Roadha Mihaaru
ވިއްސާރާގައި ގެއްލުންވެ މިލަންދޫ ސްކޫލް ބަންދުކޮށްފި

ވިއްސާރާގައި ގެއްލުންވެ މިލަންދޫ ސްކޫލުގެ ކިޔެވުން މެދުކަނޑާލައިފި

18 ޖުލައި 2019

ގަދަ ވަޔާއި ވިއްސާރާގައި ށ. މިލަންދޫ ސްކޫލުގެ ސީލިންގުން ބައެއް މިއަދު ވެއްޓި ބައެއް ގެއްލުންތައް ވުމުން ސްކޫލްގެ ކިޔެވުން މިއަދަށް ކެންސަލްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގަދަ ވަޔާއި ވިއްސާރާގައި ށ. މިލަންދޫ ސްކޫލުގެ ސީލިންގުން ބައެއް މިއަދު ވެއްޓި ބައެއް ގެއްލުންތައް ވުމުން ސްކޫލްގެ ކިޔެވުން މިއަދަށް ކެންސަލްކޮށްފި އެވެ.

މިއީ އަތޮޅު ތެރޭގައި ހުންނަ އެންމެ ބޮޑު ސްކޫލެވެ.

މިލަންދޫ ރަށު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ތިން ކްލާސްރޫމެއްގެ ސީލިންގުން ބައެއް ވެއްޓިފައިވާ ކަމަށެވެ. އެކަން ހިނގީ ކްލާސްރޫމުގައި ދަރިވަރުން ވެސް ތިއްބަ އެވެ. ނަމަވެސް އެއްވެސް ކުއްޖަކަށް އަނިޔާއެއް ނުލިބެ އެވެ.

ޝިޔާމް ވިދާޅުވީ 583 ދަރިވަރުން އުޅޭ ސްކޫލްގެ ކްލާސްރޫމުތަކަށް ވެސް ފެން ވަދެފައިވާ ކަމަށެވެ. އޭގެ އިތުރުން ކޮމްޕިއުޓާ ލެބަށް ވެސް ފެނުގެ އަސަރުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އެހެންވެ ހެނދުނު 8:30 ހާއިރު އިންޓަވަލަށް ފަހު ސްކޫލުގެ ކިޔެވުން ވަނީ ބަންދުކޮށްފަ އެވެ.

އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން 2015 ވަނަ އަހަރު ހަދަން ފަށައި މިދިޔަ އަހަރު ކިޔެވުން ފެށި އެ ސްކޫލަށް ސަރުކާރުން 57 މިލިއަން ރުފިޔާ ހޭދަކުރި އެވެ. އެ އިމާރާތުގައި 27 ކްލާސްރޫމް ހުރެ އެވެ.

އެތަން ބޭނުންކުރަން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވެސް ކްލާސްރޫމެއްގެ ސީލިންގުން ބައެއް ވެއްޓުނު ކަމަށް ކުރިން ސޯޝަލް މީޑިއާގައި އަޑު ފެތުރެނެވެ. ނަމަވެސް އެސްޖޭ ކުންފުނިން ބުނީ ސީލިންގުން ބައެއް ނައްޓާލީ ސްކޫލުން އެދިގެން ސީއެސްއާރުގެ ދަށުން ކޮމްޕިއުޓަރު ލެބުގައި އިތުރު ލައިޓްތަކެއް ހަރުކޮށް އެތަނުގައި ޕްރޮޖެކްޓަރެއް ހަރުކޮށް އެއަށް ބޭނުންވާ ކޭބަލްތައް އެޅުމުގެ މަސައްކަތް ކުރުމަށެވެ.

ޝިޔާމް ވިދާޅުވީ އިމާރާތް ހަދާފައިވަނީ ވަރަށް ފެންވަރު ދަށްކޮށް ކަމަށާއި މިހާރުން މިހާރަށް ސީލިންގު ބަދަލުކުރުން މުހިންމު ކަމަށެވެ.