Roadha Mihaaru
ޔާމީން، ރައްޔިތުން ހެދީ "ނަޖިހަށް": ޖާބިރު

ޔާމީން، ރައްޔިތުން ހެދީ "ނަޖިހަށް"، އެއީ އަނިޔާވެރިއެއް: ޖާބިރު

05 ސެޕްޓެމްބަރ 2019

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައްޔިތުން ހެދީ "ނަޖިހަށް" ކަމަށާއި އެއީ ރައްޔިތުންނަށް އަނިޔާވެރިވި ލީޑަރެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ އަމިއްލަ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައްޔިތުން ހެދީ "ނަޖިހަށް" ކަމަށާއި އެއީ ރައްޔިތުންނަށް އަނިޔާވެރިވި ލީޑަރެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ އަމިއްލަ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެ އެވެ.

އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މަޖިލިހުގައި ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ ޑިމޮކްރަސީ ގެނައުމަށާއި އެއްވާން އުޅެގެން ވަރަށް ގިނަ ބަޔަކަށް އަނިޔާ ލިބިފައިވާ ކަމަށެވެ. ވޭތުވެދިޔަ އަހަރުތަކުގައި "ނޭވާ ނުލެވޭ" ވަރަށް ކަންކަން ހަނިކޮށްފައިވާ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

"ކީއްވެތޯ ޔާމީން ހައްޔަރު ނުކޮށްގެން އުޅެނީ؟ އޭނާ ކުރި އަނިޔާ ކުޑައީތޯ؟ ހަމަ ގައިމު ވެސް އޭނާ ހައްޔަރު ކުރަން އެބަޖެހޭ. ވަހީދު ހައްޔަރު ނުކޮށް ތި އިންނެވީ ކީއްވެތޯ؟ އިންޓަޕޯލް މެދުވެރިކޮށް އޭނާ ނުގެނެވެނީތޯ؟ ގެނެވެން ވާނެ ނޫންތޯ؟. މިއީ ދައުލަތެއް ނޫންތޯ؟" ޔާމީނާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަނަށް އިޝާރާތް ކުރައްވައި މަޝްހޫރު ވިޔަފާރިވެރިޔާ ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވި ގޮތުގައި ޔާމީން އިންނަވަން ޖެހޭނީ އުމުރު ދުވަހު ޖަލުގައި "ހިލިހިލާ" ޖަހައިފަ އެވެ. ޔާމީން ހައްޔަރު ނުކުރާ ނަމަ، ހޯމް މިނިސްޓަރު އިމްރާން އިސްތިއުފާ ދެއްވުމަށް ވެސް ޖާބިރު ގޮވާލެއްވި އެވެ.

ޔާމީން، ހުތުރު ގޮތަކަށް ވެރިކަން ކުރައްވާފައި މިނިވަން ކަމާ އެކު އުޅެމުންދާ ނަމަ، ރައްޔިތުންގެ އަތުން ރާއްޖެ ބީވެގެން ދިޔައީ ކަމަށާއި ރައްޔިތުން އެގޮތަށް ބޭނުން ނުވާ ކަމަށް ޖާބިރު ވިދާޅުވި އެވެ. އަދި ޔާމީނާ ދެކޮޅަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ޝަރީއަތް ހިނގަމުންދާ އިރު، ހެއްކަށް ނުފޫޒު ފޯރުވަމުންދާތީ އެމަނިކުފާނު މިނިވަން ކަމާއެކު ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށް ކަނޑައަޅައި އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލިހުގެ 18 ވަނަ ދައުރުގަ އެވެ. ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވި އެ އިސްލާހު ބާތިލް ކުރަން 19 ވަނަ މަޖިލިހަށް ހުށަހެޅުއްވީ ވެސް ޖާބިރެވެ. ގާނޫނަށް ގެނައި އިސްލާހު ބާތިލް ކުރުމަކީ މި ސަރުކާރުގެ އެއް ވައުދެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިހުގެ ރިޔާސަތުގައި. --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިހުގެ ރިޔާސަތުގައި. --- ފޮޓޯ: މަޖިލިސް

