Roadha Mihaaru
ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވިއްސާރަކުރާނެ

ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވިއްސާރަކުރާނެ

20 އޯގަސްޓް 2024

ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވެސް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ލަފާކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވެސް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ލަފާކޮށްފި އެވެ.

ބޯކޮށް ވާރޭވެހުމާ އެކު، ގުގުރައި އަދި ވައިބާރުވެ، ކަނޑުތައް ވެސް ގަދަވާނެތީ މެޓް އޮފީހުން ދެންމެ ވަނީ މުޅި ރާއްޖެއަށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ. މި އެލާޓް ނެރެފައި ވަނީ މިއަދު އިރުއޮއްސި 6:00 ގެ ނިޔަލަށެވެ.

ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ކުރި ބުނި ގޮތުގައި، ހުޅަނގު މޫސުމުގެ ބާރުގަދަވެ، މިދިޔަ ހަފުތާގައި ރާއްޖެއަށް ކުރި ގަދަ ވިއްސާރައަށް ފަހު އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެ އެވެ.

މިދިޔަ ހަފުތާގައި ރާއްޖެއަށް ކުރި ވިއްސާރާގައި މާލެ އާއި ރަށްރަށުގައި ފެންބޮޑުވެ އެކި ވަރުގެ ގެއްލުން ލިބިފައިވެ އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިއްޔެ ބުނި ގޮތުގައި، ވިއްސާރާގައި 13 ރަށަކުން 77 ގެއަކަށް ގެއްލުން ލިބިފައިވެ އެވެ. އަދި މާލެއަށް ކުރި ވިއްސާރާގައި އިމާރާތްތަކަށާއި ހިފައި ގެންގުޅޭ ތަކެއްޗަށް 819،549ރ. ގެ ގެއްލުން ލިބިފައިވެ އެވެ. މާލޭގެ 41 ގެއަކަށް ގެއްލުން ލިބުނެވެ.

ވިއްސާރާގައި އެންމެ ބޮޑަށް އަސަރު ކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ. ބާރަށާއި ހއ. ދިއްދު އާއި ހދ. ކުޅުދުއްފުށްޓާއި ޅ. ނައިފަރާއި ޅ. ކުރެންދު އާއި ގއ. ދެއްވަދު އާއި ސ. މަރަދު އާއި ސ. ފޭދޫ އަދި ސ. ހިތަދު އެވެ.