Roadha Mihaaru
ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ ކަަޓައިފި

ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ ކަަޓައިފި

23 އެޕްރީލް 2018

ބަންގްލަދޭޝްގައި މިހާރު ކުރިޔަށްދާ ސެންޓްރަލް ޒޯން ސީނިއާ މެންސް ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމު މިއަދު ކުޅުނު މެޗުން ބަންގްލަދޭޝް އަތުން ސީދާ ތިން ސެޓުން ބަލިވެ މުބާރާތުން ކަޓައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބަންގްލަދޭޝްގައި މިހާރު ކުރިޔަށްދާ ސެންޓްރަލް ޒޯން ސީނިއާ މެންސް ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމު މިއަދު ކުޅުނު މެޗުން ބަންގްލަދޭޝް އަތުން ސީދާ ތިން ސެޓުން ބަލިވެ މުބާރާތުން ކަޓައިފި އެވެ.

ރާއްޖެ މުބާރާތް ނިންމާލަން ޖެހުނީ ކުޅުނު ދެ މެޗުން ވެސް ސީދާ ތިން ސެޓުން ބަލިވެގެންނެވެ. އިއްޔެ ނޭޕާލް އަތުން ވެސް ރާއްޖެ އެ ނަތީޖާ އިންނެވެ. އެ މެޗުން ބަލިވުމުން މިއަދު ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ނުކުތް މެޗުގެ ކުރިން ސެމީގެ ޖާގައެއް ހޯދާނަަމަ ސީދާ ތިން ސެޓުން މޮޅުވާން އޮތީ މަޖުބޫރުވެފަ އެވެ.

ބަންގްލަދޭޝް މިއަދުގެ މެޗުގެ ސެޓުތައް ގެންދިޔައީ 25-15، 25-15 އަދި 25-22 އިންނެވެ. ސެންޓްރަލް ޒޯނުގައި 2016 ވަނަ އަހަރުގެ މުބާރާތުގައި ވެސް ބަންގްލަދޭޝް އިން ވަނީ ރާއްޖެ ސީދާ ތިން ސެޓުން ބަލިކޮށްފަ އެވެ.

ނޭޕާލް އަތުން ބަލިވި މެޗުގައި އެންމެ ބޮޑަށް ފެނިގެންދިޔަ މައްސަލަ އަކީ ކުޅުންތެރިން ޕްރެޝަރުގައި ތިބުމުގެ ސަބަބުން ނުކުޅެވުން ކަމަށް ރާއްޖޭގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ވަނީ ބުނެފަ އެވެ. ބަންގްލަދޭޝްއާ ދެކޮޅަށް މިއަދު ކުޅުނު މެޗުގައި ވެސް އެ މައްސަަލަ ފެނިގެންދިޔަ އެވެ. ފުރަތަމަ ދެ ސެޓުގައި ރާއްޖޭގެ ޑިފެންސުގައި މައްސަލަތަކެއް ފެނުނުއިރު، ބަންގްލަދޭޝްގެ އެޓޭކްތައް ފެނުނީ ވަރަށް ވަރުގަދަ ކޮށެވެ. އޭގެ އެޑްވާންޓޭޖް އެ ޓީމުން ފުރިހަމަ އަށް ނެގި އެވެ.

ތިން ވަނަ ސެޓުގައި ރާއްޖެ އިން ރަނގަޅަށް ކުޅުނު ނަމަވެސް މުހިއްމު ވަގުތުތަކުގައި ޓީމުގެ ކުޅުންތެރިން އަތުން ޕޮއިންޓް ގެއްލުނެވެ. އޭގެ ނަތީޖާ އަކަށްވީ މި ސެޓު ވެސް ބަންގްލަދޭޝް އިން ގެންގޮސް ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީގެ ޖާގަ ކަށަވަރުކުރުމެވެ.

ގައުމީ ވޮލީ ބޯޅަ ޓީމުގެ ކެޕްޓަން އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) "މިހާރަ"ށް ބުނީ ފުރަތަމަ ދެ ސެޓުގައި ދަށްކޮށް ދިޔަ ނަމަވެސް ފަހު ސެޓުގައި ކުޅެވުނު ކަމަށެވެ. އެހެން ނަމަވެސް އޭރު މެޗު ގެއްލިފައި އޮތުމުން އޭގެ ފައިދާއެއް ނުކުރި ކަމަށް ކަމަށް އޭނާ ބުންޏެވެ.

މި މުބާރާތުގައި ރާއްޖޭން ކުޅެނީ ދާދި ފަހުން ޓީމުން ރިޓަޔަކުރި އިޝާން މުހައްމަދު (ބަޓިސް)ގެ އިތުރުން މި ފަހަރު ސްކޮޑުގައި އަމިއްލަ ސަބަބެއްގެ ސަބަބުން ބާކީވި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ނުލަ އެވެ. އޭގެ އިތުރުން މި ފަހަރު ޓީމުން ޖާގަ ނުލިބުނު ކުޅުންތެރިންގެ ތެރޭގައި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އަހުމަދު އަހުސަން އަދި މުހައްމަދު ޝާއިން އަދި އަޝްފާގު އާދަމް (އައްކަޅޭ) ހިމެނެ އެވެ.

މި ފަހަރުގެ ޓީމުގައި މުޅިން އަލަށް ޓީމުގައި ހިމެނުނު ކުޅުންތެރިން ވެސް އެބަތިއްބެވެ. އޭގެ ތެރެއިން ގިނަ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ބޮޑަށް ލިބުނީ މި ފަހަރު އެވެ. ޓީމުގެ ސެޓަރަކަށް ކުޅުނު ހުސެއިން ވިޝާމް (ބުޅިކެ) އާއި އާދަމް ފައިރޫޒަކީ މީގެ ކުރިން ޓީމުގައި ހިމެނުނު ނަމަވެސް ކުޅުމުގެ ފުރުސަތު އެހާ ގިނައިން ލިބުނު ކުޅުންތެރިންނެއް ނޫނެވެ. އެހެން ކަމުން އެ ކުޅުންތެރިންގެ އަސްލު ކުޅުން ދައްކަން މި ފަހަރު އުނދަގޫތަކެއް ދިމާވި އެވެ.

ބަންގްލަދޭޝްގައި 2016 ވަނަ އަހަރު އޮތް ސެންޓްރަލް ޒޯން މުބާރާތުގެ ތިން ވަނަ ރާއްޖެ އަށް ލިބުނުއިރު، އޭގެ ފަހުން ކުޅުނު ދެ މުބާރާތް ވެސް ރާއްޖޭން ނިންމާލަން ޖެހުނީ މޮޅެއް ނުލިބި އެވެ.