Roadha Mihaaru
ފުރަތަމަ މޮޅަށް ފަހު އަމާޒު ބަންގްލަދޭޝް މެޗަށް

ފުރަތަމަ މޮޅަށް ފަހު ހުރިހާ ވިސްނުމެއް ބަންގްލަދޭޝް މެޗަށް

26 ޑިސެމްބަރ 2016

ބަންގްލަދޭޝްގެ ޑާކާގައި މިހާރު ކުރިޔަށްދާ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ ދެ މެޗުން ނޭޕާލާއި ކިރްގިސްތާން އަތުން ބަލިވި ނަމަވެސް އިއްޔެ އަފްގާނިސްތާން އަތުން މޮޅުވި މެޗުގައި ރާއްޖޭން ދެއްކީ މޮޅު ކުޅުމެކެވެ. އެ މެޗުން މޮޅުވި ނަމަވެސް ފައިނަލަށް ދިއުމުގެ ދޮރު ރާއްޖެއަށް ބަންދުވެފައިވާއިރު ޓީމުގެ ހުރިހާ ކުޅުންތެރިންގެ ވިސްނުމަކީ ވެސް ލީގު ބުރުގެ ފަހު މެޗުގައި މިއަދު ބަންގްލަދޭޝް އަތުން މޮޅުވުމެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މިއަދުގެ މެޗަށް ފަހު ދެން އޮންނާނީ މާދަމާ ކުޅޭ ތިން ވަނަ ހޮވާ މެޗެވެ. އެ މެޗުގައި ރާއްޖެ އާއި ދެކޮޅަށް ނުކުންނާނީ ބަންގްލަދޭޝާއި ނޭޕާލްގެ ތެރެއިން ޓީމެކެވެ. ކިރްގިސްތާން ފައިނަލުން ޖާގައެއް ހޯދާފައިވާއިރު، މާދަމާގެ ފުރަތަމަ މެޗުގައި އެ ޓީމު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ މުބާރާތުގެ ދެ ވަނަ ރާއްޖޭން ހޯދިއިރު ކުޅުނު ފުރަތަމަ މެޗުން ވަނީ ބަންގްލަދޭޝާ ވާދަކޮށް ބަލިވެފަ އެވެ. އެ މެޗަށް ފަހު ބަންގްލަދޭޝް ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ.

ރާއްޖެ ޓީމަށް ފުރަތަމަ ދެ މެޗުގައި ދިމާވި އެންމެ ބޮޑު އެއް މައްސަލަ އަކީ ޓީމުގެ އެންމެ އިތުބާރު ކުޅުންތެރިޔާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ރަނގަޅު ފޯމެއްގައި ނެތުމެވެ. އެހެން ނަމަވެސް އިއްޔެ އަފްގާނިސްތާން އަތުން ތިން ސެޓުން ރާއްޖެ މޮޅުވިއިރު، މެޗުގެ މޮޅު ކުޅުންތެރިޔަކީ ކުޑަކާއްޓޭ އެވެ.

ގައުމީ ވޮލީބޯޅަ ޓީމުގެ ކުޅުންތެރިޔާ ކުޑަކާއްޓޭ. -- ފޮޓޯ: މިހާރު

ގައުމީ ވޮލީބޯޅަ ޓީމުގެ ކުޅުންތެރިޔާ ކުޑަކާއްޓޭ. -- ފޮޓޯ: މިހާރު

އިއްޔެގެ މެޗަށް ފަހު ކުޑަކާއްޓޭ ބުނީ ފުރަތަމަ ދެ މެޗުން ބަލިވިޔަސް ފައިނަލަށް ދެވޭނެ ކަމުގެ ހަނި ފުރުސަތެއް އޮތުމުން ބޭނުންވީ ދެން ހުރި ހުރިހާ މެޗަކުން މޮޅުވުމަށް ކަމަށެވެ.

"ފުރަތަަމަ ދެ މެޗުން ބަލިވިޔަސް އަޅުގަނޑުމެން ބޭނުންވީ ދެން ހުރި މެޗުތަކުން މޮޅުވެގެން ކިތަންމެ ހަނި ފުރުސަތެއް އޮތަސް ފައިނަލަށްދާން. މެޗަކުން މޮޅުނުވެ ދާން ބޭނުމެއް ނޫން. ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނަ މެޗު ފަސޭހަނުވާނެ. އެއީ އެ ޓީމަކީ ވަރަށް ބްލޮކިން ރަނގަޅު ޓީމެއް،" ކުޑަކާއްޓޭ ބުންޏެވެ.

އިއްޔެގެ މެޗުގައި ރާއްޖޭ ޓީމުގައި ހިމެނޭ ތަޖުރިބާކާރު ކުޅުންތެރިން ދެއްކި ކުޅުމަށް ޓީމުގެ ކޯޗު ސްރީލަންކާގެ ކުމާރް ވެންޑަކޫން ވެސް ތައުރީފް ކުރި އެވެ. ހާއްސަކޮށް ޓީމުގެ ކެޕްޓަން އިޝާން މުހައްމަދު (ބަޓިސް)ގެ ލީޑަޝިޕް ރަނގަޅުކަން އޭނާ ފާހަގަކުރި އެވެ.

އިއްޔެގެ މެޗަށް ފަހު ބަޓިސް ބުނީ އެންމެ ފަހު މެޗާ ހަމައަށް ވެސް ކުޅުންތެރިންގެ އަމާޒަކީ މޮޅުވުން ކަމަށެވެ.

ބަންގްލަދޭޝާއި ރާއްޖެ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިއަދު 3 ޖަހާއިރު އެވެ.