Roadha Mihaaru
ރަނގަޅު ރޫހެއްގައި ވޮލީ ޓީމު އާ ފެށުމަކާ ދިމާލަށް

ރަނގަޅު ރޫހެއްގައި ގައުމީ ވޮލީ ޓީމު އާ ފެށުމަކާ ދިމާލަށް

22 އެޕްރީލް 2018

އެންމެ ފަހުން އޮތް ސެންޓްރަލް ޒޯން ސީނިއާ މެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ދެ މުބާރާތުގައި ކުޅުނު މެޗުތަކުން ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމަށް މޮޅުވެވުނީ ދެ މެޗުންނެވެ. ދެހާސް ސޯޅަ ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް މުބާރާތުގެ ތިން ވަނަ ރާއްޖެ އަށް ލިބުނު ނަމަވެސް އޭގެ ފަހުން މާޗް މަހު މާލޭގައި އޮތް މުބާރާތް ނިންމާލަން ޖެހުނީ މޮޅެއް ނުލިބި އެވެ. އޭގެ ފަހުން ޓީމަށް ބަދަލުތަކެއް އައިސްފައިވާއިރު، ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ)ގެ އިރުޝާދުގެ ދަށުން އާ ރޫހެއްގައި މި ފަހަރުގެ މުބާރާތަށް މިއަދު ރާއްޖެ ނުކުންނާނެ އެވެ. ބޭނުންވަނީ ރަނގަޅު އާ ފެށުމެކެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އެންމެ ފަހުން އޮތް ސެންޓްރަލް ޒޯން ސީނިއާ މެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ދެ މުބާރާތުގައި ކުޅުނު މެޗުތަކުން ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމަށް މޮޅުވެވުނީ ދެ މެޗުންނެވެ. ދެހާސް ސޯޅަ ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް މުބާރާތުގެ ތިން ވަނަ ރާއްޖެ އަށް ލިބުނު ނަމަވެސް އޭގެ ފަހުން މާޗް މަހު މާލޭގައި އޮތް މުބާރާތް ނިންމާލަން ޖެހުނީ މޮޅެއް ނުލިބި އެވެ. އޭގެ ފަހުން ޓީމަށް ބަދަލުތަކެއް އައިސްފައިވާއިރު، ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ)ގެ އިރުޝާދުގެ ދަށުން އާ ރޫހެއްގައި މި ފަހަރުގެ މުބާރާތަށް މިއަދު ރާއްޖެ ނުކުންނާނެ އެވެ. ބޭނުންވަނީ ރަނގަޅު އާ ފެށުމެކެވެ.

ސްރީލަންކާގެ ކޯޗު ސިސިރާ ވެންޑަކޫން އާއި ރާއްޖޭގެ ތަޖުރިބާކާރު ކޯޗު މުހައްމަދު ޝަރަފާ އެކު ގައުމީ ވޮލީބޯޅަ ޓީމުން އެންމެ ފަހުން ދެ މުބާރާތުގައި ކުޅުނު މެޗުތަކުގައި ފެނުނީ ނިސްބަތުން ދަށް ކޮށެވެ. މި ފަހަރު ކާއްޓޭއާ އެކު ޓީމު ނުކުންނައިރު، ޓީމަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެ ތެރެއިން އެއް ބަދަލަކީ އާ ކުޅުންތެރިން ޓީމުގައި ހިމެނުމެވެ.

މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމުގައި ހިމެނެނީ ގައުމީ ވޮލީބޯޅަ ޓީމުގެ ސްކޮޑުގައި މި ފަހަރު ހިމެނުނު ކުޅުންތެރިންނަކީ ކެޕްޓަން އަހުމަދު އަބްދުލް ކަރީމް (ލޯންގޭ)، ވައިސް ކެޕްޓަން އަލީ ހުޒާމް (ހުޒާންޓެ)، އާދަމް ފައިރޫޒް، އަލީ މައުރޫފް (މާއްޓެ)، ހަސަން ނިލާމް (ޕާޓޭ)، ހުސެއިން ވިޝާމް (ބުޅިކެ)، އަހުމަދު އަނިލް، ޖަވާމް އަލީ، މުހައްމަދު މިމްރާހު، ޝުއައިބު އަބްުދުލް ލަތީފް ، އާދަމް ނަސީމް (އެޑަމް) އަދި މުހައްމަދު ނައީމް އެވެ.

