Roadha Mihaaru
ސާބިއާ ކޭމްޕުން ފިރިހެން ވޮލީ ޓީމަށް ކުރިއެރުން

ސާބިއާ ކޭމްޕުން ފިރިހެން ވޮލީ ޓީމަށް ކުރިއެރުން

13 ޖުލައި 2019

ސާބިއާގައި ކުރިއަށްގެންދާ ތަމްރީންތަކުން ބޮޑު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކުޅުންތެރިން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ސާބިއާގައި ކުރިއަށްގެންދާ ތަމްރީންތަކުން ބޮޑު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކުޅުންތެރިން ބުނެފި އެވެ.

ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ސާބިއާ އަށް ކުރެއްވި ދަތުރުގައި ހޯދައިދިން ފުރުސަތެއްގައި ފިރިހެން ވޮލީ ޓީމު ތަމްރީންތައް ފުރިހަމަކޮށްދޭން ސާބިއާ ފެޑެރޭޝަނުން ވެސް އަންނަނީ އަމަލީގޮތުން ބައިވެރިވަމުންނެވެ. އެ ގޮތުން ސާބިއާ އަށް އޮލިމްޕިކް ގޯލްޑް މެޑަލް ހޯދައިދިން ކޯޗު ގަޖިޗް ވެސް އަންނަނީ ޓީމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިއީ ރާއްޖޭގެ ގައުމީ ޓީމަކުން ޔޫރަޕުގައި ތަމްރީން ހަދާ ފުރަތަމަ ފަހަރެވެ.

ސާބިއާގައި ފިރިހެން ވޮލީ ޓީމުން އަންނަނީ ގިނަ މެޗުތަކެއް ކުޅެމުންނެވެ. އޭގެ ތެރޭގައި ކުވޭތު ގައުމީ ޓީމާ ދެކޮޅަށް ކުޅުނު މެޗުތައް ވެސް ހިމެނެ އެވެ.

ރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިއާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) މިދިޔަ އަހަރު ބީޗް ވޮލީ ގައުމީ ޓީމުން ފެނިގެންދިޔަ ނަމަވެސް މި އަހަރު ވަނީ އަލުން އިންޑޯ ގައުމީ ޓީމާ ގުޅިފަ އެވެ. ސާބިއާ ޓްރެއިނިން ކޭމްޕާ ބެހޭގޮތުން ކުޑަކާއްޓޭ ބުނީ މިއީ ހުރިހާ ކުޅުންތެރިންނަށް ވެސް ބޮޑެތި ފައިދާތަކެއް ކުރާނެ ތަޖުރިބާތަކެއް ކަމަށެވެ.

"ވަކި ވަކި ކުޅުންތެރިންނަށް ބެލިޔަސް ރަނގަޅު ދަތުރެއް. އަޅުގަނޑުމެންނަށް ކޮންމެ ޕްރެކްޓިސެއްގައި ކަހަލަ ގޮތަކަށް ކުރިއެރުން ފެނޭ. ހުރިހާ ވަގުތެއް ކަހަލަ ގޮތަކަށް ސާބިއާ ކޯޗު ހޭދަކުރަނީ މި ޓީމާ އެކު. މިސްޓޭކް ތަކާ މި ހުރިހާ ކަމެއް ރަނގަޅުކުރަން ފަސޭހަވޭ،" ކުޑަކާއްޓޭ ބުންޏެވެ.

މިއީ ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވާން މިއީ ލިބޭނެ އެންމެ ރަނގަޅު ފުރުސަތު ކަމަށާއި ސަބަބަކީ ޓެކްނިކަލީ އަދި އިންޑިވިޖުއަލީ ރަނގަޅު ކުރަންޖެހޭ ކަންތައްތައް ސާބިއާގެ ކޯޗު ބުނެދޭ ކަމަށް ކުޑަކާއްޓޭ ބުންޏެވެ.

ކުޑަކާއްޓޭ ބުނީ ޓީމަށް ކުރިމަތިވާނީ ކައިރިކައިރީގައި ބޮޑު ދެ މުބާރާތް ކުޅެންޖެހުމުން އެ ދިމާވާ އަނިޔާގެ މައްސަލަތައް ކަމަށެވެ.

ގައުމީ ޓީމުގެ މެޗެއްގެ ތެރެއިން ހުޒާމް (ކ) އާއި ކުޑަކާއްޓޭ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގައުމީ ޓީމުގެ މެޗެއްގެ ތެރެއިން ހުޒާމް (ކ) އާއި ކުޑަކާއްޓޭ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގައުމީ ޓީމަށް މި ޓްރެއިނިން ކޭމްޕްގައި އެނގިގެންދިޔަ އެންމެ ބޮޑު ކަމަކީ ވޮލީގެ ކަންތައްތައް އެންމެ ޒުވާން އުމުރުގައި ދަސްކުރަން ޖެހޭ ބޭސިކް ކަންތައްތަކުން ފެށިފައިނުވުމެވެ. ސާބިއާ ކޯޗުންނަށް ވެސް ބޭނުންވާ ކަންތައްތަކަށް މި ޓީމު ހާނުވަން އޮތް ގޮންޖެހުމަކީ ވެސް ބޭސިކްގައި ހުރި މައްސަލަތަކެވެ. ގައުމީ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ވެސް ވަނީ އެ ވާހަކަތައް ތަކުރާރުކޮށްފަ އެވެ. އަދި ބޭސިކް ރަނގަޅުކުރެވޭނީ ދުރާލާ ރޭވިގެން އަންނަ ޕްލޭނެއްގެ ތެރެއިންކަމަށް އޭނާ ވެސް ވަނީ ބުނެފަ އެވެ.

