Roadha Mihaaru
އާޖެންޓީނާ ކަޓުވާލައި ބްރެޒިލް ފައިނަލަށް

އާޖެންޓީނާ ކަޓުވާލައި ބްރެޒިލް ފައިނަލަށް

03 ޖުލައި 2019

ބެލޯ ހޮރިޒޯންޓޭ، ބްރެޒިލް (ޖުލައި 3) - ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ސެމީގައި އެންމެ ފަހު ދެ ފަހަރުގެ ރަނަރަޕް އާޖެންޓީނާ 2-0 އިން ބަލިކޮށް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ބްރެޒިލް ހޯދައިފި އެވެ. މިއީ 12 އަހަރުތެރޭ، ބޮޑު މުބާރާތެއްގެ ފައިނަލުގައި ބްރެޒިލް ކުޅޭ ފުރަތަމަ ފަހަރެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބެލޯ ހޮރިޒޯންޓޭ، ބްރެޒިލް (ޖުލައި 3) - ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ސެމީގައި އެންމެ ފަހު ދެ ފަހަރުގެ ރަނަރަޕް އާޖެންޓީނާ 2-0 އިން ބަލިކޮށް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ބްރެޒިލް ހޯދައިފި އެވެ. މިއީ 12 އަހަރުތެރޭ، ބޮޑު މުބާރާތެއްގެ ފައިނަލުގައި ބްރެޒިލް ކުޅޭ ފުރަތަމަ ފަހަރެވެ.

މި މެޗު ކުޅުނު ދަނޑު ކަމަށްވާ ބްރެޒިލްގެ އެސްޓަޑިއޯ މިނޭރޯ ސްޓޭޑިއަމްގައި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީ ފައިނަލުގައި ޖަރުމަނު އަތުންވި ބޮޑު ބަލީގެ ހިތި ހަނދާންތައް މި މެޗަށް ބްރެޒިލް ނުކުތްއިރު ޓީމުގެ ސަޕޯޓަރުންނާއި ބައެއް ކުޅުންތެރިންގެ ސިކުނޑީގައި ހުރި ކަމަށް ބްރެޒިލްގެ ކޯޗު ޓީޓޭ ވަނީ މެޗުގެކުރިން ބުނެފަ އެވެ. އެކަމަކު ވާދަވެރި އާޖެންޓީނާ އަތުން މޮޅުވެ، 12 އަހަރަށް ފަހު ބޮޑު މުބާރާތެއްގެ ފައިނަލުން ފުރަތަމަ ފަހަރަށް ޖާގަ ލިބުމަކީ އެ ޓީމަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެކެވެ.

މެޗު ފަށައިގެން އާޖެންޓީނާގެ ލެއަންޑްރޯ ޕަރޭޑޭސް ހާފުގެ މެދުން ފޮނުވާލި ހަމަލާ ދިޔައީ ހުރަސްދަނޑިމަތިންނެވެ. ބްރެޒިލުން ލީޑުނެގީ މެޗުގެ 19 ވަނަ މިނިޓްގައި ގަބްރިއެލް ޖީސޫސް ޖެހި ގޯލުންނެވެ. ބްރެޒިލްގެ ކެޕްޓަން ޑެނީ އަލްވޭސްގެ މަސައްކަތުން އަރިމައްޗަށް ހުސްކޮށްލާފައި ރޮބާޓޯ ފިރްމީނޯ އަށް ދިން ބޯޅަ އޭނާ ވަނީ އޭރިއާތެރޭގައި ހުރި ޖީސޫސް އަށް ދީފަ އެވެ. ޖީސޫސް ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ފުރަތަމަ ހާފުގައި އާޖެންޓީނާ އަށް ނަތީޖާ ހަަމަހަމަކުރަން އެންމެ ރަނގަޅު ހަމަލާއެއް ފޮނުވާލީ ސާޖިއޯ އަގުއޭރޯ އެވެ. އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، ލިބުނު ހިލޭޖެހުމަކުން ހުސްކޮށްލާފައި އަގުއޭރޯ އަށް ނަގައިދިން ބޯޅަ އޭނާ ބޮލުން ފޮނުވާލިއިރު އަމާޒުވީ ހުރަސްދަނޑިއަށެވެ.

