Roadha Mihaaru
ކޮމިޓީތައް އެކުލަވައިލުމުގެ މަޝްވަރާތައް ފަށައިފި

މަޖިލިހުގެ ކޮމިޓީތައް އެކުލަވައިލުމުގެ މަޝްވަރާތައް ފަށައިފި

01 ޖޫން 2019

މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުވާކުރި 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ހިމެނޭ ދާއިމީ 13 ކޮމިޓީއެއް އެކުލަވައިލުމުގެ މަސައްކަތް ފަށައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުވާކުރި 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ހިމެނޭ ދާއިމީ 13 ކޮމިޓީއެއް އެކުލަވައިލުމުގެ މަސައްކަތް ފަށައިފި އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް "މިހާރު" އަށް އިއްޔެ ވިދާޅުވީ ކޮމިޓީތައް އެކުލަވައިލުމުގެ މަޝްވަރާތައް ކުރިއަށް ގެންދަނީ މަޖިލިހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންގެ ލަފާގެ މަތިން ކަމަށެވެ.

"މަޝްވަރާ ކުރާ އިރު، އިދިކޮޅު ފަރާތްތަކަށް ވެސް މަޖިލިހުގެ ކޮމިޓީތަކުގައި ހަމަހަމަކޮށް ތަމްސީލް ކުރެއްވޭ ގޮތަށް އެމްޑީޕީގެ ވިސްނުން ހުރީ،" މިހާރު ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމަށް ޝައުގުވެރިކަން ފާޅުކުރައްވައި، އެކަމަކު އެ ވިސްނުން ފަހު ވަގުތު ދޫކޮށްލެއްވި އަސްލަމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގައި އޮންނަނީ ދާއިމީ 13 ކޮމިޓީ އެވެ. އެގޮތުން، މަޖިލިހުގައި އެންމެ ބާރުގަދަ ކޮމިޓީތަކުގެ ތެރޭގައި ހިމެނެނީ ގައުމީ ސަލާމަތުގެ ކޮމިޓީ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީ، އިގްތިސާދީ ކޮމިޓީ، މާލިއްޔަތު ކޮމިޓީ އަދި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އެވެ.

އޭގެ އިތުރުން، އިޖުތިމާއީ ކޮމިޓީ، ގައުމީ ތަރައްގީގެ ކޮމިޓީ، އާންމު ކޮމިޓީ، ޕެޓިޝަން ކޮމިޓީ، އިމްތިޔާޒް ކޮމިޓީ، ސުލޫކު ކޮމިޓީ އަދި ގަވައިދު ކޮމިޓީ ވެސް މަޖިލިހުގައި ހިމެނެ އެވެ.

މަޖިލިހުގައި ހިމެނޭ ބާރުގަދަ ކޮމިޓީތަކުގެ ތެރެއިން، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ ފިޔަވައި ހުރިހާ ކޮމިޓީއެއްގެ އަޣުލަބިއްޔަތު ލިބޭނެ ކަމަށް ބެލެވެނީ އެމްޑީޕީ އަށެވެ. އެއީ، މަޖިލިހުގައި އެމްޑީޕީގެ 65 މެމްބަރުން ތިއްބެވުމާ ގުޅިގެން އެހެން ޕާޓީއަކަށް އެއާ ކައިރިކޮށްލެވޭ ވަރުގެ ގޮނޑިއެއް ނުލިބުމެވެ.

މިދިޔަ އޭޕްރީލް މަހު ބޭއްވި އާންމު އިންތިހާބުގައި އެންމެ ގިނަ ގޮނޑި ހޯދީ ވެސް އެމްޑީޕީންނެވެ. އިދިކޮޅު ޕީޕީއެމާއި ޕީއެންސީ އަށް ލިބިފައިވަނީ އެންމެ އަށް ގޮނޑި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަޖިލިހުގެ ސުޕަ މެޖޯރިޓީ ޕީޕީއެމަށް ލިބުނެވެ. އެކަމަކު، މަޖިލިިހުގައި އޭރުގެ އިދިކޮޅު ފަރާތްތަކަށް ސަރުކާރު ޒިންމާދާރުކުރުވުމުގެ ފުރުސަތު ހަނި ކުރި އެވެ. އިދިކޮޅު ފަރާތްތަކުން އޭރު ތުހުމަތު ކުރި ގޮތުގައި މަޖިލިހަކީ ސަރުކާރުގެ "ރަބަ ސްޓޭމްޕް" ޖަހަން އޮތް ތަނެކެވެ.