Roadha Mihaaru
24ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހުމުގެ ރެކޯޑު ކެލައަށް

ރާއްޖޭގެ ރަށަކަށް 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނު ކަމުގެ ރެކޯޑު ކެލައަށް

13 އޯގަސްޓް 2024

ހއ. ކެލައަށް އިއްޔެ ވަރަށް ބޯކޮށް ވާރޭވެހި، 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހުނު ކަމަށް ރެކޯޑް ކުރެވުނު ރަށަކަށް ވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހއ. ކެލައަށް އިއްޔެ ވަރަށް ބޯކޮށް ވާރޭވެހި، 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހުނު ކަމަށް ރެކޯޑް ކުރެވުނު ރަށަކަށް ވެއްޖެ އެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިދިޔަ ތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި، ވައިގަދަވެފައިވާ ކަމަށެވެ. އަދި އިއްޔެ އެންމެ ބޯކޮށް ވާރޭވެހުނު ކަމަށް ރެކޯޑް ކުރެވިފައި ވަނީ ހއ. ކެލާގެ އޮޓޮމެޓިކް ވެދާ ސްޓޭޝަނަށް ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

ކެލައަށް އިއްޔެ ވަނީ 231.5 މިލިމީޓަރުގެ ވާރޭވެހިފަ އެވެ.

"މިއީ މިހާތަނަށް އޮޓޮމެޓިކް ވެދާ ސްޓޭޝަނަކުން 24 ގަޑިއިރަށް ރެކޯޑްކުރެވިފައިވާ އެންމެ މަތީ އަދަދެވެ،" އެ ބަޔާނުގައި ބުންޏެވެ.

ވިލާގަނޑުގައި އެންމެ ވައިގަދަވެފައިވާ ކަމަށް އިއްޔެ ރެކޯޑް ކުރެވިފައި ވަނީ ފ. ނިލަންދު އަށެވެ. އެއީ، ގަޑިއަކު 46 މޭލަށެވެ.

ގަދަ ވިއްސާރައިގައި ދޯންޏެއް ދަތުރުކުރަނީ: ކުރިއަށް އޮތް 24 ގަޑިއިރު ވަރަށް ވައިގަދާނެ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ގަދަ ވިއްސާރައިގައި ދޯންޏެއް ދަތުރުކުރަނީ: ކުރިއަށް އޮތް 24 ގަޑިއިރު ވަރަށް ވައިގަދާނެ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިހާރު އެންމެ މޫސުން ގޯހީ ރާއްޖޭގެ އުތުރުގެ ރަށްތަކަށެވެ. މެޓުން އިއްޔެ ވަނީ ހަތަރު ގަޑިއިރަށް ހއ. އަތޮޅުން ފެށިގެން ށ. އަތޮޅަށް އޮރެންޖު އެލާޓް ވެސް ނެރެފަ އެވެ. އެ ހިސާބުގެ ބައެއް ރަށްތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެގެން އެންޑީއެމްއާ އަށް ރިޕޯޓު ވެސް ކޮށްފައިވެ އެވެ.

މެޓް އޮފީހުން "މިހާރު" އަށް ކުރިން ދީފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، މީގެ ކުރިން ރާއްޖޭގެ ރަށަކަށް 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭ ވެހުނު ކަމަށް ރެކޯޑް ކުރެވިފައި ވަނީ ނޮވެމްބަރު 24، 2015 ގަ އެވެ. އެއީ ސ. ގަމަށް ވެހުނު 228.4 މިލިލީޓަރުގެ ވާރޭ އެވެ.

މާލެއަށް މިހާތަނަށް އެންމެ ގިނައިން ވާރޭވެހުނީ ޑިސެމްބަރު 5، 2018 ގައި، 223.5 މިލިމީޓަރުގެ ވާރޭ އެވެ. މާލެއަށް އިއްޔެ ވެހުނީ 8.1 މިލިމީޓަރުގެ ވާރޭ އެވެ.

ކުރިއަށް އޮތް ފަސް ދުވަހު ވަރަށް ގަދަވާނެ

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާކޮށް، ވަރަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އުތުރާއި މެދު ރާއްޖެ ތެރޭގެ ރަށްތަކަށް ވައިޖެހެނީ 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ދެކުނުގެ ރަށްތަކަށް ވައިޖެހޭނީ ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވުން އެކަށީގެންވެ އެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ވެސް ގަދަވެ، ވިލާގަނޑުގައި ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ބުނީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރަށްރަށަށް އުދަ އެރުން ވެސް އެކަށީގެންވާ ކަމަށެވެ.