Roadha Mihaaru
ޔާމީންގެ ސަރުކާރުގައި އީޕީއޭ އަށް ނުފޫޒު ފޯރުވި

ޔާމީންގެ ސަރުކާރުގައި ވަރަށް ބޮޑަށް ނުފޫޒު ފޯރުވި: އީޕީއޭ

24 ޖޫން 2019

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވާފައިވާ ކަމަށް އެ އޮތޯރިޓީގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ނައީމް މިއަދު މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވާފައިވާ ކަމަށް އެ އޮތޯރިޓީގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ނައީމް މިއަދު މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.

ރުއްގަސް ނެގުން އިތުރުވި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ކޮމިޓީއަށް އީޕީއޭ ހާޒިރުކޮށް މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނައީމް ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު އީޕީއޭ އަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވާފައިވާ ކަމަށާއި ނުފޫޒު ނުފޯރުވޭ ފަހަރުތަކުގައި މިނިސްޓްރީތަކުން އެ އޮތޯރިޓީގެ ބާރުތައް ނަގައި ގޮތް ނިންމާފައި އެބަހުރި ކަމަށެވެ.

އެ ހާލަތުގައި ވެސް އީޕީއޭ އިން ނުފޫޒެއްގެ މައްޗަށް ކަމެއް ނިންމާފައިނުވާނެ ކަމަށް ނައީމް ވިދާޅުވި އެވެ.

"ވަރަށް ދަތި ހާލުގައި މި ނުފޫޒުތަކާއެކު ވެސް މަސައްކަތް ކުރަމުން ދިޔައީ މިއިން އެއްވެސް ނުފޫޒަކަށް ލެނބި ވަކި ފަރާތަކުން ބުނާ ގޮތަކަށް އީޕީއޭއަކުން ނީންނާނެ ކަމެއް ކޮށްފައެއް މިދިޔަ ފަސް އަހަރުތެރޭގައި ނިންމާފައެއް،" ނައީމް ވިދާޅުވި އެވެ.

"އީޕީއޭއިން ކަމެއް ނިންމަން ނުފެންނަންޏާ އެކަމެއް ބުނާނެ. ލިޔުމުން ވެސް ބުނާނެ. ބުނުމަށް ފަހު އީޕީއޭގެ މައްޗަށް ބާރުފޯރުވޭނެ ފަރާތްތަކެއް ތިބޭތީވެ އެފަރާތްތަކުން ގަވައިދުތަކަށް ބަދަލު ގެނެސްގެން ކަންކުރީމަ މިއަދު މިހާލަތުގައި މިއޮތީ،"

ތިމާވެއްޓަށް ބެލުމަށް ނެތި ރާއްޖޭގެ ގިނަ ފަޅުތަކެއް ހިއްކާފައިވާއިރު އެކަން ފާލުން ނެއްޓުނީ އަމަލު ކުރަމުންދިޔަ އުސޫލަށް ބަދަލު ގެނައުމުން ކަމަށް ނައީމް ވިދާޅުވި އެވެ.

އީޕީއޭގެ ބައެއް ބާރުތައް ރައީސް ޔާމީން ސަރުކާރުގައި ވަނީ ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ. އެގޮތުން ރިސޯޓްގެ ގޮތުގައި ތަރައްގީ ކުރަން ގިނަ ފަޅުތަކެއް ދޫކުރި އެވެ. ނައީމް ވިދާޅުވީ އެއީ މިހާ ހިސާބަށް މައްސަލަތައް ދާން މެދުވެރިވި ސަބަބު ކަމަށެވެ. އަދި އާސަރުކާރާއެކު އެކަންކަން މިހާރު ރަނގަޅު ވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ފަޅު ހިއްކައިގެން ހަދާ ރިސޯޓްތައް ފެހި ކުރުމަށް ރުއްގަސް ނަގާ މައްސަލަ ވެސް އޮތީ ވަރަށް ބޮޑުވެފަ އެވެ. ތިމާވެއްޓަށް ބެލުމެއްނެތި އެތައް ސަތޭކަ ރުކެއް އެތައް ރަށަކުން ނަގައިގެން ގެންދިޔަ އެވެ.

ކުރީގެ ގަވައިދު ބުނާގޮތުން 10 ރުކަށްވުރެ ގިނައިން ނަގާނަމަ އީއައިއޭ ހަދަން ޖެހެ އެވެ. ނަމަވެސް 2017 ގައި އެ ގަވައިދަށް ގެނައި އިސްލާހުގައި ބުނަނީ 200 ރުއް ނުވަތަ 8،250 އަކަމީޓަރަށް ވުރެ ބޮޑު ސަރަހައްދެއް ސާފު ކުރާނަމަ އީއައިއޭ ހަދަން ނުޖެހޭނެ ކަމަށެވެ.

"މިގަވައިދަށް ވަރަށް ބޮޑެތި ބަދަލު ގެނެސް އުސޫލެއް ހަދައި ކުރިންއޮތް ހަރުދަނާ އުސޫލުތައް ވަނީ ނެތިގެންގޮސްފައި. އެހެންވީމަ ރުއްގަސް ނަގައި ގެންދިއުމުގައި ވަރަށް ފަސޭހަގޮތްތަކެއް ވެގެންދިޔައީ،" ނައީމް ވިދާޅުވި އެވެ.

އީޕީއޭއިން ވަކި ޕްރޮޖެކްޓެއް ހުއްޓުވުމުން އެކަން މިނިސްޓްރީތަކަށް ހުށަހަޅައިގެން ކުރިއަށް ދިއުމުގެ ބާރު މިހާރު ވެސް އޮންނާތީ އެއީ މައްސަލައެއް ކަމަށް ނައީމް ވިދާޅުވި އެވެ. އަދި މިހާރު އަމަލުކުރާ ބައެއް އުސޫލުތަކަށް ބަދަލު ގެނެސް އީޕީއޭއަށް މިނިވަންކަންމަތީ މަސައްކަތް ކުރެވޭނެ ފުރުސަތު ދޭން ޖެހޭ ކަމަށް ނައީމް ވިދާޅުވި އެވެ.

އީޕީއޭ މިނިވަންކުރުމަށް ގަވައިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ލިޔުމުން ހުށަހެޅުމަށް އެ ކޮމެޓީގެ މުގައްރިރު އަދި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވަނީ އަންގަވައިފަ އެވެ.

އީޕީއޭ އަކީ މިނިވަން އިދާރާއަކަށް ހައްދަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ. އަދި ރުއްގަސް ނެގުމުގެ ގަވައިދު ހަރުދަނާ ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.