16 އޯގަސްޓް 2024
ރާއްޖެއަށް ވާރޭ ވެހޭ އަދަދުތަކުން "އަދާޔާ ހިލާފު" ކަމެއް ފެންނާކަށް ނެތެވެ. އެކަމަކު، އަހަރުން އަހަރަށް ބަލައިފި ނަމަ ވާރޭ ވެހޭ ދުވަސްތައް ދަނީ މަދުވަމުންނެވެ. މޫސުމީ ތަފާސްހިސާބުތަކުން އެކަމަށް ބާރު ދެ އެވެ. ނަމަވެސް، ވާރޭ ވެހޭ ގޮތަށް "އާދަޔާ ހިލާފު" ބަދަލުތަކެއް އަންނަމުންދާ ކަން ވަނީ ފާހަގަކުރެވިފަ އެވެ. އެ ބަދަލުތައް ދިރާސާކޮށް، ބެލުން އަދި އޮތީ އެވެ.
ރާއްޖެއަށް ވާރޭ ވެހޭ އަދަދުތަކުން "އަދާޔާ ހިލާފު" ކަމެއް ފެންނާކަށް ނެތެވެ. އެކަމަކު، އަހަރުން އަހަރަށް ބަލައިފި ނަމަ ވާރޭ ވެހޭ ދުވަސްތައް ދަނީ މަދުވަމުންނެވެ. މޫސުމީ ތަފާސްހިސާބުތަކުން އެކަމަށް ބާރު ދެ އެވެ. ނަމަވެސް، ވާރޭ ވެހޭ ގޮތަށް "އާދަޔާ ހިލާފު" ބަދަލުތަކެއް އަންނަމުންދާ ކަން ވަނީ ފާހަގަކުރެވިފަ އެވެ. އެ ބަދަލުތައް ދިރާސާކޮށް، ބެލުން އަދި އޮތީ އެވެ.
ހުޅަނގު މޫސުމުގެ ބާރު ގަދަވެ، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ރާއްޖެއަށް މޫސުން ވަރަށް ގޯހެވެ. މާލެ އާއި ރަށްރަށުގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތައް ލިބުނެވެ. ހާލުގައި ޖެހިގެން ބައެއް މީހުން ވަގުތީ ހިޔާތަކަށް ވެސް ބަދަލުކުރަން ޖެހުނެވެ. ވިއްސާރަ އަދިވެސް ކަނޑާނުލަ އެވެ. އެހާ ވައިގަދަ އެވެ. ކަނޑުތައް ވެސް ގަދަ އެވެ.
ވިއްސާރާގައި ކުޑަ ނަގައިގެން މާލޭގެ މަގެއް މަތީގައި ބަޔަކު މަޑުކޮށްލައިގެން.-- ފޮޓޯ: މިހާރު
މޫސުން ވަރަށް ބޮޑަށް ގޯސްވާނެތީ، ތައްޔާރުވެ ތިބުމަށްޓަކައި މެޓް އޮފީހުން ދުރާލައި، މިދިޔަ ހަފުތާގައި އިންޒާރު ދިނެވެ. އަދި ބޭރުގެ ބައެއް މޫސުމީ އިދާރާތަކުން ވެސް ވަނީ ވެރިރަށް މާލެ އަށް އެވްރެޖުކޮށް މަހަކު ވާރޭ ވެހޭ ވަރަށް ވުރެ ގިނައިން އެންމެ ދެތިން ދުވަސް ތެރޭގައި ވެހޭނެ ކަމަށް ލަފާކޮށްފަ އެވެ.
މޫސުމީ ރެކޯޑުތައް ދައްކާ ގޮތުން، މިދިޔަ ހޯމަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް މާލެއަށް ވަނީ 190 މިލިމީޓަރުގެ ވާރޭ ވެހިފަ އެވެ. ކޮންމެ އަހަރަކު އޯގަސްޓް މަހު މާލެއަށް އެވްރެޖުކޮށް ވެހެނީ 193 މިލިމީޓަރުގެ ވާރޭ އެވެ. އެހެންވީމަ، މިދިޔަ ހަތަރު ދުވަހު މާލެއަށް ވެހުނީ ގާތްގަނޑަކަށް އެއް މަސްދުވަހުގެ ވާރޭ އެވެ.
ވިއްސާރަ މޫސުމުގައި އެވްރެޖުކޮށް ރަށްރަށަށް މަހަކު 100-200 މިލިމީޓަރުގެ ވާރޭ ވެހެ އެވެ.
