Roadha Mihaaru
އެމްއައިބީގެ ހިއްސާ ވިއްކުން އިފުތިތާހުކޮށްފި

އެމްއައިބީގެ ހިއްސާ ވިއްކުން އިފުތިތާހުކޮށްފި

25 ޖުލައި 2019

ރާއްޖޭގައި އިސްލާމީ ޝަރީއާގެ އުސޫލުތަކާ އެއްގޮތަށް ހިންގާ އިސްލާމިކް ބޭންކުގެ އިނީޝަލް ޕަބްލިކް އޮފަރިން (އައިޕީއޯ) ނުވަތަ އާންމުންނަށް ހިއްސާ ވިއްކުން މިރޭ އިފުތިތާހުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި އިސްލާމީ ޝަރީއާގެ އުސޫލުތަކާ އެއްގޮތަށް ހިންގާ އިސްލާމިކް ބޭންކުގެ އިނީޝަލް ޕަބްލިކް އޮފަރިން (އައިޕީއޯ) ނުވަތަ އާންމުންނަށް ހިއްސާ ވިއްކުން މިރޭ އިފުތިތާހުކޮށްފި އެވެ.

އެމްއައިބީ ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް ސްޓޮކް އެކްސްޗޭންޖުގައި ރަޖިސްޓްރީ ކުރުމަށްފަހު އާންމުންނަށް ވިއްކުމަށް ހުށަހަޅާފައިވަނީ 244 މިލިއަން ރުފިޔާގެ ހިއްސާ އެވެ. މިއީ އިސްލާމިކް ބޭންކުގެ 4.5 މިލިއަން ހިއްސާ (157 މިލިއަން ރުފިޔާގެ ހިއްސާ) އާއި އިސްލާމިކް ކޯޕަރޭޝަން އޮފް ދި ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާގެ 2.4 މިލިއަން ހިއްސާ (87 މިލިއަން ރުފިޔާގެ ހިއްސާ) އެވެ. މިއީ ބޭންކްގެ ހިއްސާއިން ބަލާ ނަމަ 31 ޕަސެންޓެވެ.

އާންމުންނަށް ޖުމްލަ 6.9 މިލިއަން ހިއްސާ ވިއްކާ އިރު ހިއްސާއެއް ވިއްކުމަށް ހަމަޖެހިފައިވަނީ 35 ރުފިޔާގެ މަގުންނެވެ. އެމްއައިބީ އިން ހިއްސާ ވިއްކުމަށް ހުޅުވާލާފައިވަނީ މިމަހުގެ 28 އިން ސެޕްޓެމްބަރު މަހުގެ 18 އަށެވެ.

ހިއްސާ ގަތުމުގައި ކޮންމެ މީހަކަށް ވެސް މަދުވެގެން ފުރަތަމަ ގަންނަން ޖެހޭނީ 20 (700 ރުފިޔާ) ގެ ހިއްސާ އެވެ. އަދި އަދަދު އިތުރު ކުރެވޭނީ 10 ހިއްސާގެ ރޭޓުންނެވެ

ހިއްސާ ގަތުމަށް ފަސޭހަ ކުރުމުގެ ގޮތުން ދުނިޔޭގެ ކޮންމެ ތާކު ހުރެގެން ވެސް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ އިންފިނިޓީ ފޯޓަލް މެދުވެރިކޮށް ހިއްސާ ގަނެވޭނެ އެވެ.

އެމްއައިބީން ބުނީ ހިއްސާ ވިއްކުމަށް ހަމަޖެހިފައިވަނީ އެންޑީބީއައިބީގެ ބައިނަލްއަގްވާމީ މާލީ ތަޖުރިބާކާރުންގެ އެހީ އާއި ޝާހު ހުސައިން އެންޑް ކޯގެ ގާނޫނީ ލަފާގެ މަތިން ކަމަށެވެ. މީގެ އިތުރުން އޮޑިޓް ފާމެއްގެ ހައިސިއްޔަތުން ކޭޕީއެމްޖީ އައްޔަނުކޮށްފައިވެ އެވެ.

އިސްލާމިކް ބޭންކް ކުންފުނިން ރާއްޖޭގައި ހިދުމަތްދޭން ފެށީ 2011 ވަނަ އަހަރު އެވެ. އެކުންފުނިން އަންނަނީ އެއް އަހަރުން އަނެއް އަހަރަށް ބޮޑު ކުރިއެރުމެއް ހޯދަމުންނެވެ. އެގޮތުން މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އެކުންފުންޏަށް 52 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 12 މިލިއަން އިތުރު އަދަދެކެވެ.