އަނިޔާގެ ސަބަބުން ނޭމާ މި މުބާރާތުގައި ނުކުޅޭއިރު، ޖީސޫސް އާއި ފިރްމީނޯ އަދި ކުޓީނިއޯ ވަނީ ބްރެޒިލްގެ އެޓޭކްގައި ތަފާތު ދައްކައިފަ އެވެ.

ދެ ވަނަ ހާފް ފަށައިގެން މެޗުގެ 54 ވަނަ މިނިޓްގައި ބްރެޒިލަށް ލީޑުފުޅާކޮށްދޭން ފިލިއްޕޭ ކުޓީނިއޯ އަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. އޭގެ ދެ މިނިޓް ފަހުން އާޖެންޓީނާ އަށް އެއްވަރުކޮށްދޭން އޭރިއާތެރެއިން މެސީ ޖެހި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. އެ ބޯޅަ ދެ ވަނަ ފަހަރަށް ހޯދައި މެސީ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ޖަހަން އަރައި ކުޅުންތެރިއަކު ނެތެވެ.

މިރޭގެ މެޗުގެ ތެރެއިން އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ.- ފޮޓޯ: އޭއެފްޕީ

މިރޭގެ މެޗުގެ ތެރެއިން އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ.- ފޮޓޯ: އޭއެފްޕީ

ބްރެޒިލުން ލީޑުފުޅާކުރަން ކުރި މަސައްކަތް ކާމިޔާބުވީ މެޗު ނިމެން 19 މިނިޓަށް ވެފައި އޮއްވަ އެވެ. ދެ ވަނަ ލަނޑު ޖެހީ ފިރްމީނޯ އެވެ. އާޖެންޓީނާގެ ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު ޖީސޫސް އޭރިއާތެރެއިން މުޅިން ހުސްކޮށްލާފައި ފިރްމީނޯ އަށް ދިން ބޯޅަ އޭނާ ވަނީ ހަމަޖެހިލާފައި، ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

މި ނާކާމިޔާބީއާ އެކު މީޑިއާގައި އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވާނެ ކުޅުންތެރިއަކީ އާޖެންޓީނާގެ މެސީ އެވެ. ގައުމީ ޓީމާ އެކު ބޮޑު މުބާރާތެއްގެ ތަށި ހޯދުމަށް މެސީ ކުރަމުން އަންނަ މަސައްކަތް އިތުރަށް ދިގުލައިދިޔައިރު، އަންނަ އަހަރު އާޖެންޓީނާ އާއި ކޮލަމްބިއާގައި ބާއްވާ ކޮޕަ އެމެރިކާ އަކީ މެސީގެ ފަހު މުބާރާތަށް ވުމުގެ ފުރުސަތު އެބައޮތެވެ. މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމުން ބްރޭކެއް ނެގި މެސީ އަލުން ގައުމީ ޓީމާ ގުޅުނީ މި ފަހަރުގެ މުބާރާތް ގާތްވެފައިވަނިކޮށެވެ.

މި މެޗުގެ ނަތީޖާއާ އެކު ބްރެޒިލުން ވަނީ އަމިއްލަ ފަސްގަނޑުގައި ވާދަވެރި މެޗަކުން އާޖެންޓީނާ އަތުން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ވެސް ދަމަހައްޓައިފަ އެވެ. މި މުބާރާތުގައި އެންމެ ފަހުން މި ދެ ޓީމު ބައްދަލުކުރި ފަސް މެޗުން ވެސް ބްރެޒިލް ބަލިވެފައެއް ނުވެ އެވެ. އެންމެ ފަހުން ބައްދަލުކުރީ 2007 ވަަނަ އަހަރުގެ ފައިނަލުގަ އެވެ. އެ ފަހަރު ބްރެޒިލް މޮޅުވީ 3-0 އިންނެވެ.

މި މުބާރާތުގެ ތަށި އަށް ފަހަރު ހޯދާފައިވާ ބްރެޒިލް އަންނަ އާދިއްތަ ދުވަހުގެ ފައިނަލުގައި ބައްދަލުކުރާނެ ޓީމެއް އެނގޭނީ މިރޭ ކުޅޭ ދެ ވަނަ ސެމީ އަށް ފަހު އެވެ. ދެ ވަނަ ސެމީގައި ވާދަކުރަނީ އެންމެ ފަހުން ދެ ފަހަރުގެ ޗެމްޕިއަން ޗިލީ އާއި ޕެރޫ އެވެ.