Roadha Mihaaru
ހަރަމައިން ޖަމާއަތުގެ މައްސަލަ ހިއްސާކުރަން އެދެފި

ހަރަމަ އިން ޖަމާއަތުން އިތުރަށް ފައިސާ ނެގި ނަމަ އެކަން ފުލުހުންނާ ހިއްސާ ކުރުމަށް އެދެފި

21 ޖުލައި 2019

ހައްޖަށް މީހުން ގެންދަން އަލް ހަރަމަ އިން ގްރޫޕަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ވަރަށް ވުރެ އިތުރަށް ފައިސާ ނަގާފައިވާ މީހުން އެކަން ހިއްސާ ކޮށްދިނުމަށް ފުލުހުން މިއަދު އެދިއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ހައްޖަށް މީހުން ގެންދަން އަލް ހަރަމަ އިން ގްރޫޕަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ވަރަށް ވުރެ އިތުރަށް ފައިސާ ނަގާފައިވާ މީހުން އެކަން ހިއްސާ ކޮށްދިނުމަށް ފުލުހުން މިއަދު އެދިއްޖެ އެވެ.

ހަރަމައިން ހަމާއަތުން އިތުރަށް ފައިސާ ނެގި މައްސަލަ ތަހުގީގު ކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ހުށަހެޅުމުން އެ މައްސަލަ އަންނަނީ ބަލަމުންނެވެ. އެ ގުރޫޕަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައި ވަނީ މީހަކަށް 69،965ރ. ނެގުމަށެވެ. ނަމަވެސް އެ ޖަމާއަތުން ހައްޖުވެރިއެއްގެ އަތުން އެއްލައްކަ ރުފިޔާ ނަގާތީ ކަންބޮޑުވުން ފާޅުކުރާ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ހަރަމަ އިން ޖަމާއަތުން އެއްވެސް މީހެއްގެ އަތުން އިތުރަށް ފައިސާ ނަގާފައިވާ ނަމަ އެކަން ފުލުހުންނާ ހިއްސާ ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަނީ ސީރިއަސް ކަމެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ހަރަމަ އިން ޖަމާއަތުގެ މީހުން ހާޒިރުކޮށް ބަޔާން ނަގައިފަ އެވެ.

މި މައްސަލަ ނުނިމިވާއިރު، ދިވެހި ހަައްޖުވެރިންގެ ފުރަތަމަ ގްރޫޕް މިއަދު ވަނީ ފުރައިފަ އެވެ. އޭގެ ތެރޭގައި ހަރަމައިން ޖަމާއަތުގެ އެޑްވާންސް ޓީމު ވެސް ހިމެނެ އެވެ. އެ ޖަމާއަތުގެ ހަވާލުގައި ހައްޖަށް ދާ މީހުން ފުރަން ފަށާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. އިސްލާމިކް މިނިސްޓްރީން ކަނޑަައަޅާ އަގަށް ވުރެ ބޮޑު އަގު ހައްޖުވެރިންގެ އަތުން ނަގާ މައްސަލަ ކޮންމެ އަހަރަކު ވެސް ދިމާވެ އެވެ. އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި މިއަހަރު މިހާތަނަށް އިތުރަށް ފައިސާ ނަގައިގެން ހުށަހަޅާފައިވަނީ ހަރަމައިން ޖަމާއަތުގެ މައްސަލަ އެކަންޏެވެ.