ތައިލެންޑުގައި ފުރިހަމަ ކުރި ޓްރެއިނިން ކޭމްޕަށް ފަހު ޓީމުން ވަކިވީ އަހުމަދު ޝިމާއު، މުހައްމަދު މިމްރާހު ހަސަން (މިންމި) އެވެ. މި ފަހަރުގެ ސްކޮޑަށް ބަލާއިރު މި މުބާރާތުގައި އަލަށް ކުޅޭ ތިން ކުޅުންތެރިން ހިމެނެ އެވެ. އެއީ ޝުއައިބު، މިމްރާހް އަދި ނައީމް އެވެ.

ޓީމުގައި އާ ދެ ލީޑަރުން

ގައުމީ ޓީމުގެ ކެޕްޓަނަކަށް އެންމެ ފަހުން ހުރި އިޝާން މުހައްމަދު (ބަޓިސް) ވަނީ ޓީމުން ރިޓަޔާކޮށްފަ އެވެ. މި ފަހަރު ޓީމުން ޖާގަ ނުލިބުނު ކުޅުންތެރިންގެ ތެރޭގައި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އަހުމަދު އަހުސަން އަދި މުހައްމަދު ޝާއިން އަދި އަޝްފާގު އާދަމް (އައްކަޅޭ) ހިމެނެ އެވެ. މި ކުޅުންތެރިންތަކަކީ މީގެ ކުރިން މުބާރާތްތަކުގައި ގިނައިން ކުޅެފައިތިބި ކުޅުންތެރިންނެވެ. މި ކުޅުންތެރިން ނެތި މި ފަހަރު ޓީމުގެ ލީޑަރުންގެ ރޯލު އަދާކުރަން ޖެހިފައިވަނީ ކެޕްޓަން ލޯންގޭ އާއި ވައިސް ކެޕްޓަން ހުޒާންޓެ އެވެ.

ގައުމީ ވޮލީބޯޅަ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ހުޒާންޓެ (ކ) އާއި ލޯންގޭ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގައުމީ ވޮލީބޯޅަ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ހުޒާންޓެ (ކ) އާއި ލޯންގޭ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެންމެ ފަހުން ދެ އޭވީސީ މުބާރާތުގައި ލޯންގޭ އަށް ކުޅުމުގެ ފުރުސަތު އެންމެ ރަނގަޅަށް ނުލިބެ އެވެ. އެހެން ނަަމަވެސް ނިމިދިޔަ ވޮލީ ސީޒަން ނިންމާލިއިރު ލޯންގޭ ދެއްކި ތަފާތު މޮޅު ކުޅުމާ އެކު އޭނާ އަށް އަދިވެސް ގައުމީ ޓީމުގައި ބޮޑު ރޯލެއް އަދާކުރެވޭނެކަން ޔަގީންވި އެވެ. ރާއްޖޭގައި މި ވަގުތު ތިބި ޑިފެންސާއި އެޓޭކަށް ބަލާއިރު އެންމެ ރަނގަޅު ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއަކީ ހުޒާންޓެ އެވެ. އޭނާ އަކީ މި ވަގުތު ޓީމުގައި ހުރި އެންމެ އިތުބާރު އެއް ކުޅުންތެރިޔާ ވެސް މެ އެވެ.

ބުޅިކެ އަށް ޒިންމާ ބޮޑު މުބާރާތެއް

ހުސެއިން ވިޝާމް (ބުޅިކެ) އަކީ މި ވަގުތު ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި ސެޓަރެވެ. އެހެން ނަމަވެސް ގައުމީ ޓީމުގައި އޭނާ އަށް މުބާރާތްތަކުގައި ގިނަ ވަގުތު ކުޅެން ނުލިބުނީ ކުރީގެ ކެޕްޓަން ބަޓިސް ހުރުމުންނެވެ. މިއީ ބަޓިސް ރިޓަޔާކުރި ފަހުން ގައުމީ ޓީމު ކުޅޭ ފުރަތަމަ މުބާރާތް ކަމަށްވާއިރު، މި މުބާރާތުގައި އެންމެ ޒިންމާ ބޮޑު އެއް ކުޅުންތެރިޔަކަށްވާނީ ބުޅިކެ އެވެ.

