Roadha Mihaaru
ސެން ފްރަންސިސްކޯގައި އީ-ސިނގިރެޓް މަނާކުރަނީ

އީ-ސިނގިރެޓް މަނާކުރާ އެމެރިކާގެ ފުރަަތަމަ ސިޓީއަކަށް ސެން ފްރަންސިސްކޯ

01 ޖުލައި 2019

ދުންފަތާ ދެކޮޅަށް އެމެރިކާގައި އަޅަމުން އަންނަ ފިޔަވަޅުތަކާ އެކު، އެ ގައުމުގައި އީ-ސިނގިރެޓް މަނާކުރާ ފުރަތަމަ ސިޓީއަކަށް ކެލިފޯނިއާ ސްޓޭޓްގެ ސެން ފްރާންސިސްކޯ ވާން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުންފަތާ ދެކޮޅަށް އެމެރިކާގައި އަޅަމުން އަންނަ ފިޔަވަޅުތަކާ އެކު، އެ ގައުމުގައި އީ-ސިނގިރެޓް މަނާކުރާ ފުރަތަމަ ސިޓީއަކަށް ކެލިފޯނިއާ ސްޓޭޓްގެ ސެން ފްރާންސިސްކޯ ވާން ތައްޔާރުވެއްޖެ އެވެ.

އެކަމާ ދެކޮޅަށް އެކުލަވާފައިވާ ބިލް މިހާރު ފާސްކޮށްފައިވާ އިރު، މި ހަފުތާގެ ތެރޭގައި ބިލް ގާނޫނަކަށް ވާނެ ކަމަށް ބެލެވެ އެވެ. މިދިޔަ އަންގާރަ ދުވަހު ފާސްކުރި ގާނޫނު ތަސްދީގު ކުރަން ސެން ފްރާންސިސްކޯގެ މޭޔަރު ލަންޑަން ބްރީޑަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ އެވެ.

އޭނާ ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި ބިލް ތަސްދީގުކުރައްވާނެ ކަމަށާއި އެކަމާ ދޭތެރޭ ސުވާލު އުފައްދާނެ ޖާގައެއް ވެސް ނެތް ކަމަށެވެ. އަލަށް ތަންފީޒުކުރަން ފަށަން ތައްޔާރުވަމުން އަންނަ ގާނޫނުގެ ދަށުން ސެން ފްރަންސިސްކޯގައި އީ-ސިނގިރެޓާއި ވޭޕް ކުރަން ބޭނުންކުރާ އެއްވެސް އުފެއްދުމެއް ވިޔަފާރީގެ މުއާމަލާތެއް ނުކުރެވޭނެ އެވެ.

މިފަދަ ފިޔަވަޅެއް އަޅަން ނިންމި އެއް ސަބަބަކީ ތަފާތު ފްލެވާތަކުގެ އީ-ސިނގިރެޓްގެ ސަބަބުން ޒުވާނުންނަށް ކުރިމަތުވަމުންދާ ސިއްހީ މައްސަލަތައް އިތުރުވަމުން ދިއުމެވެ. އަނެއްކޮޅުން މި ފަހަކަށް އައިސް އީ-ސިނގިރެޓް ބޭނުންކުރުމުގެ ތެރޭގައި އެ އެއްޗެހި ގޮވައިގެން ނުރައްކާތެރި ހާދިސާތަކެއް ވެސް ހިނގާފައިވެ އެވެ.

ސެން ފްރަންސިސްކޯގައި އީ-ސިނގިރެޓް މަނާ ކުރަން ނިންމި އިރު، އެމެރިކާގައި އީ-ސިނގިރެޓް އުފައްދާ އެންމެ މަގުބޫލު ކުންފުނި "ޖޫލް ލެބްސް" އަކީ ވެސް ކެލިފޯނިއާގެ ކުންފުންޏެކެވެ.

ސެން ފްރާންސިސްކޯގެ މޭޔަރު ލަންޑަން ބްރީޑް.

ސެން ފްރާންސިސްކޯގެ މޭޔަރު ލަންޑަން ބްރީޑް.

މި ނިންމުމާ ބެހޭ ގޮތުން އެ ކުންފުނިން ބުނީ އީ-ސިނގިރެޓް މަނާ ކުރުން ވެގެން ދާނީ އާދައިގެ ސިނގިރެޓަށް އަނެއްކާ ވެސް ގިނަ ބަޔަކު ދީލައިލާނެ ސަބަބެއް ކަމަށެވެ. އަދި މީގެ ސަބަބުން ސިނގިރެޓް ވިޔަފާރީގެ ބްލެކްމާކެޓެއް ވެސް އުފެދިގެން ދާނެ ކަމަށް ބުންޏެވެ.

ނަމަވެސް ދުންފަތާ ދެކޮޅަށް މަސައްކަތް ކެމްޕޭން ކުރާ މީހުން އަންނަނީ ސެން ފްރަންސިސްކޯގެ ނިންމުމަށާއި މިކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން އަޅަމުން އަންނަ ފިޔަވަޅުތަކަށް މަރުހަބާ ކިޔަމުންނެވެ.

ސެން ފްރާންސިސްކޯގެ ސިޓީ އެޓާނީ ޑެނިސް ހެރޭރާ ވިދާޅުވި ގޮތުގައި އެފްޑީއޭ އިން 2021 އިން ފެށިގެން އީ-ސިނގިރެޓްގެ ވިޔަފާރި ރެގިއުލޭޓް ކުރަން ނިންމުމަކީ ވެސް ވަރަށް މުހިއްމު އަދި ހަރުދަނާ ފިޔަވަޅެކެވެ.