Roadha Mihaaru
ހިލައިގެ ބޮޑު ބައެއް އުކާލުމުން ވެސް ބޯޓު ފުނެއްނުވި

ހިލައިގެ ބޮޑު ބައެއް އުކާލުމުން ވެސް ބޯޓު ފުނެއް ނުކުރެވުނު

10 ސެޕްޓެމްބަރ 2016

ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް އެރި ވިއެޓްނާމްގެ އާގު ބޯޓުގައި ހުރި 3000 ޓަނަށް ވުރެ ގިނަ ހިލަ (3000 ޖަމްބޯ ބޭގް) ފަރުމައްޗަށް އުކާލުމުން ވެސް ބޯޓު ފުންކުރެވޭ ގޮތް ނުވުމުން ދެން ހުރި ހިލަތައް ވެސް މޫދަށް އުކާލަން ފަށައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް އެރި ވިއެޓްނާމްގެ އާގު ބޯޓުގައި ހުރި 3000 ޓަނަށް ވުރެ ގިނަ ހިލަ (3000 ޖަމްބޯ ބޭގް) ފަރުމައްޗަށް އުކާލުމުން ވެސް ބޯޓު ފުންކުރެވޭ ގޮތް ނުވުމުން ދެން ހުރި ހިލަތައް ވެސް މޫދަށް އުކާލަން ފަށައިފި އެވެ.

"އެމްވީ އެންޖީއޯސީ ސަން" ބޯޓު މިދިޔަ މަހުގެ 13 ގައި ފަރަށް އެރުމާ ގުޅިގެން އެ ބޯޓުގައި ހުރި 5700 ޖަމްބޯ ބޭގްގެ ތެރެއިން ދެ ބައިކުޅަ އެއް ބައި ހިލަ އުކާލަން ނިންމީ ބޯޓު ލުއި ކުރުމަށެވެ. ނަމަވެސް ޓަގެއް ބޭނުންކޮށްގެން ބޯޓުގައި ހިފަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.

ބޯޓު ފުން ކުރުމުގެ މަސައްކަތުގައި އުޅޭ މީހުން ބުނި ގޮތުގައި ބޯޓު އޮތީ ގާތްގަނޑަކަށް ފަރުމަތީގަ އެވެ. އަދި ބޯޓު ފަރަށް އެރި ދިމާލަކީ ބޮޑެތި ބާނިތައް އުފެދޭ ދިމާލަކަށް ވުމުން ދޭތެރެ ދޭތެރެއިން ބޯޓަށް ބޮޑެތި ރާޅު ބިންދަމުންދާ ކަމަށް ވެސް އެމީހުން ބުންޏެވެ.

ފުވައްމުލަކުގެ ފެނާއި ނަރުދަމާ ނިޒާމަށް ބޭނުންވާ މުދާ ހިފައިިގެން އެ ރަށަށް ދިޔަ ބޯޓު ފުން ކުރުމުގެ މަސައްކަތުގައި އުޅޭ މީހަކު މިއަދު ބުނީ ޓަގު ބޭނުންކޮށްގެން ބޯޓު ހިފާލި ވަގުތު ބޯޓަށާއި ފަރަށް އިތުރު ގެއްލުމެއް ލިބިދާނެ ކަމަށް ފެނުމުން ބޯޓުގައި ހުރި މުދާތައް ފަރުމައްޗަށް އުކާލަމުންދާ ކަމަށެވެ.

"ބޯޓަށް ލިބިދާނެ ގެއްލުމަށް ބަލާފައި ހިފަން ނުކުރެނީ. ހިފޭނެ ކަމުގެ ޔަގީންކަން ލިބެންދެން ބޯޓުގައި ހުރި ހުރިހާ މުދާތައް ހުސް ކުރަން ވަނީ ނިންމާފައި،" އޭނާ ބުންޏެވެ.

"ބޯޓުގައި ހިފަން ވަންދެކަށް ބޯޓުގައި ހުރި އެއްޗެއް ވިއްޔާ މޫދަށް އުކާލާ ގޮތަށް އޮތީ،"

ދިގު މިނުގައި 102.79 މީޓަރު، ފުޅާމިނުގައި 17 މީޓަރު ހުރި ބޯޓުގައި 5700 ގޯނީގެ ހިލަ އާއި ހިލަވެލި ހުރި ބޯޓު ފުން ކުރުމުގެ މަސައްކަތުގައި އުޅެނީ ސިންގަޕޫރުގެ ސެލްވޭޖް ކުންފުންޏެވެ. ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރަަން ސަރުކާރުން ހަވާލުކުރީ ސްރީ ލަންކާގެ ސިއެރާ ކުންފުންޏާ އެވެ.

ބޯޓު ފަރަށް އެރީ އިންޑިއާގެ ޓުޓިކޮރިން އިން ރާއްޖެ އަށް މުދާ ބަރުކޮށްގެން މާލެ ބަނދަރަށް ވަދެ، ކްލިއަރެންސް ހޯދުމަށް ފަހު ފުވައްމުލަކަށް މުދާ ބާލަން އުޅެނިކޮށެވެ. ބޯޓު ފުން ކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ދިން 15 ދުވަހުގެ މުއްދަތުގައި އެކަން ނުވެގެން އަލުން ދިން 15 ދުުވަހުގެ މުއްދަތު އަންނަ ހަފްތާގައި ހަމަވާނެ ކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.

ބޯޓު ފަރަށް އެރި ދިމާލަކީ ޑައިވް ކުރުމަށް ހާއްސަ ޕޮއިންޓެއް އޮންނަ ދިމާލެއް ކަމަށްވެ އެވެ. ބޯޓު ފަރަށް އެރުމުގެ ސަބަބުން ޑައިވް ޕޮއިންޓަށާއި ފަރަށް ލިބުނު ގެއްލުމެއް އަދި ނޭނގެ އެވެ.

ފަރަށް އެރި ބޯޓު ޖޫރިމަނާ ކުރެވޭ އަދަދު ކަނޑައެޅޭނީ ބޯޓު ފުން ކުރުމުން، ފަރަށް ލިބުނު ގެއްލުމާ ގުޅޭ ރިޕޯޓު ތައްޔާރު ކުރުމުންނެވެ. އާންމު ގޮތެއްގައި ފަރަށް އަރާ ބޯޓުތައް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބޮޑު އަދަދަކުން ޖޫރިމަނާ ކުރެ އެވެ. އީޕީއޭ އިން ބުނި ގޮތުގައި ބޯޓުގައި ހުރި ހިލަ އާއި ހިލަވެލިތައް މޫދަށް އުކާލަން ހުއްދަ ދިނީ ބޯޓު ފުން ކުރެވޭނެ އިތުރު ގޮތެއް ނެތިގެންނެވެ.