އެންމެ ފަހުން ކުޅުނު އޭވީސީ ދެ މުބާރާތުގައި ބުޅިކެ އަށް ކުޅެލަން ލިބުނު ފުރުސަތުތަކުގައި އޭނާ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މިދިޔަ އަހަރު ވޮލީ ސީޒަނުގައި ބުޅިކެ ދެއްކި ކުޅުމަށް ބަލާއިރު މި ވަގުތު އޭނާ ހުރީ ރަނގަޅު ފޯމެއްގަ އެވެ.

ގައުމީ ޓީމުގެ ކޯޗު ކާއްޓޭ ބުނީ މިއީ ބުޅިކެ އަށް އޭނާގެ ކުޅުން ދައްކާލަން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.

"މިއީ ވިޝާމް (ބުޅިކެ) އަށް ފުލްކޮށް ކުޅެލަން ލިބޭ ފަހަރު އޭނާގެ ފަރާތުން މޮޅު ކުޅުމެއް ފެންނާނެ ކަމަށް އުއްމީދުކުރަން،" ކާއްޓޭ ބުންޏެވެ.

ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ބުޅިކެ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ބުޅިކެ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ރަނގަޅު ފެށުމެއް ވަރަށް މުހިއްމު

މި ފަހަރުގެ މުބާރާތުގައި ވާދަކުރަނީ ހަ ޓީމެކެވެ. އެއީ ރާއްޖޭގެ އިތުރުން މުބާރާތް ބާއްވާ ބަންގްލަދޭޝް އާއި ނޭޕާލް، އެންމެ ފަހުގެ ޗެމްޕިއަން ކިރްގިސްތާން، އުޒްބެކިސްތާން އަދި ތުރުކްމެނިސްތާން އެވެ. ރާއްޖެ ލައްވާލީ ބަންގްލަދޭޝް އާއި ނޭޕާލާ އެކު ގްރޫޕް ބީގަ އެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މިއަދު ހަވީރު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.

އެންމެ ފަހުން ބަންގްލަދޭޝްގައި އޮތް މުބާރާތުގެ ތިން ވަނަ ރާއްޖެ އިން ހޯދީ ނޭޕާލް ބަލިކުރުމަށް ފަހު އެވެ. އެހެން ނަމަވެސް މާޗް މަހު މާލޭގައި އޮތް މުބާރާތުގައި ނޭޕާލް ވަނީ ރާއްޖެ އަތުން މޮޅުވެފަ އެވެ. އެންމެ ފަހުން ދެ މުބާރާތުގައި ވެސް ރާއްޖެ އަށް ދިމާވި އެންމެ ބޮޑު އެއް މައްސަލަ އަކީ ފެށުން ގޯސް ވުމެވެ. އޭގެ ސަބަބުން ފަހު މެޗުތަކުގައި ކުޅުންތެރިންނަށް ޕްރެޝަރު ބޮޑުވުމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކޭ ގޮތްނުވި އެވެ.

މި ފަހަރުގެ މުބާރާތާ ކުރިމަތިލާއިރު ކާއްޓޭ އަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ވަރަށް ޑިސިޕްލިން ސްކޮޑެއް އޮތުމުގެ އިތުރުން ރަނގަޅު ފެންވަރުގެ ޓްރެއިންން ކޭމްޕެއް ތައިލެންޑުގައި ކުރިއަށް ގެންދެވުމެވެ. އަދި ޓްރެއިނިން ކޭމްގައި ރަނގަޅު ފެންވަރުގެ މެޗުތަކެއް ލިބުމުން ކުޅުންތެރިންނަށް މުބާރާތުގައި އޭގެ ފައިދާ ކުރާނެ ކަމަށް ބެލެވޭ ކަމަށް ކާއްޓޭ ވަނީ ބުނެފަ އެވެ.