Roadha Mihaaru
ބަހުސްގައި އެމްޑީޕީ މެމްބަރުންގެ ރުޅި ޖާބިރަށް!

މަޖިލިހުގެ ބަހުސްގައި އެމްޑީޕީ މެމްބަރުންގެ ރުޅި ޖާބިރަށް!

16 ޖުލައި 2019

އުމުރުން ދުވަސްވީ މީހުންނަށް ދެމުން އަންނަ އިނާޔަތް 10،000ރ. އަށް ބޮޑުކުރަން، ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވުމާ ގުޅިގެން އެމްޑީޕީގެ ބައެއް މެމްބަރުންގެ ނުރުހުން ޖާބިރަށް މިއަދު އަމާޒުކުރައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އުމުރުން ދުވަސްވީ މީހުންނަށް ދެމުން އަންނަ އިނާޔަތް 10،000ރ. އަށް ބޮޑުކުރަން، ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވުމާ ގުޅިގެން އެމްޑީޕީގެ ބައެއް މެމްބަރުންގެ ނުރުހުން ޖާބިރަށް މިއަދު އަމާޒުކުރައްވައިފި އެވެ.

ޕެންޝަނާ ބެހޭ ގާނޫނަށް ޖާބިރު ހުށަހެޅުއްވި އިސްލާހުގައި ވަނީ މޯލްޑިވްސް ރިޓަޔަމެންޓް ޕެންޝަން ސްކީމުން ލިބޭ ޕެންޝަންގެ އަދަދަކީ އަސާސީ ޕެންޝަންގެ ދެ ގުނަ އަށް ވުރެ ގިނަ އަދަދެއް ނަމަ، އުމުރުން ދުވަސްވީ މީހުންނަށް އަސާސީ ޕެންޝަނެއް ނުލިބޭނެ ކަމަށެވެ.

އެކަމަކު، އެހެނިހެން ޕެންޝަންގެ ގޮތުގައި 10،000ރ. އަށް ވުރެ މަދު އަދަދެއް ލިބޭ ނަމަ، ދައުލަތުގެ އެހެނިހެން ޕެންޝަނާއި އަސާސީ ޕެންޝަން ހިމެނޭ ގޮތަށް ލިބޭނީ 10،000ރ. ކަމަށް އިސްލާހުގައިވެ އެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން އުމުރުން ދުވަސްވީ މީހުންނަށް 5،000ރ. ލިބެ އެވެ.

ކަނޑިތީމު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ޝަހީމް، ޖާބިރުގެ ނަން ނުގެންނަވައި ވިދާޅުވީ ދައުލަތަށް އެތައް މިލިއަން ރުފިޔާ އިން ދަރާފައި ތިއްބެވި ބޭފުޅުން އިސްލާހުތައް ހުށަހެޅުއްވުން ބަލައިނުގަނެވޭނެ ކަމަށާއި އެ މެމްބަރުން ފުރަތަމަ ކުރަންވީ ކަމަކީ ދައުލަތަށް ފައިސާ ދެއްކެވުން ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނިގެން ދަނީ ކަމެއްގެ މަތި ޖަހަން ވެގެން ކުރާ ކަމެއްގެ ގޮތުގައި. ސަތޭކަ ވަރަކަށް މިލިއަނުން ދަރާފައި ތިބި ބޭފުޅުން މިކަހަލަ އެއްޗެހި ހުށަހެޅީމަ، ބަލައެއް ނުގަނެވޭ،" ޝަހީމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ޖާބިރު ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ޖާބިރު ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

ޝަހީމްގެ ވާހަކަތަކާ ގުޅިގެން ޖާބިރު ނިޒާމީ މައްސަލައެއް ނަންގަވައި ވިދާޅުވީ މަޖިލިހުގައި ވާހަކަ ދައްކަވަން ޖެހޭނީ ތެދު ބަހުން ކަމަށެވެ. އަދި 100 މިލިއަނަށް ދަރާފައި ހުންނެވީ ކޮން ބޭފުޅެއްތޯ ޖާބިރު ވަނީ ސުވާލު ކުރައްވައިފަ އެވެ. އަދި ޝަހީމަށް "100 މިލިއަން ކިޔަން ނޭނގޭ" ކަމަށް ވެސް ވިދާޅުވި އެވެ.

