Roadha Mihaaru
މައްކާގައި ދިވެހިން ހާލުގައި ޖެއްސި މައްސަލަ ޕޮލިހަށް

މައްކާގައި ދިވެހިންތަކެއް ހާލުގައި ޖެއްސި މައްސަލަ ޕޮލިހަށް ހުށަހަޅައިފި

24 އޮކްޓޯބަރ 2017

ހައްޖަށް މީހުން ގެންދަން ސަރުކާރުން މި އަހަރު ހުއްދަ ދިން އެއްވެސް ޖަމާއަތަކާ ގުޅުމެއް ނެތި ހަަތަރު ދިވެއްސަކު ހައްޖަށް ފޮނުވައި ހާލުގައި ޖެއްސި މައްސަލަ ބަލައިދިނުމަށް އެދި އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ހުށަހަޅައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހައްޖަށް މީހުން ގެންދަން ސަރުކާރުން މި އަހަރު ހުއްދަ ދިން އެއްވެސް ޖަމާއަތަކާ ގުޅުމެއް ނެތި ހަަތަރު ދިވެއްސަކު ހައްޖަށް ފޮނުވައި ހާލުގައި ޖެއްސި މައްސަލަ ބަލައިދިނުމަށް އެދި އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ހުށަހަޅައިފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ހުށަހަޅާފައިވަނީ، އެ ކަމުގައި ބައިވެރިވި ހަތަރު މީހެއްގެ މައްސަލަ ބަލައިދިނުމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހައްޖަށް މީހުން ގެންދިއުމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން ހުށަހެޅި ހަތަރު މީހެއްގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިނިސްޓްރީން މައްސަލަ ހުށަހެޅީ ކޮން ބަޔަކާ ދެކޮޅަށް ކަމެއް އޮފިޝަލް ވިދާޅެއް ނުވި އެވެ.

ހައްޖުގެ އަޅުކަމަށް މައްކާ އަށް ފޮނުވި ދެމަފިރިއަކާއި އުމުރުން ދުވަސްވީ ދެ ފިރިހެނަކު ހާލުގައި ޖެހުނީ، ރަސްމީ ކޯޓާގެ ބޭރުން އަަދި ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ލިބިފައިނުވާ މީހަކު، ބައެއްގެ އަތުން ފައިސާ ނަގައިގެން ހައްޖަށް ފޮނުވުމުންނެވެ.

ދިވެހި ހައްޖު މިޝަންގެ ރައީސް އިބްރާހިމް އަހުމަދު، ހައްޖު މޫސުމުގައި މައްކާގައި ހުންނަވައި "މިހާރު" އަށް ވިދާޅުވެފައިވާ ގޮތުގައި ހަތަރު ދިވެއްސެއްގެ އަތުން ފައިސާ ނަގައި އެ މީހުން ސައުދީ އަށް ފޮނުވީ އެ މީހުން ތިބޭނެ ހޮޓަލެއްގެ ކަންތައް ވެސް ހަމަނުޖައްސަ އެވެ.

އޭގެ ތެރޭގައި ހިމެނޭ ދެމަފިރިންނާ ހަވާލާދީ އިބްރާހިމް ވިދާޅުވެފައި ވަނީ އެ ދެ މީހުންގެ އަތުން 70،000ރ. ނެގީ އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލް ނަސްރުﷲ މުސްތަފާ ކަމަށް އެ ދެމަފިރިން ބުނާ ކަމަށެވެ. އަދި ހައްޖަށް ދެވޭނެ ކަމުގެ ލިޔުން ވެސް ނަސްރުﷲ ދެއްވި ކަމަށް، އެ ދެމަފިރިންނާ ހަވާލާދީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ވިދާޅުވެފައިވެ އެވެ.

އެ ހަތަރު މީހުން ސައޫދީ އަށް ގޮސް ހާލުގައި ޖެހުމުން، ސަރުކާރުން އަންގައިގެން އެ މީހުންނާ ފަހުން ހަވާލުވީ، ހައްޖު ކޯޕަރޭޝަނުންނެވެ. އަދި ހަތަރު މީހުން ހައްޖުގެ ކަންތައް ފުރިހަމަކުރީ ހައްޖު ކޯޕަރޭޝަނާ އެކުގަ އެވެ.

ހައްޖަށް ގެންދަން ހުއްދަ ދެނީ ވަކި ކުންފުނިތަކަކަށް ކަމަށް ވާއިރު، އަމިއްލަ ގޮތުން މީހުން ހައްޖަކަށް ނޮފޮނުވޭނެ އެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ، އިސްލާމިކް މިނިސްޓްރީން ބަލަން ޖެހޭ ކަންކަން ބަލައި ރިޕޯޓެއް އެކުލަވައިލުމަށް ފަހު އެވެ.

ހަތަރު ދިވެހިންނަށް ސައުދީ އަށް ދެވުނީ ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ ނަމުގައި ވިސާ ޖަހާފައި އޮތުމުންނެވެ.

މީގެ ކުރިން 2012 ވަނަ އަހަރު ހައްޖަށް މީހުން ގެންދާނެ ކަމަށް ބުނެ މަލީޝާ ހައްޖު ޖަމާއަތުން ދުއިސައްތައެއްހާ މީހުންގެ އަތުން 11.9 މިލިއަން ރުފިޔާ ނެގުމަށް ފަހު އެ ކުންފުނީގެ ވެރިޔާ އިސްމާއިލް އަބްދުލްލަތީފު (މާލް) ފިލައިގެން ލަންކާގައި އުޅެނިކޮށް ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ ޝަރީއަތް ދަނީ ކުރިއަށެވެ.