މާލެއަށް އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް މިހާތަނަށް ރެކޯޑް ކުރެވިފައި ވަނީ ޑިސެމްބަރު 5، 2018 ގަ އެވެ. އެއީ 223.5 މިލިމީޓަރުގެ ވާރޭ އެވެ.
ރާއްޖޭގެ ވިއްސާރައިގެ ރެކޯޑުތައް | މައުލޫމާތު: މެޓް އޮފީސް
ރާއްޖެއަށް ހުޅަނގު މޫސުން ފެށެނީ މެއި މަހު އެވެ. މި މޫސުމުގައި މެއި މަހުން ފެށިގެން ކުރާ ވިއްސާރަ އަށް ފަހު، އޯގަސްޓް މަހަކީ ރާއްޖޭގެ ބޮޑު ބަޔަކަށް އެންމެ ވިއްސާރަ ކުރާ އެއް މަހެވެ.
ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން "ސަރުކާރު" ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި، ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖެ އަށް ފެށެނީ އިންޓަ ޓްރޮޕިކަލް ކޮންވާޖަންސް ޒޯން ނުވަތަ ދުނިޔޭގެ އުތުރު ބިތާއި ދެކުނު ބިތުން ޖެހޭ ވައި ގުޅޭ ހިސާބުގައި އުފެދޭ ވިއްސާރަ ވިލާތައް ރާއްޖޭގެ ދެކުނުން އައްޑޫގެ ސަރަހައްދަށް މެއި މަހުގައި އެރުމުންނެވެ.
މި ވިލާތައް މަޑުމަޑުން މެދު ރާއްޖޭގެ އަތޮޅުތަކަށާއި އުތުރަށް ފެތުރި ގަނެ އެވެ. އަދި އިންޑިއާ އާއި ދެކުނު އޭޝިއާގެ އެހެން ގައުމުތަކާ ހަމައަށް ފޯރަ އެވެ.
އިރު ވަށައި ދުނިޔެ ދައުރުކުރަމުން ދާ ގޮތުގެ ސަބަބުން މި ވިއްސާރަ ވިލާތައް އޯގަސްޓް މަހު މަޑުމަޑުން އަނެއްކާ ވެސް ދެކުނަށް ޖެހެ އެވެ. ދެކުނު އިންޑިއާ ފަސްދީ، ރާއްޖޭގެ މައްޗަށް އެރުމަށް ފަހު ޑިސެމްބަރުގައި އައްޑޫ ފަސްދީ، ދިއުމުން ރާއްޖެ ސަރަހައްދަށް އިރުވައި މޫސުން ޖެނުއަރީ މަހުގައި ފެށެ އެވެ.
ވާރޭގައި މާލޭގައި ފެންބޮޑުވެފައި އޮތް މަގަކުން މީހަކު ހިނގާފައި ދަނީ.-- ފޮޓޯ: މިހާރު
މެޓުން ބުނީ މި ވިލާތައް ދައުރުވާ ދައުރުވުމަށް އެކި އަހަރު ކޮންމެވެސް ވަރެއްގެ ތަފާތުތަކެއް ގެނުވާ އިތުރު ކަންކަން ހުންނަ ކަމަށެވެ. އެއްކަމަކީ ދިގު މުއްދަތަކަށް ބޮޑު ސަރަހައްދަކަށް އަންނަ ބަދަލުތައް ކަމަށް އެ އިދާރާއިން ބުންޏެވެ.
"މި ދުވަސްވަރު އެގޮތުން ފާހަގަކުރެވެނީ އިންޑިއަން އޯޝަން ޑައިޕޯލް (އައިއޯޑީ) ޕޮޒިޓިވް ހާލަތުގައި ހުރުމެވެ. މި ހާލަތުގައި ހުޅަނގު އިންޑިއާ ކަނޑުގެ ހޫނުމިން އިރުމަތީ ބިތަށް ވުރެ މަތިވެ އެވެ. އެހެންކަމުން ރާއްޖެ ސަރަހައްދުގައި ވިއްސާރަ ވިލާ އުފެދުމުގެ ފުރުސަތު ބޮޑުވެ އެވެ،" އެ އޮފީހުން ބުންޏެވެ.
