Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

05 ޖުލައި 2019

ކުރިން އެކީގައި ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ސަންޖޭ ދަތާއި މަނީޝާ ކޮއިރަލާ އަނެއްކާ ވެސް އެކީގައި ފެނިގެންދާ ފިލްމު "ޕްރަސްތާނަމް" އަންނަ ސެޕްޓެމްބަރު މަހުގެ 20 ގައި ރިލީޒްކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރިން އެކީގައި ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ސަންޖޭ ދަތާއި މަނީޝާ ކޮއިރަލާ އަނެއްކާ ވެސް އެކީގައި ފެނިގެންދާ ފިލްމު "ޕްރަސްތާނަމް" އަންނަ ސެޕްޓެމްބަރު މަހުގެ 20 ގައި ރިލީޒްކުރަން ނިންމައިފި އެވެ.

މި ފިލްމަކީ 2010 ގައި ރިލީޒްކުރި ތެލެގޫ ކަލްޓް ކްލަސިިކް "ޕްރަސްތާނަމް" އަށް ބިނާކޮށް ހަމަ އެ ނަމުގައި ގެނެސްދޭ ފިލްމެކެވެ. "ޕްރަސްތާނަމް" ގެ ކާސްޓުން ސަންޖޭ އާއި މަނީޝާއާ އެކު، އަލީ ފަޒަލް، އަމީރާ ދާސްތޫރް، ޖެކީ ޝްރޮފް އަދި ޗަންކީ ޕާންޑޭ ވެސް ފެންނާނެ އެވެ.

ނުފޫޒު ގަދަ ސިޔާސީ ލީޑަރަކު، ދަރިން ވެސް ތިބި ހުވަފަތް އަންހެނަކާ ކައިވެނި ކުރުމުން އޭނާގެ ދޮންދަރިއަކާ ދެމެދު ހިނގާ ސިޔާސީ ކުޅިގަނޑެއްގެ ވާހަކަ ކިޔައިދޭ "ޕްރަސްތާނަމް" ގެ ހިންދީ ފިލްމުގެ ޑައިރެކްޓަރަކީ ވެސް އޮރިޖިނަލް ފިލްމު ޑައިރެކްޓް ކުރި ދޭވަ ކައްޓާ އެވެ.

މި ފިލްމަކީ ސަންޖޭގެ އަމިއްލަ ފިލްމް ކުންފުނި ސަންޖޭ ދަތު ޕްރޮޑަކްޝަނުން ހަދާ ފިލްމެކެވެ.

ސަންޖޭ އާއި މަނީޝާ އެންމެ ފަހުން ސްކްރީނުން އެކީގައި ފެނިފައިވަނީ 2008 ގައި ރިލީޒްކުރި "މެހެބޫބާ" އިންނެވެ.

ދެ ތަރިން އެކުގައި ކުޅެފައިވާ އިތުރު ފިލްމްތަކުގެ ތެރޭގައި ކާޓޫސް (1998) އަދި 2000 ގައި ރިލީޒް ކުރާ "ކޯފް އާއި "ބާގީ" ހިމެނެ އެވެ.

"ޖޫޓާ ކަހީ ކާ" ގެ ޓްރެއިލާ ދައްކާލައިފި

ކެންސަރަށް ފަރުވާ ހޯދަން މިދިޔަ އަހަރު އެމެރިކާ އަށް ދިއުމުގެ ކުރިން ރިޝީ ކަޕޫރް ކުޅެ ނިންމާފައި އޮތް ފިލްމު "ޖޫޓާ ކަހީ ކާ" މި މަހު ރިލީޒް ކުރަން ނިންމުމަށް ފަހު، ފިލްމުގެ ފުރަތަމަ ޓްރެއިލާ ވެސް ދައްކާލައިފި އެވެ.

ޓްވިޓާގައި ޓްރެއިލާ ހިއްސާ ކުރަމުން ރިޝީ ބުނީ މިއީ ވަރަށް މަޖާ ފިލްމަކަށް ވާނެ ކަމަށާއި "ޖޫޓާ ކަހީ ކާ" ގެ ނަމުގައި އޭނާ އާއި އަންހެނުން ނީޓޫ ވެސް ކުރިން ފިލްމެއް ކުޅުނު ކަމަށެވެ. އެ ފިލްމު ރިލީޒް ކުރީ 1979 ގަ އެވެ.

މި ފަހަރު "ޖޫޓާ ކަހީ ކާ" ރިޝީއާ އެކު ފެނިގެން ދާނީ ސަނީ ސިންގް، އޯމްކާރް ކަޕޫރް، ޖިމީ ޝެރްގިލް، ނިމިޝާ މެހެތާ އަދި ލިލީތޭ ޑޫބޭ އެވެ.

