Roadha Mihaaru
މެމްބަރުންގެ ކޮމިޓީ އެލަވަންސް އުވާލަން ހުށަހަޅައިފި

މެމްބަރުންގެ ކޮމިޓީ އެލަވަންސް އުވާލުމަށް ޓްރާންސްޕޭރަންސީން ހުށަހަޅައިފި

11 ޖޫން 2019

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ކޮމިޓީ އެލަވަންސްގެ ގޮތުގައި ލިބިވަޑައިގަންނަވާ 20،000ރ. ގެ އެލަަވަންސް އުވާލަން ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން މަޖިލިހަށް އިއްޔެ ހުށަހަޅައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ކޮމިޓީ އެލަވަންސްގެ ގޮތުގައި ލިބިވަޑައިގަންނަވާ 20،000ރ. ގެ އެލަަވަންސް އުވާލަން ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން މަޖިލިހަށް އިއްޔެ ހުށަހަޅައިފި އެވެ.

މަޖިލިހުގެ ގަވައިދު ދިރާސާ ކުރުމަށް ފަހު، އެ ޖަމިއްޔާ އިން ހުށަހެޅި އިސްލާހެއްގައި ވަނީ ކޮމިޓީ އެލަވަންސް ކަނޑާލައި މަޖިލިހުގެ މަސައްކަތާ ގުޅޭ ގޮތުން މެމްބަރުންނަށް ކުރެއްވޭނެ ޚަރަދުތަކުގެ ތާވަލެއް އެކަށައަޅައި އެ ތާވަލްގެ ދަށުން ކުރާ ޚަރަދުތަކަށް ފައިސާ ދެވޭނެ އުސޫލެއް ގާއިމު ކުރަންޖެހޭ ކަމަށެވެ.

ޓްރާންސްޕޭރަންސީން ބުނި ގޮތުގައި، ގަވައިދަށް އެ އިސްލާހު ހުށަހަޅަން ނިންމީ މެމްބަރުން ރައްޔިތުންނަށް ޖަވާބުދާރީވުމަށް މަގުފަހި ކުރުމާއި ރައްޔިތުންގެ މަޝްވަރާގެ މަތިން މަޖިލިސް ހިންގުމަށް ބާރު އެޅުމަށެވެ. އަދި މަޖިލިހުގެ މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް އަމިއްލަ އަށް ކަނޑަނޭޅޭ ގޮތަށް ގަވައިދަށް އިސްލާހު ގެނައުމަކީ ވެސް މުހިންމު ކަމެއް ކަމަށް ޓްރާންސްޕޭރަންސީން ބުންޏެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް

އެ ޖަމިއްޔާ އިން ބުނީ މަޖިލިހުގެ އާ ދައުރަކާ އެކު، މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް އަމިއްލަ އަށް ކަނޑަނޭޅޭ ގޮތަށް ހެދުމުގެ ބޭނުމަކީ މެމްބަރުންނަކީ ރައްޔިތުންނަށް ޚިދުމަތް ކުރާ ބަޔަކަށްވީ ހިނދު، މަޖިލިހުގެ އަމިއްލަ މަސްލަހަތު ފުށުނާރާ ގޮތަށް އަމަލު ކުރުމަށް ކަމަށެވެ. ޓްރާންސްޕޭރަންސީން ވަނީ މަޖިލިހުގެ މެމްބަރުންގެ މާލީ ބަޔާންތައް އާންމު ކުރަންޖެހޭ އެއްޗަކަށް ހަދަން ވެސް އެދިފަ އެވެ.

އަދި މެމްބަރަކު ކޮމިޓީ އަކަށް ހާޒިރު ނުވުމާއި ކޮމިޓީ މަސައްކަތަށް ދަތިވުމުގެ ސަބަބުން މަޖިލިހުގެ ތަޅުމަށް އެ މައްސަލަ ހުށަހެޅުމުގެ އިތުރުން އެޅޭނެ ފިޔަވަޅުތައް ބަޔާން ކުރުމަށް ވެސް އެދިފައިވެ އެވެ.