"ދެ ވަނަ ކަމަކީ ކުރު މުއްދަތަކަށް ކުޑަ ސަރަހައްދަކަށް އަންނަ ބަދަލުތަކެވެ. އެގޮތުން މި ދުވަސްވަރު ފާހަގަކުރެވެނީ މޭޑަން ޖޫލިއަން އޮސިލޭޝަން (އެމްޖޭއޯ)އޭ ކިޔާ ދައުރުވުމެއް މި ސަރަހައްދުގައި ބާރުގަދަވުމެވެ. އެމްޖޭއޯ އަކީ ދުނިޔޭގެ ޓްރޮޕިކަލް ސަރަހައްދުގައި ހުޅަނގުން އިރަށް ދައުރުވާ ދައުރުވުމަކަށް ކިޔާ ނަމެކެވެ."
މެޓް އޮފީހުން ބުނި ގޮތުގައި، އެމްޖޭއޯގެ ބާރުގަދަވާއިރު، ވައިގަދަވުމާއި ވިއްސާރަ ވިލާ އުފެދުމުގެ ފުރުސަތު ބޮޑުވެ އެވެ. އެމްޖޭއޯ ދުނިޔެ ވަށައި ދައުރު ވަނީ ގާތްގަނޑަކަށް 45 ދުވަހުންނެވެ.
އާންމުކޮށް އޯގަސްޓް މަހުގެ 12 ހިސާބުގައި އެމްޖޭއޯ އިރުމަތީ އެޕްރިކާ ސަރަހައްދު ދޫކޮށް، އަރަބި ކަނޑު ސަރަހައްދަށް އަރަ އެވެ. އަދި އޯގަސްޓް 18 ހިސާބުގައި ރާއްޖެ މަތިން އިރަށް ޖެހޭނެ ކަމަށް ބެލެވެ އެވެ.
"އެމްޖޭއޯގެ ސަބަބުން ބޮޑަށް މޫސުން ގޯސްވެގެންދަނީ އެ އަށް ބާރުދޭނެ އިތުރު ކަންކަން ހުރުމުންނެވެ. މި ހަފުތާއަށް ބަލާ ނަމަ، އެއީ އިންޓަ ޓްރޮޕިކަލް ކޮންވާޖަންސް ޒޯންގެ ވައި އަދި ޕޮޒިޓިވް އައިއޯޑީގެ ކަނޑުގެ ހޫނު ކަމެވެ،" މެޓުން ބުންޏެވެ.
ރާއްޖޭގެ މޫސުމީ ރެކޯޑުތައް | މައުލޫމާތު: މެޓް އޮފީސް
އެވްރެޖުކޮށް ރާއްޖެއަށް އަހަރަކު ވެހެނީ 2،000 މިލިމީޓަރުގެ ވާރޭ އެވެ.
މެޓް އޮފީހުގެ މީޓިއޮރޮލޮޖިސްޓް އަހްމަދު ޝާބިން ވިދާޅުވީ ވާރޭ ވެހޭ އަދަދުތަކުން "އާދަޔާ ހިލާފު" ބަދަލެއް އަދި ފާހަގަނުވާ ކަމަށެވެ. ނަމަވެސް، ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވާރޭ ވެހޭ ވަރު ކުރިއަށް ވުރެ ވަރަށް ބޮޑުތަނުން އިތުރު ވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މާލެ އަށް މިދިޔަ ބުދަ ދުވަހު 89.4 މިލިމީޓަރުގެ ވާރޭ ވެހުނު. އޭގެ ތެރެއިން 80 މިލިމީޓަރުގެ ވާރެއަކީ މެންދުރު ފަހު، ތިން ގަޑިއިރުގެ ތެރޭގައި ވެހުނު ވާރޭ. އެހެންވީމާ އެއީ ފުދޭވަރެއްގެ ބޮޑު އަދަދެއް، އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވެހެން،" އޭނާ ވިދާޅުވި އެވެ.
ކުރިން އެވްރެޖުކޮށް މާލެއަށް 3-4 ގަޑިއިރުގެ ތެރޭގައި ވެހެނީ 40-45 މިލިމީޓަރުގެ ވާރޭ އެވެ. އެހެންވެ، ބުދަ ދުވަހު މާލެއަށް ވާރޭ ވެހުނީ އާންމުކޮށް އެވަރުގެ ވަގުތުކޮޅެއްގެ ތެރޭގައި ވެހޭ ވަރަށް ވުރެ ދެ ގުނަ އިތުރަށެވެ.
މާލެއަށް ވިއްސާރަ ދުވަހެއްގައި ކުޑަ އަޅައިގެން ތިބި އަންހެނަކާއި ކުޑަކުއްޖަކު މަގު ހުރަސްކުރަނީ.-- ފޮޓޯ: މިހާރު
މެޓް އޮފީހުގައި ހުރި ރާއްޖޭގެ ފަސް ސަރަހައްދެއްގެ މިދިޔަ 30 އަހަރުގެ ޑޭޓާތަކުން، އެއް އަހަރުން އަނެއް އަހަރަށް ޖުމްލަކޮށް ވާރޭ ވެހޭ އަދަދުގައި މާ ބޮޑު ތަފާތެއް ފާހަގަވާކަށް އަދި ނެތެވެ.
