Roadha Mihaaru
އަނިޔާކުރި ފުލުހުން ގެ އަކަށް ވަދެ ބިރުދެއްކި!

އަނިޔާކުރި ފުލުހުން ގެ އަކަށް ވަދެ ބިރުދެއްކި!

06 ޖުލައި 2019

ހައްޔަރުކުރި މީހަކަށް، ކުލަ ހެދުމުގައި ތިބި ފުލުހުންތަކެއް އަނިޔާ ކުރާ މަންޒަރު ވީޑިއޯ ކުރި ކަމަށް ބުނެ، އެ ފުލުހުން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ދިރިއުޅުއްވާ ގެއަށް ވަދެ، ބިރު ދައްކައި ވީޑިއޯ ޑިލީޓް ކުރުވަން މަސައްކަތް ކުރި ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހައްޔަރުކުރި މީހަކަށް، ކުލަ ހެދުމުގައި ތިބި ފުލުހުންތަކެއް އަނިޔާ ކުރާ މަންޒަރު ވީޑިއޯ ކުރި ކަމަށް ބުނެ، އެ ފުލުހުން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ދިރިއުޅުއްވާ ގެއަށް ވަދެ، ބިރު ދައްކައި ވީޑިއޯ ޑިލީޓް ކުރުވަން މަސައްކަތް ކުރި ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ހައްޔަރުކުރި މީހަކަށް، ކުލަ ހެދުމުގައި ތިބި ފުލުހުންގެ ބަޔަކު ދިޔައީ ވަރަށް ބޮޑަށް އަނިޔާ ކުރަމުންނެވެ. ވީޑިއޯގައި، އެ މީހާގެ ގައިގައި ކޮޅުފައިންނާއި ގާބުރިއަކުން ތަޅަ އެވެ. އަދި އަނިޔާވާ ގޮތަށް ބިންމައްޗަށް ވައްޓައި ގައިގެ އެކި ތަންތަނުގައި ތަޅާ މަންޒަރު އެ ވީޑިއޯ އިން ފެނެ އެވެ.

ވީޑިއޯ އާންމުވުމާ ގުޅިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ ހަމީދު) ކުރެއްވި ޓުވީޓެއްގައި ރޭ ވިދާޅުވީ އެ އޮޕަރޭޝަން ހިންގި ފުލުހުން ސަސްޕެންޑް ކުރަން ނިންމާފައިވާ ކަމަށެވެ.

އަނަސް ކުރެއްވި ދެ ޓުވީޓު.

އަނަސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މީހަކު ހައްޔަރު ކުރަން ފުލުހުން ރޭ ވަނީ އޭނާގެ ގޭގެ (ބަޑިކުޅިމާގެ، މާފަންނު އިހުސާން ފިހާރަ ކައިރި) ކުރިމަތީގައި ހުރި ގެއަކަށް ކަމަށެވެ. އަދި އެ އޮޕަރޭޝަންގެ ތެރެއިން "އޮފިސަރުން" އޭނާގެ ގެއަށް ވަދެ، ވީޑިއޯއާ ބެހޭ ގޮތުން ސުވާލު ކުރި ކަމަށް އަނަސް ވިދާޅުވި އެވެ.

"ޖެހިގެން ހުރި ފްލޯ އަށް އަރާ އަނެއްކާ ވެސް [އަޅުގަނޑުގެ ފްލޯ އަށް] ވަނީ. އެތަނަށް ވަދެ ފޯނުތައް ޗެކް ކުރުމަށް މަސައްކަތް ކުރީ. އަދި އެއްވެސް ވީޑިއޯއެއް ގެންގުޅޭނެ ކަމަށް ވާނަމަ، އެ ޑިލީޓް ކުރުމަށް އިންޒާރު ވެސް ދިން،" ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސްގެ ޓުވީޓުގައިވެ އެވެ.

ފުލުހުން މީހަކަށް އަނިޔާ ކުރަނިކޮށް ނަގާފައިވާ ވީޑިއޯގެ ސްކްރީން ޝޮޓެއް--

ފުލުހުން މީހަކަށް އަނިޔާ ކުރަނިކޮށް ނަގާފައިވާ ވީޑިއޯގެ ސްކްރީން ޝޮޓެއް--

"އަޅުގަނޑުމެން އެހިން ތިއީ ކޮން ބައެއްހޭ. [ފުލުހުންގެ] ބެޖް ދެއްކުމަށް ފަހު ބުނީ ފުލުހުންގެ އޮޕަރޭޝަނެއް ހިންގަމުން އަންނަ ކަމަށް."

އަނަސްގެ ޓުވީޓާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަދި ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ، އަނަސް ހިއްސާ ކުރެއްވި މައުލޫމާތުތައް ތަހުގީގު ޓީމަށް ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ވެސް އިޒްމިއާ ވިދާޅުވި އެވެ.

ފުލުހުން ރޭ އަނިޔާ ކުރީ، މަސްތުވާތަކެތި ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި މ. އުޖާލާގެ އަށް ވަދެ ބަލައި ފާސްކުރުމުގެ ތެރޭގައި އެ ގޭގައި ހުރި މީހަކަށެވެ. ފުލުހުން ބުނި ގޮތުގައި އެ ގެ އަށް ފުލުހުން ވަދެފައި ވަނީ ރޭ 7:30 ހާއިރު އެވެ.

ސީޕީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި، އަނިޔާކުރި މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް އިން ތަހުގީގު ކުރުމުގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް މި މައްސަލަ ބެލުމަށް ވާނީ އެދިވަޑައިގެންފަ އެވެ. އަދި ވިދާޅުވީ ފުލުހުންގެ ތެރޭގައި އޮންނަ، އަނިޔާކުރުމުގެ ސަގާފަތް ނިމުމަކަށް އަންނަން ޖެހޭ ކަމަށެވެ.