Roadha Mihaaru
އެންމެ ގިނަ ބައްދަލުވުން ރޮޒޭ އާއި ނާޝިޒްގެ ކޮމިޓީން!

އެންމެ ގިނަ ބައްދަލުވުން ބޭއްވީ ރޮޒެއިނާ އާއި ނާޝިޒްގެ ކޮމިޓީން!

08 ސެޕްޓެމްބަރ 2019

ރައްޔިތުންގެ މަޖިލިހުގެ ދެ ވަނަ ދައުރުގައި އެންމެ ގިނަ އިން ބޭއްވި ކޮމިޓީއަކަށް 40 ބައްދަލުވުމާ އެކު، މާލިއްޔަތު ކޮމިޓީ އާއި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ހިމެނިއްޖެ އެވެ. މިއީ މަޖިލިހުގެ އެއް ދައުރެއް ތެރޭގައި ކޮމިޓީއަކުން މިހާ ގިނަ ބައްދަލުވުންތަކެއް ބޭއްވި ފުރަތަމަ ފަހަރެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލިހުގެ ދެ ވަނަ ދައުރުގައި އެންމެ ގިނަ އިން ބޭއްވި ކޮމިޓީއަކަށް 40 ބައްދަލުވުމާ އެކު، މާލިއްޔަތު ކޮމިޓީ އާއި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ހިމެނިއްޖެ އެވެ. މިއީ މަޖިލިހުގެ އެއް ދައުރެއް ތެރޭގައި ކޮމިޓީއަކުން މިހާ ގިނަ ބައްދަލުވުންތަކެއް ބޭއްވި ފުރަތަމަ ފަހަރެވެ.

މަޖިލީހުގައި އެމްޑީޕީ ތަމްސީލް ކުރައްވާ ދެ މެމްބަރުންގެ ތެރެއިން އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ޗީފް ވިޕް ރޮޒެއިނާ އާދަމަކީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރެވެ. ރޮޒެއިނާގެ ފިރިކަލުން، ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޝިޒަކީ މާލިއްޔަތު ކޮމިޓީގެ މުގައްރިރެވެ. މިއީ މަޖިލިހުގައި ހިމެނޭ ބޮޑު ދެ ކޮމިޓީ ވެސް މެ އެވެ.

ނަވާރަ ވަނަ މަޖިލިސް އުފެދުނު ފަހުން ދާއިމީ 17 ކޮމިޓީއެއް އުފައްދާފައިވާ އިރު، މަޖިލިހުގެ ގަވައިދު އެކުލަވައިލުމަށް ހޮވި 11 މެމްބަރުންގެ ވަގުތީ ކޮމިޓީން ވެސް 40 ބައްދަލުވުމެއް ބޭއްވި އެވެ. އެކަމަކު، އެއީ ވަގުތީ ކޮމިޓީއަކަށް ވެފައި ގަވައިދު ދިރާސާކޮށް ނިމުމާ އެކު، އެ ކޮމިޓީ ވަނީ އުވިގެން ގޮސްފަ އެވެ. މަޖިލިހުގައި ދެން ހިމެނޭ ކޮމިޓީތަކަށް އެ އަދަދަށް ބައްދަލުވުން ބޭއްވިފައެއް ނެތެވެ.

މާލިއްޔަތު ކޮމިޓީގެ މެންބަރުން ކޮމިޓީ ބައްދަލުވުމެއްގައި.--ފޮޓޯ:ނިޝާން އަލީ/މިހާރު

މާލިއްޔަތު ކޮމިޓީގެ މެންބަރުން ކޮމިޓީ ބައްދަލުވުމެއްގައި.--ފޮޓޯ:ނިޝާން އަލީ/މިހާރު

ނަމަވެސް މަޖިލިހުގައި މިހާރު ތިއްބެވި މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި މިދިޔަ ދައުރަކީ އެންމެ ބުރަ އަދި ރައްޔިތުންގެ ހައްގުގައި އެންމެ ގިނަ މަސައްކަތްތަކެއް ކުރި ދައުރަކަށް ވާނެ އެވެ. އަދި 18 ވަނަ މަޖިލިހުގައި ނުކުރާހާ މަސައްކަތް 19 ވަނަ މަޖިލިހުގެ ފުރަތަމަ ދައުރުގައި ކުރި ކަމަށް މެމްބަރުން ދެކެވަޑައިގަންނަވަ އެވެ. އެއީ ރައްޔިތުން މަޖިލިހާ މެދު ކުރާ އިތުބާރު ގެއްލިފައި އޮއްވައި، އަލުން އެ އިތުބާރު ލިބުމަށް އެޅުނު ވަރަށް ބޮޑު ބާރެއްގެ ގޮތުގައި އެ މެމްބަރުން ފާހަގަ ކުރައްވަ އެވެ.