"އަސްލު ރާއްޖޭގައި 16 ނޫނީ 17 ގައި ބޭސިކް މި ދަސްކުރަން ޖެހެނީ. އެކަމަކު އެންމެ ޖޫނިއާ އުމުރުގައި ބޭސިކުން ފެށި ނަމަ މި ޓީމު މި އަށް ވުރެ މާ ރަނގަޅުވާނެ،" ކުޑަކާއްޓޭ ބުންޏެވެ.

ކުޑަކާއްޓޭ އެކޭ އެއްގޮތަށް ގައުމީ ޓީމުގެ އަލީ ހުޒާމް (ހުޒާންޓެ) ވެސް ވަނީ ޓީމުގެ ބޭސިކް ދަށްވުމުގެ ކަންބޮޑުވުން ފާހަގަކޮށްފަ އެވެ. އޭނާ ބުނީ މި ކަމަށް ހައްލު ހޯދަންޖެހޭނީ ރަނގަޅު ޔޫތު ޑިވެލޮޕްމަންޓް ޕޮރޮގްރާމް (ވައިޑީޕީ)އެއްގެ ތެރެއިން ބިދޭސީ ކޯޗެއްގެ ވެސް އެހީ ހޯދައިގެން ކަމަށެވެ.

"ރާއްޖޭގެ ވޮލީގައި އެންމެ ބޮޑު މައްސަަލަ އަކީ ގިނަ ކުޅުންތެރިން ބޭސިކުން ފެށިފައި ނެތުން. ދެން މިހާރު މި އަންނަ ކޯޗު މި ކިޔައިދެނީ ދުނިޔޭގެ ވޮލީގައި ކުރާ ހުރިހާ ކަމެއް ކަހަލަ ގޮތަަކަށް. ރާއްޖެ އެހެން ލެވެލަކަށް ދާނަމަ އެބަޖެހޭ ވައިޑީޕީ ރަނގަޅުކުރަން. ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެން އަނެއް ލެވެލަށް ދެވެން އޮތީ،" ހުޒާންޓެ ބުންޏެވެ.

އޭނާ ބުނީ ޓީމުގައި ހުރި މައްސަލަތައް މި ޓްރެއިނިން ކޭމްޕުން ވަރަށް ބޮޑަށް އެނގިގެން އެބަދާ ކަމަށާއި އެ ކަންތައްތައް ރަނގަޅުކުރެވޭނެ ހައްލުތައް ހޯދި ދުވަހެއް ދުވަހަކަށް ރަނގަޅުވަމުން އަންނަކަން ފާހަގަކުރެވޭ ކަމަށެވެ.

"ރާއްޖޭގެ ގައުމީ ޓީމުގެ އެޓޭކުގައި މާ ގިނަ މައްސަލަތަކެއް ހުރިހެނެއް ހިއެއްނުވޭ. ޑިފެންސްގައި މިހުރީ ރަނގަޅުކުރަންޖެހޭ ގިނަ ކަންތައްތައް. ބްލޮކް ކަވަރުތަކާއި ޑިފެންސް ކަވަރުތަކާ މިއީ މައްސަލަ ޖެހޭ ބައިތަކަކީ. މެޗަކަށް ފަހު މެޗެއްގައި ޓީމު ވަރަށް ބޮޑަށް އިމްޕްރޫވް ވާކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ. ޓީމް ސްޕިރިޓާއި މަސައްކަތުގެ ރޭޓް ވެސް ރަނގަޅު އެބަވޭ،" ހުޒާންޓެ ބުންޏެވެ.

އައޯއައިޖީ ފަދަ ވަރުގަދަ ޓީމުތަކަކާ ދެކޮޅަށް ކުޅޭ މުބާރާތެއްގެ ކުރިން ސާބިއާ ކޭމްޕް ތެެރެއިން ކުވޭތު ފަދަ ރަނގަޅު ލެވެލެއްގައި އޮތް ޓީމަކާ ކުޅުމުގެ ފައިދާ ބޮޑު ކަމަށް ހުޒާންޓެ ދެކެ އެވެ.

"ކުވޭތު ކަހަލަ ވަރުގަދަ ޓީމަކާ މެޗުތަކެއް ކުޅެލާފައި އައިއޯއައިޖީ އަށް ދާއިރު ފަސޭތަކެއް ހުންނާނެ. އެއީ އިސްކޮޅަށް ބަލާއިރު ކުވޭތާ އެއް ވަރެއް ވާނީ ސީޝެލްސް އާއި ރީޔޫނިއަން ކަހަލަ ޓީމުތައް،" ހުޒާންޓެ ބުންޏެވެ.

އައިއޯއައިޖީ އަށް ރާއްޖޭގެ ކޮންޓިންޖެންޓް ފުރަން ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު އެވެ. އެކަމަކު ފުޓްބޯޅަ އިވެންޓް ކުރިން ފަށާތީ އަންނަ އަންގާރަ ދުވަހުގެރޭ ފުޓްބޯޅަ ޓީމު ފުރާނެ އެވެ. ސާބިއާ ކޭމްޕަށް ފަހު ވޮލީ ޓީމު މާލެ އަންނަނީ އަންގާރަ ދުވަހު އެވެ.