08 ސެޕްޓެމްބަރ 2016
ޗައިނާއާ އެކު ފްރީ ޓްރޭޑް ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމާ ގުޅޭ މަޝްވަރާތައް މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ޗައިނާއާ އެކު ފްރީ ޓްރޭޑް ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމާ ގުޅޭ މަޝްވަރާތައް މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމާ ގުޅޭ ގޮތުން ޗައިނާއާ އެކު ރަސްމީކޮށް މަޝްވަރާ ކުރަން ފެށިތާ މިއަދަށް ވަނީ އެއް އަހަރު ފުރިފަ އެވެ. އެ މުއްދަތުގެ ތެރޭގައި 2،000 އަށް ވުރެ ޗައިނާގެ އަމިއްލަ ކުންފުންޏާ އެކު ވާހަކަ ދައްކާފައިވާ ކަމަށާއި މިއީ މިހާތަނަށް ބޭރުގެ އެންމެ ގިނަ އަމިއްލަ ވިޔަފާރިއާ އެކު މަޝްވަރާކުރެވުނު ފަހަރު ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއިން ކޮންމެ ކަމަކުން ވިޔަފާރި އަށް މި އަންނަ ކުރިއެރުންތައް ފުރިހަމަ ގޮތުގައި ބަލައިގަތުމަަށް އަޅުގަނޑުމެން އިލްތިމާސް ކުރަން ހުރިހާ ބޭފުޅުންނަށް ވެސް،" ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ލޯނު ސްކީމް ހިންގުން ބީއެމްއެލްއާ ހަވާލުކުުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި އެވެ.
ސައީދު ކުރިން ވިދާޅުވެފައިވާ ގޮތުގައި ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމުން ދިވެހި އުފެއްދުންތައް ޗައިނާގެ ބާޒާރުގައި މިހާރަށް ވުރެ ފަސޭހައިން ވިއްކޭނެ އެވެ. ހާއްސަކޮށް، ދިވެހި މަހާއި މަހުގެ އުފެއްދުންތައް ޑިއުޓީއަކާ ނުލާ ޗައިނާ އަށް އެކްސްޕޯޓު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވިދާޅުވެފައިވެ އެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމާ ގުޅޭ ގޮތުން ރާއްޖެ އާއި ޗައިނާ އިން ވަނީ މިހާތަނަށް ތިން ފަހަރަކު މަޝްވަރާތައް ބާއްވާފަ އެވެ. އަދި ރާއްޖެއާ އެކު މިފަދަ އެއްބަސްވުމެއް ހެދުމުން ކުރާނެ ފައިދާތައް ދެނެގަތުމަށް މި އަހަރުގެ ތެރޭގައި ދިރާސާކުރާނެކަން ޗައިނާ އިން ވަނީ އިއުލާންކޮށްފަ އެވެ.
މިއީ ވަކި ގައުމަކާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ރާއްޖޭން އެކުލަވާލާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރާއްޖޭން ބައިވެރިވެފައި ވަނީ ދެކުނު އޭޝިއާ ސަަރަހައްދުގެ މިނިވަން ވިޔަފާރީގެ އެއްބަސްވުން (ސަފްޓާ)ގަ އެވެ. އެއީ ސާކުގެ ހުރިހާ ގައުމެއް ބައިވެރިވާ، ސަރަހައްދީ އެެއްބަސްވުމެކެވެ.
ރާއްޖޭން އަންނަނީ ޗައިނާއާ އެކު ވަރަށް ބޮޑަށް ގުޅުން ބަދަހިކުރަމުންނެވެ. ހާއްސަކޮށް، ސަރުކާރުން ހިންގާ އިގްތިސާދީ ބޮޑެތި މަޝްރޫއުތަކުގެ ބޮޑު ބައެއް ކުރިއަށް ގެންދަނީ ޗައިނާ އިން ދޭ އެހީ އާއި ލޯނުންނެވެ. އޭގެ ތެރޭގައި މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖާއި ރާއްޖޭގެ މައި އެއާޕޯޓު ތަރައްގީކުރުމާއި އެ ނޫން ވެސް ބައެއް މަޝްރޫއުތަކެއް ހިމެނެ އެވެ.
ޗައިނާގެ އިތުރުން ހޮން ކޮންގުން ވެސް ވަނީ ރާއްޖެއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަން ޝައުގުވެރިވާކަން ހާމަކޮށްފަ އެވެ. އެކަމަކު، އެ މަސައްކަތް އަދި ކުރިއަކަށް ނުދެ އެވެ.
އެފްޓީއޭ ހަދަން ޖެހުނީ އެކަށީގެންވާ އަގު ނުލިބޭތީ
ފްރީ ޓްރޭޑާއެކު އިތުރު ބޭންކުތައް ރާއްޖެ ގެނެވޭނެ
ޗައިނާ ފްރީ ޓްރޭޑް މަޝްވަރާތަކުގެ ފަހު ބުރު ފަށައިފި
ޗައިނާ ފްރީ ޓްރޭޑްގައި 2017 ކުރީކޮޅު ސޮއިކުރަނީ
ދެ ކޮމާޝަލް ޕޯޓުގެ މަސައްކަތް ވަރަށް އަވަހަށް ފަށަނީ
އެފްޓީއޭ އޮތް ގޮތަށް ކުރިއަކަށް ނުގެންދާނަން: ފައްޔާޒު
އެފްޓީއޭ ތަންފީޒުނުވަނީ "ޕަވަސްޓްރަގުލް"އާ ހެދި:ސައީދު
އިގްތިސާދީ ޕެކޭޖުގެ ތަފްސީލަށް ސައީދު އެދިވަޑައިގެންފި
ފަންނީ އެހީތެރިކަން ހޯދަން ޗައިނާއާ އެކު އެއްބަސްވެއްޖެ
ޗައިނާ ދަރަނި 3.2 ބިލިއަން ޑޮލަރާ ގާތްވެސް ނުކުރޭ