ދުނިޔޭގެ ގައުމުތަކުގައި ރައްޔިތުންގެ ހައްގުތައް ހޯދަނީ އެއްވެސް އަޑު އުފުލައިގެން ކަން ފާހަގަ ކުރައްވައި ޖާބިރު ވިދާޅުވީ ރާއްޖޭގައި އޮތީ އެއްވެ އަޑު ނުއުފުލޭ ގޮތް ހަދާފައި ކަމަށެވެ. އޭރުގައި ހައްގު ހޯދަން ނުކުތީމަ، "ޕެޕަ ސްޕްރޭ" ޖަހައި ތަޅައި ވަރަށް އަނިޔާ ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއީ އެމްޑީޕީ އާއި މަޖިލިހާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ވިސްނުންފުޅާ ހިލާފަށް ކުރި ކަމެއް ކަމަށް ޖާބިރު ވިދާޅުވި އެވެ. ޖާބިރު ވިދާޅުވި ގޮތުގައި އެއްވެ އުޅުމުގެ މިނިވަންކަން އެއީ ރާއްޖޭގައި އޮންނަން ޖެހޭނެ އެވެ. ބިރެއް ނެތި އެއްވެވެން ޖެހޭނެ ކަމަށާއި އެހެން ނޫނީ ގައުމުގައި އުޅުމުގެ ބޭނުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުން މި ގައުމުގެ ވެރިންނަކީ. ދެން ކޮން ބައެއްތޯ މި ގައުމުގެ ވެރިންނަކީ؟ ވެރިން އައިސް އެ މީހުންނަށް ފެންނަ އެއްޗެއް ބުނަން ވާނެ. އެ މީހުންގެ ގަޔަށް ބޮލަށް އަރައިގެން ނުވާނެ. ހާދަ އަނިޔާ އެކޭ އެއްވެ އުޅުނު މީހުންނަށް ކުރީ،" ޖާބިރު ވިދާޅުވި އެވެ.

އަނބިކަނބަލުން ދިޔާނާ ސައީދަށް ލިބުނު އަނިޔާ އިން މިސާލު ނަންގަވައި ޖާބިރު ވިދާޅުވީ ދިޔާނާގެ ޕެޕަ ސްޕްރޭ ޖަހައި "ފާޑެއްގެ އެއްޗަކަށް ލައިގެން" އޭނާ ގެންދިއުމުން ހާސްވެގެން މަރު ނުވީ ކިރިޔާ ކަމަށެވެ. "ދިޔާނާ މަރުވި ނަމަ، އަޅުގަނޑު ދެރަ ވާނެ ނޫންތޯ؟ ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކިހާ ލޯބިންތޯ އަޅުގަނޑު އަންހެނުންނާ އެކީގައި މިއުޅެނީ،" މަޖިލިހުގައި ވަރަށް އަސަރާ އެކީގައި ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ ހދ. ހޮނޑައިދޫގައި އިރު އަރާ މަންޒަރު ބަލަން ތިއްބާ ފުލުހުން އެ ރަށަށް އަރާ "ތަޅާ ސުންނާފަތި އަރުވާލި" ކަމަށެވެ. އެ ދުވަހު ކުރި އަނިޔާ އަދިވެސް އިހްސާސްވާ ކަމަށާއި މިއަދު އެކަމުގެ ބަދަލު ދޭނީ ކޮން ބައެއްތޯ ޖާބިރު ވަނީ ސުވާލު ކުރައްވައިފަ އެވެ.

ނޮވެމްބަރު 15، 2014 ގައި ހޮނޑައިދޫގައި ބަޔަކު މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ، ބަނގުރާ ބޮއި، ބަނގުރާ ގެންގުޅޭ ކަމުގެ ތުހުމަތުގައި ފުލުހުން ހިންގި އޮޕަރޭޝަންގައި ޖާބިރާއި އިތުރު ބަޔަކު އެ ރަށުން ހައްޔަރު ކުރި އެވެ. އެ އޮޕަރޭޝަން ހިންގީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ. ބަހުސްގައި ޖާބިރު ވަނީ ޑރ. ވަހީދު ހައްޔަރު ނުކުރާތީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވައި އެމަނިކުފާނު ހައްޔަރު ކުރަން ވެސް ގޮވާލައްވައިފަ އެވެ.

އެއްވެ އުޅުމުގެ ހައްގު އިތުރަށް ހަނިކުރަން ފާސްކުރިއިރު ވެސް އޭރު އިދިކޮޅު ބޮޑު ޕާޓީގެ ގޮތުގައި އޮތް، އެމްޑީޕީން ބޭއްވި އެއްވުންތަކަށާއި ހަރަކާތްތަކަށް ވަރަށް ބޮޑަށް ހުރަސްއެޅި އެވެ. އެގޮތުން، އާޓިފިޝަލް ބީޗުގައި އެއްވެ އުޅުން މަނާކުރިއިރު، މަގުމަތީގައި އެއްވާ ނަމަ އެކަން ވެސް ފުލުހުން ހުއްޓުވި އެވެ. ފުލުހުން އޭރު ބުނީ އެކަން ކުރީ މަދު ބައެއްގެ ސަބަބުން ގިނަ ބައެއްގެ ހައްގު ގެއްލޭތީ ކަމަށެވެ.