މި އިސްލާހުން ބަޖެޓަށް ބޮޑު ބުރައެއް އުފުލަން ޖެހޭ އިރު، މިއީ ކޮން ކަހަލަ ދިރާސާއެއްގެ މައްޗަށް ބިނާކޮށް ހުށަހެޅި ބިލެއްތޯ ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ. ރައްޔިތުންނަށް ހެޔޮ ގޮތެއް ހޯދައިދޭން ކުޅަދާނެ ބަޔަކަށް ހަމައެކަނި ތިބީ އެމްޑީޕީގެ މެމްބަރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ރައްޔިތުންނަށް ގެއްލުންވާ ގޮތަކަށް އެމްޑީޕީން އަމަލުކޮށްފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ޔޮޓް ޓުއާޒްގެ މުވައްޒަފުންނަށް ދޭންޖެހޭ ޕެންޝަން ފައިސާ އަދިވެސް ދައްކާފައި ނުވާ އިރު، އެ ފައިސާ ވީ އެންމެ އަވަހަކަށް ދައްކަން ޖެހޭ ކަމަށެވެ. އެކަމަކު ޖާބިރު އަލުން ނިޒާމީ މައްސަލަ ނަންގަވައި ވިދާޅުވީ ޝަހީމް ދައްކަވަނީ ދެކޮޅުޖެހޭ ވާހަކައެއް ނޫން ކަމަށެވެ.

"އެފަދަ ގޮތަކަށް ވާހަކަ ދެއްކުމަކީ ހަޑި ކަމެއް،" ޖާބިރު ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ދައުލަތަށް އެއްޗެއް ފޯރުކޮށްދެވޭނީ ލިބޭ މިންވަރަކުން ކަމަށާއި ދައުލަތަށް ބުރަ ބޮޑުވާ ގޮތަށް ބިލްތައް ހުށަހަޅާ އިރު، މިފަދަ ބިލްތައް ހުށަހެޅިދާނެތޯ އަމިއްލަ އަށް ވިސްނަންޖެހޭ ކަމަށެވެ.

އަމިއްލަ ވިޔަފާރި ނަގާ ކޮޅަށް ޖަހަން ވެގެން ރައްޔިތުންގެ ކަރުގައި ހިފައި، ރައްޔިތުންގެ ގައިގައި ކޮޅުފައިން ޖެހުމަށް ފަހު، ބިލްތައް ހުށަހަޅަން އުޅެނީ ކީއްކުރަންތޯ ޝަހީމް ވަނީ ސުވާލު ކުރައްވައިފަ އެވެ.

"ދުވަސްވީ މީހުންނަށް އިނާޔަތް ދޭނީ އަޅުގަނޑުމެން. ދިވެހި ދައުލަތުން އެމީހުންގެ ހައްގުތައް ކަށަވަރުކޮށްދޭނެ. އެކަނިވެރިމައިންގެ ހައްގުތައް ކަށަވަރުކޮށްދޭނެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ކަށަވަރުކޮށްދޭނެ. މިތަނަށް ފާޑު ފާޑުގެ ބިލްތައް ހުށަހަޅާނެ ކަމެއް ނެތް ދަރަފާއި ތިބި މީހުން،" ޝަހީމް ވިދާޅުވި އެވެ.

އެއަށް ރައްދު ދެއްވައި ޖާބިރު ވިދާޅުވީ އޭނާގެ އަތުގައި ފައިސާއެއް އޮވެއްޖެ ނަމަ، ދީފައި ވާނީ އެމްޑީޕީ އަށް ކަމަށެވެ. އެހެންވެ އޭނާ އަށް ދަރާފައި އޮތީ އެމްޑީޕީ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ. އަދި މެމްބަރުން ދައްކަވަނީ އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވި ގޮތުގައި ޖާބިރު ހުށަހެޅުއްވީ ސަރުކާރުން ނޫނީ ހުށަނޭޅޭނެ ބިލެއް ކަމަށާއި ބަޖެޓު ފާސްކޮށްފައި އޮއްވައި އަހަރުގެ މެދުތެރެއިން މިކަން ނުކުރެވޭނެ ކަމަށެވެ. މިއީ ވަގުތުން ވަގުތަށް ބޭރުކުރަން ޖެހޭ ބިލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ މާލިއްޔަތަށް ބުރަވާ ގޮތަށް މަޖިލިހުގެ މެމްބަރުންނަށް ބިލްތައް ހުށަނޭޅޭ ގޮތަށް މަޖިލިހުގެ ގަވައިދު އަލުން ބަދަލު ކުރައްވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. ޖާބިރުގެ އިސްލާހަކީ ވަގުތު ބޭކާރުކޮށް އިސްތިހާރުވުމުގެ ބޭނުމުގައި ހުށަހެޅި ބިލެއް ކަމަށް ޝަރީފް ސިފަ ކުރެއްވި އެވެ.

"ދިވެހި ދައުލަތް އަދިވެސް ހިނގަނީ ލިބޭ އެއްޗަކަށް ވުރެ ހަރަދު ބޮޑުކޮށް،" ޝަރީފް ވިދާޅުވި އެވެ.