"[ވާރޭ ވެހޭ ވަރު] މަދުވަނީއެއް ވެސް ނޫން، ގިނަވަނީއެއް ވެސް ނޫން. އެކަމަކު އެއް އަހަރުން އަނެއް އަހަރަށް ވާރޭ ވެހޭ ދުވަހުގެ އަދަދު މަދުވަމުން ދަނީ،" ޝާބިން ވިދާޅުވި އެވެ.
އޭގެ އައުޓްޕުޓަކީ ވެހޭއިރުގައި ބޯކޮށް ވެހެނިއްޔޭ. އެ ކަހަލަ ދުވަސްތައް ގިނަވާނެއޭ މޫސުން ބަދަލުވަމުންދާ ވަރަކަށް: ޝާބިން، މީޓިއޮރޮލޮޖިސްޓް
"އޭގެ އައުޓްޕުޓަކީ ވެހޭއިރުގައި ބޯކޮށް ވެހެނިއްޔޭ. އެ ކަހަލަ ދުވަސްތައް ގިނަވާނެއޭ މޫސުން ބަދަލުވަމުންދާ ވަރަކަށް."
އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، އެއްފަހަރާ މާ ގިނައިން ވާރޭ ވެހުމުން ފެންބޮޑުވުމުގެ ހާދިސާތައް ވެސް އިތުރުވަނީ އެވެ.
މިހާރު މި ފެންނަ ބަދަލުތަކުގެ އަސްލު އަންދާޒާ ކުރެވޭނީ މޫސުމީ ޑޭޓާތައް އިތުރަށް އެނަލައިޒްކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ވިއްސާރައިގައި ފެން ބޮޑުވެފައި އޮތް މާލޭގެ މަގެއްގެ ޓްރެފިކް ފުލުހަކު ބަލަހައްޓަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ޝާބިން ވިދާޅުވީ މިހާރު ރާއްޖެއަށް މި ކުރާ ވިއްސާރަ އަލިވާނެ ކަމަށް ލަފާކުރެވެނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކަމަށެވެ. ވައި މަޑުވާން ފަށާނެ ކަމަށް ބެލެވެނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަގީގަތަކީ މޫސުމީ ބަދަލުތައް ވަރަށް ބޮޑަށް ތަޖުރިބާކުރަން ޖެހިއްޖެ ކަމެކެވެ. ކުޑަ އިރުކޮޅަކަށް ވެހިލާ ވާރޭއިން ވެސް ރަށްރަށުގައި ދަނީ ފެންބޮޑުވަމުންނެވެ. އެ ކުޑަކުޑަ ވަގުތުކޮޅުގެ ތެރޭގައި އަހަރެމެންގެ އާންމު ދިރިއުޅުމަށް ވަރަށް ބޮޑަށް ބުރޫއަރަ އެވެ. އަދި ބޮޑެތި ގެއްލުންތައް ވެސް ލިބެ އެވެ. އެހެންވެ، މި ކަހަލަ ގުދުރަތީ ކާރިސާތަކުން ދުރާލައި ރައްކާތެރިވެ ތިބުމުގެ ނިޒާމު ވަރަށް ބޮޑަށް ހަރުދަނާކުރަން ވަނީ ޖެހިފަ އެވެ.
ބޯވާރޭގައި މުޅި މާލެ ފެންބޮޑުވެއްޖެ
ދަރަވަންދުއަށް އިއްޔެ 65 މޭލަށް ވައިބާރުވި
ހޯމަ ދުވަހާ ހަމައަށް ވައި މަޑެއް ނުވާނެ: މެޓް
ވަރަށް ގަދަ، ހުޅުލެއަށް 58 މޭލަށް ވައި ގަދަވި
ފުވައްމުލަކަށް އިއްޔެ 120 މިލިމީޓަރުގެ ވާރޭ
މެޓްގެ ވެދާ ރާޑަރު އަލުން ބޭނުންކުރަން ފަށައިފި
މި ހަފުތާގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސް
ސްކޫލް ބަންދާ އެކު މުޅި ރާއްޖެއަށް ވިއްސާރަ
މިރޭ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސް
ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވިއްސާރަކުރާނެ