Roadha Mihaaru
ވަރުގަދަ އަޒުމެއްގައި ކުޅެ ނަތީޖާ ނެރެވޭނެ: ހުޒަންޓެ

ވަރުގަދަ އަޒުމެއްގައި ކުޅެ ނަތީޖާ ނެރެވޭނެ: ހުޒަންޓެ

18 އޯގަސްޓް 2019

ނޭޕާލުގައި މާދަމާ ފަށާ އޭވީސީ މެންސް ސީނިއާ ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޓީމު ރަނގަޅު އަޒުމެއްގައި ތިބެ ކުޅެފިނަމަ ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ކަމަށް ގައުމީ ވޮލީ ޓީމުގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ) ބުނެފި އެވެ.

އައްޒާމް އަލިފުޅު ކަތުމަންޑޫ އިން އައްޒާމް އަލިފުޅު

ނޭޕާލުގައި މާދަމާ ފަށާ އޭވީސީ މެންސް ސީނިއާ ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޓީމު ރަނގަޅު އަޒުމެއްގައި ތިބެ ކުޅެފިނަމަ ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ކަމަށް ގައުމީ ވޮލީ ޓީމުގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ) ބުނެފި އެވެ.

މި ފަހަރުގެ މުބާރާތުގައި ޖުމްލަ ހަތް ގައުމަކުން ވާދަކުރާއިރު ރާއްޖެ ލައްވާލީ ނޭޕާލާއި ކިރްގިސްތާނާ އެކު ގްރޫޕް އޭ ގަ އެވެ. ހަތަރު ޓީމު ކުޅޭ ގްރޫޕް ބީގައި އޮތީ ތުރުކުމެނިސްތާން، އުޒްބެކިސްތާން، އަފްގާނިސްތާން އަދި ބަންގްލަދޭޝް އެވެ.

މި މުބާރާތަށް ތައްޔާރުވާން ރާއްޖޭން ވަނީ މާލޭގައި ސްރީ ލަންކާއާ ދެކޮޅަށް ތިން މެޗު ކުޅެފަ އެވެ. ތިން މެޗުން ވެސް ރާއްޖެ ބަލިވިއިރު، ދެ މެޗެއްގައި ސެޓު ގެންދިޔަ އެވެ. ލަންކާ ފަދަ ވޮލީގައި ސަރަހައްދުގެ ބާރަކާ ދެކޮޅަށް ރާއްޖޭން ދެއްކީ ވުރެ ރަނގަޅު ކުޅުމެއް ކަމަށް ކޯޗުން ފާހަގަކުރި އެވެ.

ގައުމީ ޓީމަށް 2011 ވަނަ އަހަރު ކުޅެން ފެށި ހުޒަންޓެ ޓީމުގެ ކެޕްޓަނަކަށް ހަމަޖެއްސީ ދާދި ފަހުން ނިމިދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ފަހު އެވެ. ސެންޓްރަލް ޒޯން މުބާރާތަކީ އޭނާގެ ކެޕްޓަން ކަމުގައި ގައުމީ ޓީމު ކުޅޭނެ ފުރަތަމަ މުބާރާތެވެ.

"ލަންކާއާ އެކީ އެ ކުޅުނު ވިސްނުމުގައި ރާއްޖެ ޓީމުން މޮޅުވާން ކުޅެފިއްޔާ މި މުބާރާތުގައި އަސްލު ރާއްޖެ ޓީމަށް ބަލިނުކުރެވޭ ވަރުގެ އެއްވެސް ޓީމެއް ނެތް. މޮޅުވާން އެ ވިސްނުން ހަމައެކަނި ރާއްޖެ ޓީމަށް ބޭނުންވަނީ ވެސް،" އިއްޔެ ބޭއްވި ޓީމުގެ ދެ ވަނަ ފަރިތަކުރުންތަކަށް ފަހު ހުޒަންޓެ ބުންޏެވެ.

ލަންކާއާ ދެކޮޅަށް ތިން މެޗު ކުޅުމަށް ފަހު ކުރިން އޮތްގޮތުން ނޭޕާލަށް އައިސް ރާއްޖެ އަށް ފަރިތަކުރަން ލިބެނީ މަދު ދުވަހެކެވެ. އެކަމަކު ފަހުން ޝެޑިއުލަށް ގެނައި ބަދަލާ އެކު ނޭޕާލުގައި ފަރިތަކުރަން ތިން ދުވަސް ލިބެ އެވެ.

