01 މާޗް 2020
ރައްޔިތުންގެ މަޖިލިހުން މިހާރު ފެންނަ ބައެއް މަންޒަރުތަކުން، އެއް ބަޔަކަށް ގަބޫލުކުރެވެނީ، ގައުމު ހިންގުމުގެ ބާރު ވެސް އޮތީ އެތަނަށް ކަމެވެ. އާންމު މީހަކާއި ބޭންކަކާ ކޮށްފައިވާ މުއާމަލާތެއްގެ މައްސަލަ ވެސް، ކޮމިޓީއަށް ވައްދައިފި އެވެ. ވަޒީރުން މަޖިލިހަށް ޖަވާބުދާރީވެވަޑައިގަންނަވާ އިރު، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އޭގެ ތެރެއަށް އެބަ ވަންނަވަ އެވެ. މި ހުންނަނީ ކުރީގެ މަޖިލިސްތަކުން ފެނުނު ކަންކަމެއް ނޫނެވެ. އަދި މިއީ، ރައްޔިތުންގެ މަޖިލިސް ހިނގަންވާ ގޮތުގެ ތަޖުރިބާ ހުރި ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި، ރަނގަޅު އަމަލްތަކެއް ވެސް ނޫނެވެ.
ރައްޔިތުންގެ މަޖިލިހުން މިހާރު ފެންނަ ބައެއް މަންޒަރުތަކުން، އެއް ބަޔަކަށް ގަބޫލުކުރެވެނީ، ގައުމު ހިންގުމުގެ ބާރު ވެސް އޮތީ އެތަނަށް ކަމެވެ. އާންމު މީހަކާއި ބޭންކަކާ ކޮށްފައިވާ މުއާމަލާތެއްގެ މައްސަލަ ވެސް، ކޮމިޓީއަށް ވައްދައިފި އެވެ. ވަޒީރުން މަޖިލިހަށް ޖަވާބުދާރީވެވަޑައިގަންނަވާ އިރު، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އޭގެ ތެރެއަށް އެބަ ވަންނަވަ އެވެ. މި ހުންނަނީ ކުރީގެ މަޖިލިސްތަކުން ފެނުނު ކަންކަމެއް ނޫނެވެ. އަދި މިއީ، ރައްޔިތުންގެ މަޖިލިސް ހިނގަންވާ ގޮތުގެ ތަޖުރިބާ ހުރި ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި، ރަނގަޅު އަމަލްތަކެއް ވެސް ނޫނެވެ.
މުޅި މަޖިލީހުގެ އިތުރުން ކޮމިޓީތަކުން ބަލާ ބައެއް މައްސަލަތަކާ މެދުގައި ވެސް ކަންބޮޑުވުންތައް އުފެދެ އެވެ. ބައެއް މީހުން ދެކޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އެސްއޯއީ ކޮމިޓީން ބަލާ ބައެއް މައްސަލަތަކުގައި މެމްބަރުންގެ އަމިއްލަ މަސްލަހަތު ވެސް ހިމެނެ އެވެ.
މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ) އަށް މިދިއަ ހަފުތާގައި ވެއްދި އަމިއްލަ މީހެއްގެ ލޯނު މައްސަލައެއްގައި އެމްޑީޕީގެ މެމްބަރުން ވަނީ އެކަކު އަނެކަކާ ޒުވާބުކުރައްވައިފަ އެވެ. އަރައިރުން ބޮޑުވެ އެންމެ ފަހުން، އެ މައްސަލަ ކޮމިޓީން ބޭރު ވެސް ކޮށްލި އެވެ.
އެ މައްސަލަ ގުޅިފައި އޮތީ ފަރަށް އެރި "ޕެލިކަން" ނަމަކަށް ކިޔާ ބޯޓާ އެވެ. މައްސަލަ ހުށައެޅީ އެ ބޯޓު ހަދަން ނެގި ލޯނު ވެރިފަރާތަށް ނުދެއްކި، މޯގޭޖްކޮށްފައިވާ އަމިއްލަ މުދާތައް ބީއެމްއެލް އިން ނަގަން އުޅޭތީ، އެކަމުގައި ލުއިތަކެއް ހޯދައިދޭން މަޖިލީހުން ކޮށްދެވޭނެ ކަމެއް ބެލުމަށެވެ.