ޖާބިރުގެ އިސްލާހަށް ތާއީދު ނުކުރައްވާ ކަން ހާމަކުރައްވައި ތޮއްޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ޝިޔާން (ގިޓާ) ވިދާޅުވީ ރައްޔިތުންގެ މަޖިލިހަށް އެމްޑީޕީގެ ގިނަ މެމްބަރުން އިންތިހާބު ކުރީ ރައްޔިތުންގެ ފޮނި އުންމީދުތަކާ އެކުގައި، ވީ ވައުދުތައް ރައްޔިތުން ގަބޫލު ކުރާތީ ކަމަށެވެ.

އުމުރުން ދުވަސްވީ މީހަކު އެކަނިވެރި ވަގުތުކޮޅެއް ހޭދަކުރަނީ: އުމުރުން ދުވަސްވީ މީހުން ހޮސްޕިޓަލްގައި އެޑްމިޓް ކުރުމަށް ފަހު، އާއިލާ އިން އަޅާލާނެ މީހަކު ނުވުމުގެ މައްސަލަ ރާއްޖޭގައި ވެސް ވަރަށް ބޮޑު.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އުމުރުން ދުވަސްވީ މީހަކު އެކަނިވެރި ވަގުތުކޮޅެއް ހޭދަކުރަނީ: އުމުރުން ދުވަސްވީ މީހުން ހޮސްޕިޓަލްގައި އެޑްމިޓް ކުރުމަށް ފަހު، އާއިލާ އިން އަޅާލާނެ މީހަކު ނުވުމުގެ މައްސަލަ ރާއްޖޭގައި ވެސް ވަރަށް ބޮޑު.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ޝިޔާން ވިދާޅުވި ގޮތުގައި ދައުލަތަށް އާމްދަނީ ލިބޭ ގޮތްތައް އެނގިވަޑައިގަންނަވަނީ ވެރިކަމުގައި ތިއްބަވާ ބަޔަކަށެވެ. ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ މެމްބަރުން ތިބީ ސަރުކާރުން އާމްދަނީ ހޯދުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކުރުމުގައި އެއްބާރުލުން ދެއްވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އާމްދަނީ ހޯދުމަށް އެކިއެކި ގޮތް ގޮތުން ޓެކްސް ހޯދުމަކީ ސަރުކާރުން ކުރާނެ ކަމެއް. އެކަން ކުރުމަށް ސަރުކާރުން ބާރު ސްޕީޑެއްގައި ކުރަމުން ގެންދާނެ،" ޝިޔާން ވިދާޅުވި އެވެ.

ޖާބިރަށް އިޝާރާތް ކުރައްވައި ޝިޔާން ވިދާޅުވީ ދައުލަތަށް ބާރު ބޮޑުވާނެ ކަންކަމަކީ ކޮބައިކަން އަމިއްލަ މެމްބަރުންނަށް އެނގިވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި މަޝްހޫރުވުމުގެ ބޭނުމުގައި 10،000ރ. ގެ ބަދަލުގައި 10،000 ޑޮލަރު ވެސް ޖެހިދާނެ ކަމަށް ޝިޔާން ވިދާޅުވި އެވެ.

"ސަވާބު ހޯދުމަށްޓަކައި، ހެޔޮ ބަސް ހޯދުމަށްޓަކައި، ބިލެއް ހުށަހަޅާ ކަމުގައިވާ ނަމަ، އެއަށް ވުރެ ރަނގަޅު ވާނެ ތިމާގެ މުވައްޒަފުންނަށް އެ ދޭން ޖެހޭ މުސާރަ އާއި އިނާޔަތްތައް ފުރިހަމަ ކުރުމަށް ފަހު ކުރިއަށް ދިއުން އެއީ ވަރަށް ބުއްދިވެރި ކަމަކަށް ވާނެ،" ޝިޔާން ވިދާޅުވި އެވެ.

ޝިޔާން ވިދާޅުވި ގޮތުގައި ދައުލަތަށް ދަރާފައި ތިއްބެވި ބޭފުޅުންގެ ފައިސާ ދެއްކެވީމަ، 10،000ރ. ނުވަތަ 15،000ރ. ބޭނުންވާ މީހުންނަށް ދެވޭނެ އެވެ. އެހެންވެ، ބިލަށް ތާއީދު ނުކުރައްވާ ކަމަށާއި މިއީ ވީހާވެސް އަވަހަށް ބޭރުކޮށްލަން ޖެހޭ ބިލެއް ކަމަށް ވެސް ޝިޔާން ވިދާޅުވި އެވެ.