ވެރިން ކޮމިޓީތައް ސިއްރުކޮށްދޭން އެދިވަޑައިގަތަސް ރައްޔިތުންނަށް ހާމަކުރެވެން އޮތް މައުލޫމާތެއް ވެއްޖެ ނަމަ، ހާމަކުރަން ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން އަބަދުވެސް މަސައްކަތް ކުރައްވާ ކަމަށެވެ.
"ހަގީގަތުގައި ލައިވް ކޮމިޓީއެއްގައި ނުލިބޭ މައުލޫމާތެއް ސިއްރުކޮށްގެން ބާއްވާ ކޮމިޓީއެއްގައި ވެސް ގިނަ ފަހަރު ނުލިބޭ. މާލިއްޔަތު ކޮމިޓީ އަށް އައިސްފައި ހުރި މައުލޫމާތުތަކަކީ ކޮމިޓީގައި މަޝްވަރާ ކުރި ކަންކަން. މާލިއްޔަތު ކޮމިޓީގައި ސިއްރު އެއްވެސް ބައްދަލުވުމެއް ނުދާނެ،" ރޮޒައިނާގެ ފިރިކަލުން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި 18 ވަނަ މަޖިލިހުގައި ފެނުނީ އާންމުންނަށް މައުލޫމާތު ސިއްރުކުރުމުގައި "ހައްދުފަހަނައަޅައި" ދިޔަ ތަނެވެ. އެ މަންޒަރު 19 ވަނަ މަޖިލިހުން ނުފެންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
ދެބަސްވެވޭކަށް ނެތެވެ. އެމްޑީޕީގެ 65 މެމްބަރުންނާ އެކު މަޖިލިސް ކުރިއަށް ދަނީ ވަރަށް ހަރަކާތްތެރިކޮށެވެ. މިދިޔަ ދެ މަސް ދުވަހު ތިރީހަކަށް ޖަލްސާ ބާއްވައިފި އެވެ. ކޮމިޓީ ބައްދަލުވުންތައް ހަފްތާ ބަންދުގައި ވެސް ހިނގަމުން ދެ އެވެ. އެކަމަކު ރައްޔިތުންނަށް މުހިންމު އަދި އެ މައުލޫމާތެއް ހާމަކުރިޔަސް މައްސަލައަކަށް ނުވާނެ ބައެއް ކަންކަން ސިއްރުކުރުމަކީ އާންމުންގެ ކަންބޮޑުވުމެކެވެ. އެ ސަގާފަތާ އާ މަޖިލިސް މުޅިން ދުރުވާން ޖެހޭނެ އެވެ.
އެންމެ ގިނަ ބައްދަލުވުން ރޮޒޭ އާއި ނާޝިޒްގެ ކޮމިޓީން!
ކޮމިޓީތަކަށް ހާޒިރުކުރާ މީހުންނަށް 5 ދުވަހުގެ ނޯޓިހެއް
މަޖިލިހުގެ 16 ކޮމިޓީގެ މުގައްރިރުކަން އެމްޑީޕީ އަށް
މަޖިލިހަށް ފަސް ކޮމިޓީއެއް އިތުރު ކުރަން ފާސްކޮށްފި
ޖުޑިޝަރީ ކޮމިޓީއަކާ އެކު 17 ކޮމެޓީ ހަދަނީ
ކޮމިޓީތައް އެކުލަވައިލުމުގެ މަޝްވަރާތައް ފަށައިފި
އަމިއްލަ މީހެއްގެ ލޯނު މައްސަލަ ވެސް މަޖިލިހަށް!
މަރީގެ މައްސަލަ ކޮމިޓީން ބަލަނީ
ދީބާޖާގެ މައްސަލަ މުރާޖައާ ކުރަން މަޖިލީހުން ފާސްކޮށްފި
އެންއައިސީގެ މެމްބަރުކަމަށް ޝިފާގެ ފިރިކަލުން