ސުމީޕް ކަންގް ޑައިރެކްޓްކޮށްފައިވާ ފިލްމު ސިނަމާތަކަށް އަންނާނީ މި މަހުގެ 19 ގަ އެވެ.

"ސާހޯ" ގެ ލަވައެއް ދައްކައިލަން ތައްޔާރުވެއްޖެ

"ބާހްބަލީ" އިން ވިދައިލި އެކްޓަރު ޕްރަބާސްގެ އާ ފިލްމު އަންނަ މަހު ރިލީޒް ކުރާ އިރު، މިހާރު ކުރިއަށް އޮތީ ފިލްމުގެ ޕްރޮމޯޝަނަލް މަސައްކަތްތަކެވެ.

އެގޮތުން ފިލްމުގެ ލަވަތަކުގެ ތެރެއިން ލަވައެއް ވަރަށް އަވަހަށް އާންމުކޮށް ދޫކޮށްލާނެ އެވެ. އެ ލަވައަކީ "ސައިކޯ ސައްޔާ" އެވެ. މި ލަވައިން ޕްރަބާސް އާއި ބަތަލާ ޝްރަދާ ކަޕޫރް ފެނިގެން ދާނެ ގޮތުގެ ފޮޓޯތަކެއް ވެސް މިހާރު ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. ނަމަވެސް ލަވަ ރިލީޒް ކުރާނެ ތާރީހެއް އަދި ކަށަވަރެއް ނުވެ އެވެ.

ސައުތުގެ ކުޅަދާނަ ޑައިރެކްޓަރު ސުޖީތު ޑައިރެކްޓްކޮށްފައިވާ "ސާހޯ" އަންނަ މަހުގެ 15 ގައި ރިލީޒް ކުރަން ނިންމާފައިވާ އިރު، މިއީ އެކްޝަން ތުރިލާއެކެވެ.

ސައުތާއި ބޮލީވުޑްގެ މަސްހުނި ކާސްޓެއް ފެނިގެންދާ ފިލްމުން ޖެކީ ޝްރޮފް، ނީލް ނިތިން މުކޭޝް، މަންދިރާ ބޭދީ، ޗަންކީ ޕާންޑޭ އަދި އެވެލީން ޝަރުމާ ފަދަ ބޮލީވުޑްގެ ތަރިންތައް ފެންނާނެ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން "ސާހޯ" ގެ ހާއްސަ ލަވައަކުން ޖެކްލިން ފެނަންޑޭޒް ވެސް ފެންނާނެ އެވެ.

"ސޫރިޔާވަންޝީ" ގެ ޝޫޓިންގެ ތެރެއިން

އަންނަ އަހަރު ބެލުންތެރިންނަށް ގެނެސްދޭ ރޯހިތު ޝެޓީގެ "ސޫރިޔާވަންޝީ" އަކީ މިހާރު ވެސް ބެލުންތެރިން އެންމެ ބޮޑަށް އިންތިޒާރު ކުރާ އެއް ފިލްމެވެ.

ފިލްމު ހާއްސަވާ ސަބަބުތަކުގެ ތެރޭގައި ވަރުގަދަ އެކްޝަންތައް ފިލްމުތަކުގައި ހިމަނަން މަޝްހޫރު ރޯހިތުގެ ފިލްމަކުން، އެކްޝަން ރޯލްތަކަށް މޮޅު އެކްޓަރު އަކްޝޭ ކުމާރު ފެނިގެން ދިއުމާއި އޭނާއާ އެކު ފިލްމުގެ ބަތަލާގެ ރޯލުން ކެޓްރީނާ ކެއިފް ފެނިގެން ދިއުން ހިމެނެ އެވެ. މީގެ އިތުރުން ބޮލީވުޑްގެ އައިކޮނިކް ވާރޭތެރޭގެ ލަވަ "ޓިޕް ޓިޕް ބަރުސާ ޕާނީ" ގެ އާ ވާޝަނެއް ވެސް "ސޫރިޔާވަންޝީ" ގައި ހިމަނާފައިވުން ހިމެނެ އެވެ.

މި ފިލްމުގެ މުހިއްމު މަންޒަރުތަކެއް ދާދި ފަހުން ތައިލެންޑްގައި ނަގާފައިވާ އިރު، އެ މަސައްކަތުގެ ވީޑިއޯއެއް ވެސް މިހާރު ވަނީ ބެލުންތެރިންނާ ހިއްސާކޮށްފަ އެވެ. އޭގައި ފެންނަނީ މަގެއްގެ މަތީގައި ފިލްމުގެ ވަރުގަދަ ސްޓަންޓްތަކެއް ހަދާ ތަނެވެ.

އަކްޝޭ ފުލުހެއްގެ ރޯލުން ފެނިގެންދާ "ސޫރިޔާވަންޝީ" ރިލީޒް ކުރާނީ އަންނަ އަހަރުގެ މާޗް 27 ގަ އެވެ.