ޓްރާންސްޕޭރަންސީން ހުށަހެޅި އިތުރު އިސްލާހުތަކުގެ ތެރޭގައި މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި މެމްބަރުން ވޯޓުގައި ބައިވެރި ނުކުރުމާއި ކޮންމެ މެމްބަރެއްގެ މަސްލަހަތު ފުށުއަރާ ކަންކަމުގެ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ރަޖިސްޓަރީއެއް ގާއިމްކޮށް، އެއަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލުން ހިމެނެ އެވެ.

މީގެ އިތުރުން މަޖިލިހުގެ މެމްބަރުކަމުގެ ދައުރުގައި އެހެން ވަޒީފާއެއް އަދާކޮށްގެން ނުވާނެ ކަމަށާއި ކޮންމެ މެމްބަރަކު ވެސް ރައްޔިތުންނާ ފަސޭހަ އިން ބައްދަލު ކުރެވޭނެ ގޮތެއް ހަމަޖައްސައި އެ މެމްބަރަކާ ގުޅަން ބޭނުންވެއްޖެ ހާލަތެއްގައި ގުޅޭނެ ގޮތް ފަހިކޮށްދިނުމަށް ވެސް އިސްލާހުތަކުގައިވެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން. --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން. --- ފޮޓޯ: މަޖިލިސް

މަޖިލިހުގެ އަމީން އާންމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މެމްބަރުންގެ މާލީ ބަޔާން ރައްޔިތުންނަށް ފަސޭހަ އިން ފެންނާނެ އަދި ލިބޭނެ ގޮތަކަށް ހާމަކުރުމަށް ވެސް ޓްރާންސްޕޭރަންސީގެ އިސްލާހެއްގައި ވެ އެވެ. އަދި މެމްބަރުންނަށް ލިބޭ ހަދިޔާތައް ހާމަކޮށް، 300ރ. އަށް ވުރެ ގިނަ އިން ލިބޭ ހަދިޔާ ދައުލަތާ ހަވާލު ކުރުމަކީ ގަވައިދުގައި ހިމެނިދާނެ އިސްލާހެއް ކަމަށް ޓްރާންސްޕޭރަންސީން ބުންޏެވެ.

ގަވައިދުގެ ބައެއް މާއްދާތައް އުވާލަން ޓްރާންސްޕޭރަންސީން ހުށަހެޅި އިރު، ދައުލަތުގެ ކޮންމެ މަގާމެއްގައި ހުރި މީހަކު ވެސް ހާޒިރު ކުރެވޭ ގޮތަށް ހަދަން އެ ޖަމިއްޔާގެ އިސްލާހުތަކުގެ ތެރޭގައި ހިމެނެ އެވެ. އަދި ބިލްތަކަށާއި ގަވައިދުތަކަށް ހިޔާލު ފޮނުވުމުގެ ފުރުސަތު ރައްޔިތުންނަށް ދިނުމަށް އެތަނުން އެދުނެވެ.

ބައެއް އެހެން އިސްލާހުތަކުގެ ތެރޭގައި މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް 10 މެމްބަރުންގެ ސޮޔާ އެކު މަޖިލިހަށް ހުށަހެޅޭ ގޮތަށް ބަދަލު ކުރަން އެދިފައިވެ އެވެ. ގަވައިދުގައި މިހާރު އޮންނަ ގޮތުން އެފަދަ މައްސަލައެއް މަޖިލިހަށް ހުށަހެޅެނީ 45 މެމްބަރުންގެ ސޮޔާ އެކު އެވެ.

މަޖިލިހުގެ ގަވައިދު ދިރާސާ ކުރުމަށް ހޮވި ކޮމިޓީން ގަވައިދަށް ބޮޑެތި ބަދަލުތަކެއް ގެންނަމުން އަންނަ އިރު، އެ ގަވައިދަށް ގެންނަން ބޭނުންވާ އިސްލާހުތައް ހުށަހެޅުމަށް އާންމުންނަށް ދިން ފުރުސަތު އިއްޔެ ވަނީ ހަމަވެފަ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި އާންމުން ވަނީ ގިނަ ހިޔާލުތަކެއް ހުށަހަޅައިފަ އެވެ.