Roadha Mihaaru
ފުވައްމުލަކު ފަރަށް އެރި އާގު ބޯޓު ފުންކޮށްފި

ފުވައްމުލަކު ފަރަށް އެރި ބޯޓު، މަހެއް ފަހުން ފުންކޮށްފި

15 ސެޕްޓެމްބަރ 2016

ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް އެރި ވިއެޓްނާމްގެ އާގު ބޯޓު، މަހަކަށް ވުރެ ގިނަ ދުވަހަށް ފަހު މިއަދު ފުންކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް އެރި ވިއެޓްނާމްގެ އާގު ބޯޓު، މަހަކަށް ވުރެ ގިނަ ދުވަހަށް ފަހު މިއަދު ފުންކޮށްފި އެވެ.

މިދިޔަ މަހުގެ 13 ގައި ފަރަށް އެރި ބޯޓު ފުންކުރީ ބޯޓުގައި ހުރި 5700 ޓަނުގެ ހިލަ އާއި ހިލަވެލީގެ ތެރެއިން 5000 އެއްހާ ޓަނުގެ އެއްޗެހި މޫދަށް އުކާލައި، ބޯޓު ލުއިކުރުމަށް ފަހު ދެ ޓަގު ބޭނުންކޮށްގެންނެވެ.

ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ނިޒާމަށް ބޭނުންވާ ސާމާނު ހިފައިގެން ދިޔަ "އެމްވީ އެންޖީއޯސީ ސަން" ބޯޓުގައި ހުރި ހިލަ އާއި ހިލަވެލިތައް މޫދަށް އުކާލަން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހުއްދަ ދިނީ އެ ނޫން ގޮތަކަށް ބޯޓު ފުންކުރެވޭނެ ގޮތެއް ނެތުމުން ކަމަށްވެ އެވެ.

ބޯޓު އެގޮތަށް ފަރުމަތީ އޮވެއްޖެ ނަމަ ތިމާވެއްޓަށް މާ ބޮޑު ގެއްލުންތަކެއް ލިބިދާނެ ކަމަށް އީޕީއޭ އިން ދެކެ އެވެ.

ބޯޓު ފުންކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. އެކަމުގައި އުޅުނު މީހަކު ބުނީ ބޯޓު ފުންކުރުމަށް ފަހު ރަށާ ދުރަށް ގެންގޮސްފައިވާ ކަމަށެވެ.

"ފަރާއި ބޯޓާ ދެމެދު 2500 އެއްހާ ފޫޓުގެ ދުރުމިނެއް މިހާރު އެބަހުރި،" އޭނާ ބުންޏެވެ.

"މޫދަށް އުކާލާފައި ހުރި ހިލަތައް އެބަ ފެނޭ ފަރުމަތީގައި ހުއްޓާ. ހިލަތައް އުކާލި ސަރަހައްދު ކަޅުކޮށް އޮތީ."

މި ބޯޓު ފުވައްމަލަކަށް ދިޔައީ ފެނާއި ނަރުދަމާގެ ނިޒާމްގެ މަސައްކަތް ހަވާލުކޮށްފައިވާ ސްރީ ލަންކާގެ ސިއެރާ ކުންފުނީގެ އޯޑަރަށް ގެނައި މުދާ ހުސްކުރާށެވެ.

އިންޑިއާގެ ޓުޓިކޮރިން އިން ރާއްޖެ އަށް މުދާ ބަރުކޮށްގެން މާލޭ ބަނދަރަށް ވަދެ، ކްލިއަރެންސް ހޯދުމަށް ފަހު ފުވައްމުލަކަށް މުދާ ބާލަން އުޅެނިކޮށް ފަރަށް އެރި ބޯޓު ފުންކުރި އިރު އެއިން ކޮންމެވެސް ވަރަކަށް ތެޔޮ ވެސް ލީކްވާން ފެށި އެވެ.

މިހާރު ވެސް އެ ސަރަހައްދަށް ލިބިދާނެ ގެއްލުމަކާ މެދު ފުވައްމުލަކުގެ ގިނަ ބަޔަކު ކަންބޮޑުވެ އެވެ.

ދިގު މިނުގައި 102.79 މީޓަރު، ފުޅާމިނުގައި 17 މީޓަރު ހުރި ބޯޓު ޖޫރިމަނާކުރާނެ ކަމަށް ބެލެވެ އެވެ. ކުރިން މިފަދަ ހާދިސާތަކުގައި ހިމެނޭ ބޯޓުފަހަރު ވަނީ ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފަ އެވެ.