Roadha Mihaaru
ރާޖަޕަކްސާ އުފެއްދެވި މިހިން ލަންކާ އުވާލަނީ

ރާޖަޕަކްސާ އުފެއްދެވި މިހިން ލަންކާ އުވާލަނީ

08 ސެޕްޓެމްބަރ 2016

ކޮލަމްބޯ (ސެޕްޓެމްބަރު 8) - ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ އުފެއްދެވި މިހިން ލަންކާ އެއާލައިން އުވާލުމަށް ސަރުކާރުން ނިންމައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ސެޕްޓެމްބަރު 8) - ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ އުފެއްދެވި މިހިން ލަންކާ އެއާލައިން އުވާލުމަށް ސަރުކާރުން ނިންމައިފި އެވެ.

ބަޖެޓް އެއާލައިނެއް ކަމަށްވާ މިހިން ލަންކާ ރާޖަޕަކްސާ އުފެއްދެވީ 2007 ވަނަ އަހަރު އެވެ. އެކަމަކު އެ އެއާލައިން މިހާރު ހިންގަނީ ބޮޑު ގެއްލުމަކާ އެކު އެވެ. މިހިން ލަންކާގެ ދަރަނި ވަނީ 117 މިލިއަން ޑޮލަރަށް އަރައިފަ އެވެ.

ސްރީ ލަންކަން އެއާލައިންސްގެ ޗެއާމަން އަޖިތު ދަޔާސް ވިދާޅުވި މިހިން ލަންކާ ހުއްޓާލުމާ އެކު އެ އެއާލައިނުން ދަތުރު ކުރި މަންޒިލްތަކަށް ގައުމީ އެއާލައިނުން ދަތުރު ކުރާނެ ކަމަށެވެ.

"މި އަހަރު ނިމޭއިރު މިހިން ލަންކާގެ ދަތުރުތަކެއް ނޯންނާނެ. އަދި އެއާލައިން އޮޕަރޭޓްކުރާ މަންޒިލްތަކަށް ސްރީ ލަންކަން އެއާލައިންސް އިން ދަތުރުތައް ކުރާނެ،" ސްރީ ލަންކަން އެއާލައިންސްގެ އާ ކޯލް ސެންޓަރު ހުޅުވުމަށް ކޮލަމްބޯގައި އިއްޔެ ބޭއްވި ހަފުލާގައި ޑަޔާސް ވިދާޅުވި އެވެ.

ހަތަރު އެއާބަސް މަތިންދާ ބޯޓު އޮންނަ މިހިން ލަންކާ އިން އިންޑިއާގެ ވަރަށް ގިނަ ސިޓީތަކަށާއި ބަންގްލަދޭޝް، އިންޑޮނީޝިއާ، ސީޝެލްސް، ބަހުރޭން އަދި ރާއްޖެ އަށް ދަތުރުކުރެ އެވެ.

މިހިން ލަންކާ ރާޖަޕަކްސާ އުފެއްދެވީ ގައުމީ އެއާލައިން ސްރީ ލަންކަންއާ ވާދަކުރުމަށެވެ. އޭރު ސްރީ ލަންކަން އެއާލައިންސް މެނޭޖް ކުރަމުން ދިޔައީ އެމިރޭޓްސް އިންނެވެ. އަދި އެއާލައިނުގެ މެނޭޖަރުންނާއި ރާޖަޕަކްސާއާ ދެމެދު އެ ދުވަސްވަރު ވަނީ ޚިޔާލުތަފާތުވުންތައް ވެސް އުފެދިފަ އެވެ.

ރާޖަޕަކްސާގެ ވެރިކަމުގައި 2008 ވަނަ އަހަރު ވަނީ އެމިރޭޓްސްއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލައިފަ އެވެ. އެއްބަސްވުން އުވާލަން މެދުވެރި ސަބަބަކީ ލަންޑަނުން ކޮލަބޯ އަށް ދަތުރުކުރި ބިޒިނަސް ކްލާސް ޕަސިންޖަރުންތަކެއް އިކޮނޮމީ ކްލާހަށް ބަދަލުކޮށް އެ ޖާގަތައް ރާޖަޕަކްސާގެ އާއިލާ ބަޔަކަށް ދިނުމަށް އެއާލައިނުން ދެކޮޅު ހެދުމުންނެވެ. ކޯފާވެވަޑައިގެން ހުންނެވި ރާޖަޕަކްސާ ވަނީ އެމިރޭޓްސް އިން ސްރީ ލަންކަން އަށް އައްޔަންކޮށްފައިވާ ސީއީއޯ ވެސް މަގާމުން ވަކިކޮށްފަ އެވެ. އަދި އެ މަގާމަށް ވަނީ ރާޖަޕަކްސާގެ ޅިޔަނަކު ހަމަޖައްސައިފަ އެވެ.

އެމިރޭޓްސްއާ އެކު ހެދި އެއްބަސްވުން އުވާލި ފަހުން ސްރީ ލަންކަން އަށް ވެސް ވަނީ ގެއްލުންވާން ފަށައިފަ އެވެ. އެ އެއާލައިނުގެ ދަރަނި މިހާރު ވަނީ 3.2 ބިލިއަން ޑޮލަރަށް އަރައިފަ އެވެ. ރާޖަޕަކްސާގެ ވެރިކަމުގައި މަތިންދާ ބޯޓު ގަންނަން އެއާބަސްއާ އެކު ހެދި 2.3 ބިލިއަން ޑޮލަރުގެ އެއްބަސްވުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް އެ މައްސަލަ ދަނީ ބަލަމުންނެވެ.

ރާޖަޕަކްސާގެ ވެރިކަމުގައި ކޮށްފައިވާ ފައިދާ ނުވާ އިންވެސްޓްމަންޓްތަކާ މެދު ސަރުކާރުން މިހާރު ދަނީ ގޮތެއް ނިންމަމުންނެވެ. ރާޖަޕަކްސާގެ އުފަން ޓައުން ހަމްބަންޓޯޓާގައި ހަދާފައިވާ ބައިނަލްއަގުވާމީ އެއާޕޯޓް ވެސް މިހާރު ބޭނުން ކުރަނީ އެންމެ އެއާލައިނެކެވެ.