މުބާރާތުގެ ޝެޑިއުލް ފުރަތަމަ އޮތްގޮތުން މުބާރާތް ހުޅުވާ މެޗުގައި ހޯމަ ދުވަހު ހަވީރު ނޭޕާލާ ދެކޮޅަށް ކުޅޭނީ ރާއްޖެ އެވެ. އެކަމަކު ފަހުން ޝެޑިއުލަށް ގެނެވުނު ބަދަލާ އެކު މިހާރު މި ގްރޫޕުގެ ފުރަތަމަ މެޗުގައި ނޭޕާލް ބައްދަލުކުރާނީ ކިރްގިސްތާނާ ދެކޮޅަށެވެ. ހުޒަންޓެ ބުނީ ޝެޑިއުލަށް ގެނައި ބަދަލުން ރާއްޖެ އަށް އެޑްވާންޓޭޖް އޮތް ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ޝެޑިއުލަށް ބޮޑު ބަދަލެއް އައިސް މިހާރު ގްރޫޕުގައި އިން (އަނެއް) ދެ ޓީމު ފުރަތަމަ މެޗު ކުޅެނީ. ތިން ދުވަސް އެބަލިބޭ ތައްޔާރުވާން. އަޅުގަނޑު ދެެކެނީ ގްރޫޕުގައި ދެން ހިމެނޭ ޓީމުގެ މެޗު ބަލާލާފައި ޓްރެއިނިން ހަދާއިރު މާ ބޮޑަށް ވެސް ރަނގަޅުވާނޭ،" ހުޒަންޓެ ބުންޏެވެ.

ފިރިހެން ވޮލީ ޓީމު މި އަންނަނީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި އަހަރުގެ މުބާރާތްތަކަށް ތައްޔާރުވާން ފަރިތަކުރަމުންނެވެ. ރޯދަ މަހުގައި ވެސް ޕްރެކްޓިސް ކުރިއިރު، މިދިޔަ ޖުލައި މަހުގެ ތެރޭގައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ހޯދައިދިން ފުރުސަތެއްގައި ސާބިއާގައި ފެންވަރު ރަނގަޅު ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރި އެވެ. އަދި އޭގެ ފަހުން ސްޕޯޓްސް މިނިސްޓްރީން ހަމަޖެއްސި ލަންކާ މެޗުތަކުން ވެސް ޓީމަށް ގިނަ ކަންތައްތަކެއް ދަސްވި އެވެ.

މިހާރު އެވޯޑްސްގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި ހުޒަންޓެ ބުނީ ތައްޔާރީތަކަށް ބަލާއިރު މިހާރު ޓީމުގެ ހާލަތާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

"ޓީމު ފުދޭވަރަކަށް ވަރަށް ބޮޑަށް ފިޓްކޮށް އޮތީވެސް،" ހުޒަންޓެ ބުންޏެވެ.

ޗެމްޕިއަންކަމަށް މި ފަހަރު ރާއްޖޭން އަމާޒުހިފާފައިވާއިރު، ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ވަނީ އިދިކޮޅަށް ނުކުންނަ ޓީމުތަކަކީ ބަލި ޓީމެއް ކަމަށް ނުދެކި ރާއްޖޭން ރަނގަޅަށް މަސައްކަތްކޮށްފިނަމަ ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ކަމަށެވެ.

ސެންޓްރަލް ޒޯނު މުބާރާތްތަކުގައި މިހާތަނަށް ރާއްޖޭން ވަނީ ދެ ވަނަ އަދި ތިން ވަނަ ހޯދައިފަ އެވެ. އެކަމަކު އެންމެ ފަހުން ދެ މުބާރާތުގައި ރާއްޖޭގެ ނަތީޖާތައް ދަށެވެ. މި ފަހަރު ޓީމުން ރަނގަޅު ރޫހެއްގައި ނުކުތުމުގެ އެއް ސަބަބަކީ ކުރިން އޮތް ލެވެލަށް ވުރެ މައްޗަށް ޓީމުގެ ފެންވަރު ގެންދިއުމަށެވެ.

ރާއްޖެ ފުރަތަމަ މެޗުގައި އަންގާރަ ދުވަހު މާލެ ގަޑިން އިރުއޮއްސި 6:15 ގައި ބައްދަލުކުރާނީ ކިރްގިސްތާނާ އެވެ. ދެ ވަނަ މެޗުގައި ބުދަ ދުވަހު މާލެ ގަޑިން 4:15 ގައި ރާއްޖެ ކުޅޭނީ ނޭޕާލްއާ އެވެ.