މަޖިލިހުގެ ދެ ވަނަ ދައުރުގައި އެންމެ ގިނަ ކޮމިޓީ ބައްދަލުވުންތައް ބޭއްވި މާލިއްޔަތު ކޮމިޓީން ވަނީ އެ ކޮމިޓީ އަށް ހުށަހެޅި 600 އަށް ވުރެ ގިނަ އޮޑިޓް ރިޕޯޓުގެ ތެރެއިން 92 ރިޕޯޓު ނިންމައިފަ އެވެ. އަދި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅޭ މައްސަލަތައް އެންމެ ބޮޑަށް ބެލީ ވެސް އެ ކޮމިޓީގަ އެވެ. ދައުލަތުގެ ބަޖެޓަށް 1.7 ބިލިއަން ރުފިޔާ އިތުރު ކުރަން ސަރުކާރު ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓް ދިރާސާ ކުރުމުގައި އެންމެ އިސް ރޯލެއް އަދާ ކުރި އެއް ކޮމިޓީ އަކީ މާލިއްޔަތު ކޮމިޓީ އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއްގައި ރޮޒެއިނާ އާއި އެ ކޮމިޓީގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއްގައި ރޮޒެއިނާ އާއި އެ ކޮމިޓީގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ކުރިއަށް ގެންދިޔަ ބައްދަލުވުންތަކުގެ ތެރޭގައި އެ ކޮމިޓީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ހުރިހާ މުއައްސަސާތަކާ ބައްދަލުކޮށްފައިވެ އެވެ. މީގެ ކުރިން 18 ވަނަ މަޖިލިހުގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ހުރިހާ މުއައްސަސާތަކާ ބައްދަލުކޮށްފައި ނުވާ ކަމަށް ވެ އެވެ.

މީގެ އިތުރުން، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މައްސަލަތަކާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ބޮޑެތި މައްސަލަތަކެއް ވެސް އެ ކޮމިޓީން ބެލި އެވެ. އަދި ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބާއި އެ ކޮމިޝަންގެ ނައިބު ރައީސް ފާތިމަތު ޒައިނާ ވަކިކުރަން ނިންމި އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެންމެ ބޮޑު މަސައްކަތަކަށް ކުރި އެއް ކަމަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފަސް މެމްބަރަކު އައްޔަން ކުރުމުގެ މައްސަލަ އެވެ. އަދި އެ ކޮމިޓީ އަށް ލިބުނު ތިން ބިލެއް ނިންމައި މަޖިލިހުގެ ތަޅުމަށް ވަނީ ފޮނުވައިފަ އެވެ.

މަޖިލިހުގެ މިދިޔަ ދައުރުގައި 47 ޖަލްސާ ބޭއްވުމަށް ފަހު، މަޖިލިހުގެ 87 މެމްބަރުން އެއް މަސް ދުވަހުގެ ޗުއްޓީއަކަށް ވަނީ ވަޑައިގެންފަ އެވެ. މިއީ އެއް ދައުރު ތެރޭގައި މިހާ ގިނަ ޖަލްސާ ބޭއްވި ފުރަތަމަ ފަހަރެވެ.

މިދިޔަ ބުރާސްފަތި ދުވަހު މަޖިލިހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ 19 ވަނަ މަޖިލިހަށް 161 މައްސަލައެއް ހުށަހެޅި އިރު، އޭގެތެރެއިން 70.2 ޕަސެންޓު ނިމިފައިވާ ކަމަށެވެ. އީވާ ވިދާޅުވި ގޮތުގައި މަޖިލިހުގެ ކޮމިޓީތަކުން 400 އަށް ވުރެ ގިނަ ބައްދަލުވުން ބޭއްވި އެވެ. އަދި ކޮމިޓީތަކަށް 500 އަށް ވުރެ ގިނަ ގަޑިއިރު ހޭދަކޮށްފައިވާ ކަމަށް ވެސް އީވާ ވިދާޅުވި އެވެ.