Roadha Mihaaru
މަޖިލިހަށް ފަސް ކޮމިޓީއެއް އިތުރު ކުރަން ފާސްކޮށްފި

މަޖިލިހަށް ފަސް ކޮމިޓީއެއް އިތުރު ކުރަން ފާސްކޮށްފި

03 ޖޫން 2019

ރައްޔިތުންގެ މަޖިލިހުގައި އިތުރު ފަސް ކޮމިޓީއެއް އުފައްދައި، ދާއިމީ ކޮމިޓީތަކުގެ އަދަދު 17 އަށް ބަދަލުކުރަން މަޖިލިހުގެ މެމްބަރުންގެ އިއްތިފާގުން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލިހުގައި އިތުރު ފަސް ކޮމިޓީއެއް އުފައްދައި، ދާއިމީ ކޮމިޓީތަކުގެ އަދަދު 17 އަށް ބަދަލުކުރަން މަޖިލިހުގެ މެމްބަރުންގެ އިއްތިފާގުން މިއަދު ފާސްކޮށްފި އެވެ.

މަޖިލިހުގެ ގަވައިދުގައި ކުރިން އޮންނަނީ ދާއިމީ 13 ކޮމިޓީއެކެވެ. އެކަމަކު، މަޖިލިހުގެ ގަވައިދު އިސްލާހު ކުރަން ހެދި ވަގުތީ ކޮމިޓީން ވަނީ ފަސް ކޮމިޓީއެއް އިތުރު ކުރަން ނިންމައި ބައެއް ކޮމިޓީތަކުގެ ނަންތަކަށް ބަދަލު ގެނެސްފަ އެވެ. އަދި ބައެއް ކޮމިޓީތައް އެއްކޮށްލުމަށް ވެސް ނިންމައިފަ އެވެ.

ވަގުތީ ކޮމިޓީގެ އެ ނިންމުން ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 77 މެމްބަރުންގެ އިއްތިފާގުންނެވެ.

މަޖިލިހުގައި އަލަށް އުފައްދަން ނިންމި ފަސް ކޮމިޓީ:

1- ޖުޑިޝަރީ ކޮމިޓީ

2- ލާމަރުކަޒީ ކޮމިޓީ

3- އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ

4- ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީ

5- ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ

ވަކިން އޮންނަ އިމްތިޔާޒް ކޮމިޓީ އާއި ސުލޫކު ކޮމިޓީ އެއްކޮށްލަން ވަނީ ނިންމައިފަ އެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި އެ ކޮމިޓީ އަށް ކިޔާނީ އިމްތިޔާޒާއި ސުލޫކު ކޮމިޓީ އެވެ. އަދި ގައުމީ ތަރައްގީ ކޮމިޓީގެ ނަން ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އަށް ބަދަލު ކުރަން ވަނީ ނިންމައިފަ އެވެ.

މަޖިލިހުގައި ދެން ހިމެނެނީ އާންމު ކޮމިޓީ، ޕެޓިޝަން ކޮމިޓީ، ގަވައިދު ކޮމިޓީ، މާލިއްޔަތު ކޮމިޓީ، އިގްތިސާދީ ކޮމިޓީ، އިޖުތިމާއީ ކޮމިޓީ، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)، މިނިވަން މުއައްސަސާތަކުގެ ކޮމިޓީ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ، ގައުމީ ސަލާމަތުގެ ކޮމިޓީ އެވެ.

ވަގުތީ ކޮމިޓީން އެކުލަވައިލި ރިޕޯޓުގައި ވަނީ ހުރިހާ ކޮމިޓީއެއްގެ ތިއްބަވާނެ މެމްބަރުންގެ އަދަދު ކަނޑައަޅައިފަ އެވެ. އެގޮތުން، މެމްބަރުންގެ އަޣުލަބިއްޔަތުން ނިންމީ ކޮންމެ ކޮމިޓީއެެއްގައި ތިއްބަވާނީ 11 މެމްބަރުން ކަމަށެވެ. އެކަމަކު، ކޮމިޓީތަކުގައި އަމަލު ކުރާނެ މެންޑޭޓްތަކެއް އަދި ކަނޑައެއް ނާޅަ އެވެ.

މީގެ އިތުރުން، މަޖިލިހުގައި ބަހުސްގެ ވަގުތު ތިން ގަޑިއިރުގެ ބަދަލުގައި ހަތަރު ގަޑިއިރަށް ބަދަލުކުރަން ފެންނަ ކަމަށް މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ. އޭގެ ތެރެއިން ތިން ގަޑިއިރު، ހުރިހާ މެމްބަރުންގެ މެދުގައި ބަހައިލުމުން ކޮންމެ މެމްބަރަކަށް ދެ މިނިޓެއްހާ އިރު ލިބޭނެ އެވެ. އަދި ބާކީ އެއް ގަޑިއިރު ބަހާލާނީ ސިޔާސީ ހަ ޕާޓީ އަށް ހަމަހަމަކޮށެވެ.

މިއަދުގެ ޖަލްސާގައި މަޖިލިހުގެ ކޮމިޓީތަކަށް މެމްބަރުން ހަމަޖެއްސުމަށް ވަގުތީ ކޮމިޓީއެއް ވަނީ އުފައްދައިފަ އެވެ. އެ ކޮމިޓީގައި ތިއްބަވަނީ މީދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު ސިޔާމް، ތ. ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން، މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސައީދު، ފަރެސްމާތޮޑާ ދާއިރާގެ އަމިއްލަ މެމްބަރު ހުސެއިން މުހައްމަދު ލަތީފް، ކެންދޫ ދާއިރާގެ ޖޭޕީގެ މެމްބަރު އަލީ ހުސެއިން، ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހްމޫދު، އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން، ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް، ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމް، ފޭދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ނިހާދު އަދި މެދުހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމެވެ. މި މެމްބަރުންނަށް ގަވައިދު އިސްލާހު ކުރަން ހެދި ކޮމިޓީގައި ވެސް ތިއްބެވޭނެ އެވެ.