ކޮމިޓީގައި އިންނަވާ ކިނބިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ނާޝިޒު ގަބޫލުކުރެއްވީ އެއީ ކޮމިޓީގެ މެންޑޭޓުގެ ތެރެއަށް ނުވަން މައްސަލައެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ދެ ފަރާތެއްގެ ދެމެދުގައި ހިނގާފައިވާ ވިޔަފާރި މުއާމަލާތެއްގެ ތެރެއަށް ކޮމިޓީން ވަނުމުގެ މެންޑޭޓެއް ނެތެވެ. ރާއްޖޭގައި ލުއި ލޯނާއި އެހެން ލޯނުތައް ނަގައިގެން، އެ ފައިސާ ނުދެއްކި އިންޓަރެސްޓްގެ މައްޗަށް އިންޓަރެސްޓް އަރައި، ސަލާމަތް ނުވެވި، ތަކްލީފު އުފުލަމުންދާ އެތައް ބައެއް ތިބޭ އިރު، މިފަދަ އެންމެ މައްސަލައެއް ބެލުމަކީ ރަނގަޅު އުސޫލެއް ނޫން ކަމަށް ވިދާޅުވި އެވެ.
މާފަންނު މެދު ދާއިރާގެ މެމްްބަަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ގެ ޚިޔާލު އެކަމުގައި ތަފާތެވެ. އެހެންކަމުން އެންމެ ފަހުން ދެ ބޭފުޅުންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރެއްވި އެވެ.
އެކަމަކު "މިހާރު"އާ ވާހަކަ ދައްކަވަމުން ނާޝިޒު ވަނީ އެ ދުވަހު ކޮމިޓީގައި ހިނގި ކަންކަން ދިފާއުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ މުޅި މަޖިލީހާއި، ކޮމިޓީ ލެވެލްގައި ވެސް ބަލަމުން އަންނަނީ ހަގީގަތުގައި ވެސް ބަލަން ޖެހޭ މައްސަލަތައް ކަމަށެވެ. އެކަމަކު ކޮމިޓީތަކުން އެފަދަ މައްސަލަތައް ބަލަނީ އެ މައްސަލަ ކުރިމަތިވި ކުންފުނީގެ ބަދަލުގައި އާއްމު ގޮތެއްގައި ހުރިހާ ރައްޔިތުންނަށް ވެސް ބޭއިންސާފުން ގެއްލުންތައް ނުވާނެ ގޮތަކަށް ނިޒާމު ރަނގަޅު ކުރުމުގެ ބޭނުމުގައި ކަމަށެވެ.
"އަޅުގަނޑުމެން މި ބަލަނީ ރާއްޖޭގެ ނިޒާމުގައި ހުރި މައްސަލަތައް. ނިޒާމުގައި ހުރި މައްސަލަތަކަށް ގާނޫނީ ހައްލުތަކެއް ހޯދައި ދިނުމަކީ މަޖިލީހުގެ ޒިންމާއެއް. އެހެންވީމާ އަޅުގަނޑު ގަބޫލުކުރަނީ ކޮމިޓީތަކުން ހަމަ މި އުފުލަނީ އޯވަ ސަައިޓް ބޮޑީތަކެއްގެ ހައިސިއްޔަތުން އުފުލަން ޖެހޭ ޒިންމާއެއް ކަމަށް،" އޭނާ ވިދާޅުވި އެވެ.
ވަކި މީހެއްގެ ލޯނުގެ މައްސަލަ ހުށައަޅުއްވައިގެން އެކަން ބޮޑު ޒުވާބަކަށް ދިޔަސް، ބޮންޑޭ ވިދާޅުވަނީ އެގޮތަށް މައްސަލަ ވައްދަވަނީ "މުޅި ނިޒާމުގައި މައްސަލައެއް އޮތްތޯ ބަލަން" ކަމަށެވެ.
"އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭ ރާއްޖޭގެ މާލީ ނިޒާމު ރަނގަޅު ނޫންކަން. ބޭންކިން ނިޒާމު ވެސް މި އޮންނަނީ ރައްޔިތުންގެ މަސްލަހަތު ރައްކާތެރިވާ ގޮތަަކަށް ނޫންކަން. އެހެންވެގެން އަޅުގަނޑުމެންނާ ހަމައަށް މި ޝަކުވާތައް އަންނަނީ. އެހެންވީމާ އެކަންކަމަށް އަޅުގަނޑުމެން އެޑްރެސް ކުރަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
އެކަމަކު އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މީދޫ ދާއިރާގެ މެމްބަރު އާދަމް ޝަރީފްގެ ޚިޔާލު ތަފާތެވެ. އޭނާ ވިދާޅުވީ ސަރުކާރު ހިންގުމުގެ ބާރުގެ ތެރެއަށް މަޖިލީހުން ވަންނަ ކަން، މެންދުރުގެ އިރުހާ ސާފުކޮށް މިހާރު ފެންނަ ކަމަށެވެ. އެގޮތުން ސަރުކާރުގެ އިދާރާތަކަށާއި ދައުލަތުގެ މިނިވަން މުއައްސަސާތަކަށް މަޖިލީހުން ސީދާ ޑައިރެކްޝަން ދޭ ކަމަށް ގަބޫލުކުރެއްވޭހާ ވަރަށް އެކަން ހިނގައްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި. ސަރުކާރުގެ ހިންގުމުގެ ތެރެއަށް މަޖިލީހުން ވަންނަ ކަމަށް ބައެއް މީހުން ބުނޭ. ފައިލް ފޮޓޯ/މިހާރު
"އެކަމަކު މީގެ ސަބަބެއް ކަަމަށް އަޅުގަނޑު ދެކެނީ ސަރުކާރަށް އެއްވެސް ކަމެއް ނުކުރެވުން. ސަރުކާރުން ކަންކަމާ އަޅާނުލައިގެން، ހަގީގަތުގައި މަޖިލީހާ ހިސާބަށް ކަންތައްތައް މި އަންނަނީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އޭގެ ބައެއް މިސާލުތައް ވެސް ދެއްކެވި އެވެ. އެއް މިސާލަކީ ދާދި ފަހުން ފެންމަތިވި ޖިންސީ އަނިޔާގެ ބޮޑެތި މައްސަތަކެވެ. އެ މައްސަލަތަކުގައި މަޖިލީހުން އެކަންކަަން ބަލައި، މިނިސްޓަރަކު އިސްތިއުފާ ދެއްވަން ޖެހޭ ހިސާބަށް ދިޔަ އިރު ވެސް ސަރުކާރު އޮތީ ނިދާފައި ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"އޭގެ ފައިދާ ރައީސް ނަޝީދު [ރައްޔިތުންގެ މަޖިލީހުގެ ރައީސް] އެ ނަންގަވަނީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އެކަމަކު އެގޮތަށް ކަންތައް ވުމަކީ، އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، ބަރުލަމާނީ ނިޒާމުގެ ސިފައެކެވެ.
އާދަމް ޝަރީފް ވިދާޅުވީ ރާއްޖެއަށް ދިމާވާ ބޮޑެތި ބައެއް މައްސަލަތަކުގައި ސަރުކާރަށް ހަމަ އެއްވެސް ފިޔަވަޅެއް ނޭޅި އަދި، އެކަމުގައި ބަހެއް ވެސް ނުކިޔާ އޮންނަ ކަމަށެވެ.
"މި ފަހަކަށް އައިސް ދިމާވި ބޮޑެތި ގިނަ ކަންތައްތަކުގައި ސަރުކާރުން ހަމަ އެއްވެސް ކަމެއް ނުކުރޭ. އެންމެ ކުޑަމިނުން ބަހެއް ވެސް ނުބުނޭ. ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ މީގެ މިސާލެއް. އެކަން ބޮޑުވެގެން ގޮސް ވަޒީރަކު އިސްތިއުފާ ދެއްވާ ހިސާބަށް ދިޔަ އިރު ވެސް ސަރުކާރުން ކުރި ކަމެއް ނެތް،" އޭނާ ވިދާޅުވި އެވެ.
އެކަމަކު އެއީ ރަނގަޅު ވާހަކައެއް ނޫނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ބަޔާނުގައި ވެސް، ކުޑަކުދިންގެ ހައްގުގައި ވާހަކަފުޅު ދެއްކެވި އެވެ. އަދި ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ފިޔަވަޅުތައް ވެސް އަޅަމުން ގެންދިޔަ އެވެ.
ފަރުދީ އަދި ކުންފުނިތަކުގެ ފެންވަރުގައި މަޖިލިހަށް ބައެއް ކަންކަން، މިސާލަކަށް ޕެލިކަން ބޯޓާ ބެހޭ ލޯނު، މަޖިލިހަށް އަންނަނީ، އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، އެހެން މުއައްސަސާތައް ފޭލްވާ ހިސާބުންނެވެ.
"އެއްވެސް ތަނަކުން ހައްލެއް ނުލިބުނީމާ އަންނާނެތާ ދެން އަޑު އަހާނެ ތަނަކަށް،" އޭނާ ވިދާޅުވި އެވެ.
ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ މަޖިލިހުން ބަލަން ނުޖެހޭ ކަންތައްތައް ވެސް ސިޓީގެ ގޮތުގައި އަންނަ ކަމަށެވެ. އަދި ކޮމިޓީތަކުން ބަލަނީ މެންޑޭޓްގައި އޮންނަ މައްސަލަތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޣަފޫރު ވިދާޅުވި ގޮތުގައި ރާއްޖޭގައި ކުރިންސުރެ އޮތް ބޭއިންސާފު ނިޒާމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ގެއްލުންތައް ތަކުރާރު ނުވާނެ ގޮތަކަށް ނިޒާމު ބައްޓަން ކުރުމަކީ މަޖިލީހުގެ މެންޑޭޓްގައި ހިމެނޭ ކަމެކެވެ.
"ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުން އެއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޒިންމާއެއް. އެހެންވީމާ، ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ނިޒާމުގައި ހުރި މައްސަލަތައް ހޯދައި، އެކަން ކަމަށް ގާނޫނީ ހައްލު ހޯދައިދޭން ޖެހޭ. އެހެންވީމާ އެ ޝަކުވާތައް އަޑު އަހަން ޖެހޭނެ އަޅުގަނޑުމެން،" ޣަފޫރު ވިދާޅުވި އެވެ.
ނާޝިޒު ވިދާޅުވި ގޮތުގައި ނިޒާމުތައް ގޯސްވެގެން ކުންފުނިތަކާއި ފަރުދުންގެ މައްސަލަތައް މަޖިލީހަށް ވައްދައި، ބެލުމުގެ ފައިދާ ދިގު މުއްދަތުގައި ވަރަށް ބޮޑުވާނެ އެވެ. އޭގެ އެއް ފައިދާ އަކީ ގާނޫނަށް ގެންނަ އިސްލާހުތަކުގައި އެފަދަ މައްސަލަތަކަށް ރަނގަޅަށް އެޑްރެސް ކުރެވުން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. ނިޒާމުގައި ހުރި މައްސަލަތަކުގެ ސަބަބުން ފަރުދީ ފެންވަރުގައިި ލިބޭ ގެއްލުންތައް މެމްބަރުންނަށް ރަނގަޅަށް އެނގިވަޑައިގަތުމުން، ރަނގަޅު އިސްލާހުތަކަށް ބާރު ލިބޭނެ ކަމަށް ވިދާޅުވި އެވެ.
"މިހާރުވެސް އޭގެ ފައިދާ އެބަ ފެނޭ. އަޅުގަނޑުމެން މި މައްސަލަތައް ބަލާތީ މުއައްސަސާތަކާއި ކުންފުނިތަކުން ވެސް އެ ބަ ސަމާލުވޭ. އެހެންވީމާ މިހާރު ވެސް މި ދަނީ މީގެ އަސަރު ކޮންމެވެސް ވަރަކަށް ކުރަމުން،" ނާޝިޒު ވިދާޅުވި އެވެ.
"އެކަމަކު މިހާ ބޮޑަށް ހަލާކުވެފައިވާ ނިޒާމެއް މުޅިން ރަނގަޅުވާން ދުވަސްކޮޅެއް ނަގާނެ."
އެކަމަކު އާންމު ބައެއް މީހުންނަށް ފެންނަ މަންޒަރު ތަފާތެވެ. ރައްޔިތުންގެ މަޖިލިހާއި ކޮމިޓީތަކުގެ ބައްދަލުވުންތައް ގަވައިދުން ބަލަމުން އަންނަ ސަމާލް އަލީ، 29، ބުނީ މަޖިލިހުން ބަލަން ޖެހޭ ކަންކަން ހުރީ ނުބެލި ކަމަށެވެ.
"އޭގެ ބަދަލުގައި މި ފެންނަނީ ޕާޓީތަކުގެ ވާދަވެރިކަމާ ގުޅިފައި ހުންނަ ކަންތައްތައް ބަލާތަން." ސަމާލް ބުންޏެވެ.
އޭނާ ގަބޫލުކޮށްގެން ހުރީ ސަރުކާރު ހިންގުމުގެ ތެރެއަށް މަޖިލިސް ވަންނަ ކަމަށް ތުހުމަތުކުރާ މީހުން ދައްކާ ވާހަކަތަކެވެ.
މަގާމު ހޯދަން ލޮބީ ނުކުރަން ނަޝީދު އެދިވަޑައިގެންފި
މެމްބަރުން ނެގުމުގައި ޖަޒުބާތު ވެގެން ނުވާނެ: ނަޝީދު
މުއައްސަސާތަކަށް މެމްބަރުން ނަގަން ކޮމިޓީއެއް ހަދަނީ!
މަޖިލިހުގެ 16 ކޮމިޓީގެ މުގައްރިރުކަން އެމްޑީޕީ އަށް
ނަޝީދުގެ މައްސަލަ ނުފެށި ކޮމިޓީގައި 2 އަހަރު!
"ރުހުން ނުދިނުމާ ގުޅެނީ ނަޝީދަށް މަގާމު ގެއްލުން"
ނަޝީދު ވަކިކުރާ ގަރާރު ގޯސްކަމަށް ބުނެ ބޭރުކޮށްލައިފި
އެމްޑީޕީން އެދެނީ މަޖިލީހުން ގަވައިދާ ހިލާފު ނުވާން
އާ ރައީސް ހުވާކުރުމަށް ހުރަހެއް ނޭޅޭނެ: ސުޕްރީމް ކޯޓު
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގެ ހުކުމް މިއަދު