Roadha Mihaaru
ކޮފީ ލެބް: އަފްރާހުގެ ހުނަރާާ އެކު ތަފާތު ރަހަތަކަކަށް

ކޮފީ ލެބް: އަފްރާހުގެ ހުނަރާާ އެކު ތަފާތު ރަހަތަކަކަށް

13 ސެޕްޓެމްބަރ 2016

ފެންނަ ފެނުމަށް ހަމަ އާދައިގެ ކޮފީ ތައްޓެކެވެ. ކެފޭތަކުން ލިބޭ ފަދަ އެސްޕްރެސޯ ޝޮޓެކެވެ. އެކަމަކު ދެން ފެނުނީ ހައިރާންވާ ފަދަ މަންޒަރެކެވެ. ކޮފީކޮޅުގެ ތެރެއަށް ދަގަނޑު ޖަގެއް ކަހަލަ އެއްޗަކުން ކިރު އެޅި ގޮތެވެ. ވަށް ބުރަކަށް ވާ ގޮތަށް، މަޑުމަޑުން ކިރު އޮއްސަމުން ދިޔައިރު، ކޮފީ ގިނަވަމުން ދެ އެވެ. ވަކި ހިސާބަކުން ތުނޑުތުނޑުލައްވަން ފަށެވެ. އެ ގޮތަށް ކިރު އޮއްސަމުން ކުރިއަށް ގޮސް، ތަށީގެ އެއް ކަނެއްގައި ހިތެއްގެ ބައްޓަމަށް ވެސް ކިރުން "ކުރަހަ" އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

ފެންނަ ފެނުމަށް ހަމަ އާދައިގެ ކޮފީ ތައްޓެކެވެ. ކެފޭތަކުން ލިބޭ ފަދަ އެސްޕްރެސޯ ޝޮޓެކެވެ. އެކަމަކު ދެން ފެނުނީ ހައިރާންވާ ފަދަ މަންޒަރެކެވެ. ކޮފީކޮޅުގެ ތެރެއަށް ދަގަނޑު ޖަގެއް ކަހަލަ އެއްޗަކުން ކިރު އެޅި ގޮތެވެ. ވަށް ބުރަކަށް ވާ ގޮތަށް، މަޑުމަޑުން ކިރު އޮއްސަމުން ދިޔައިރު، ކޮފީ ގިނަވަމުން ދެ އެވެ. ވަކި ހިސާބަކުން ތުނޑުތުނޑުލައްވަން ފަށެވެ. އެ ގޮތަށް ކިރު އޮއްސަމުން ކުރިއަށް ގޮސް، ތަށީގެ އެއް ކަނެއްގައި ހިތެއްގެ ބައްޓަމަށް ވެސް ކިރުން "ކުރަހަ" އެވެ.

އެއީ ކުރެހުމުގެ ވައްތަރެކެވެ. ކުރަހަން ބޭނުންކުރާ ބުރުހަކީ ކިރެވެ. ކުރަހާ އެއްޗަކީ ކޮފީ އެވެ.

"ލާޓޭ އާޓު"ގެ ނަން ދީފައިވާ އެ ފަންނު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުޅާވެ، މިކަމަށް ހާއްސަ ތަމްރީނު ހޯދާފައިވާ މީހުން ވެސް ތިބެ އެވެ. ދިވެހިންގެ ތެރޭގައި މި ފަންނު އަދި އެހާ އާންމު ނޫން ނަމަވެސް ރާއްޖޭގައި ޒަމާނީ ކެފޭތައް ގިނަވަމުން އަންނަ ބާރު މިނުގައި މިކަން ވެސް އިތުރުވެ، ފުޅާވުމުގެ ކޮޅުމަތި ވަނީ ފެންނަން ފަށާފަ އެވެ.

ދިވެހި ކުންފުންޏެއް ކަމަށްވާ ކޮފީ ލެބު އޮތީ ލާޓޭ އާޓާއި އެ ނޫން ވެސް ކޮފީއާ ގުޅުން ހުރި އެކި "ތަޖުރިބާތައް" ދުނިޔޭގެ ކަންކޮޅުތަކުން ރާއްޖޭގެ ފަސްގަނޑާ ހިސާބަށް ގެނެސްދިނުމުގެ އެންމެ ކުރީގަ އެވެ. ހުޅުމާލޭގައި ހުންނަ "ފެމިލީ ރޫމް" ކެފޭ ހިންގާ އަދި މާލޭގެ ބައެއް ކެފޭތަކަށް ވެސް ކޮފީ ފޯރުކޮށްދޭ ކޮފީ ލެބު އުފެއްދީ އެ މަގުސަދުގަ އެވެ.

ކޮފީ އަށް ދެވިހިފާފައި ވިޔަސް، ކޮފީ ލެބު ވުޖޫދަށް އައުމުގެ ކުރިން ދިވެހިންގެ އަތް ފޯރާ ފަށުގައި ހުރި ކޮފީގެ ވައްތަރުތައް ނިސްބަތުން ވަރަށް މަދެވެ. ދިވެހިންނަށް އާދަވެފައި ވަނީ ޒަމާނުއްސުރެ ބޭނުން ކުރަމުން އަންނަ "ޑާކް އިޓަލިއަން ރޯސްޓް" ބީންސް ބޭނުން ކޮށްގެން ހަދާފައި ހުންނަ ކޮފީއަށެވެ. އެއީ ހިތި ރަހައެއް ދޭ، މަޑުމަޑު ހޫނު ކަމެއް ހުންނަ ކޮފީއެކެވެ.

ކޮފީ ލެބުން ހަނާކޮށްފައިވާ ކޮފީ ޕެކެޓްކޮށްފައި: ކޮފީ ލެބުގެ އަމާޒަކީ 100 ޕަސެންޓް ދިވެހި ކޮފީ ބްރޭންޑެއް ތައާރަފްކުރުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކޮފީ ލެބުން ހަނާކޮށްފައިވާ ކޮފީ ޕެކެޓްކޮށްފައި: ކޮފީ ލެބުގެ އަމާޒަކީ 100 ޕަސެންޓް ދިވެހި ކޮފީ ބްރޭންޑެއް ތައާރަފްކުރުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެެހެންވެ، ކޮފީ ލެބުން މަސައްކަތް ފެށީ މި އާދަ ބަދަލުކޮށްލައި، ޒަމާނީ ޓްރެންޑަކަށް ދިވެހިންގެ ކޮފީ ބުއިމުގެ އާދަ ގެންދާށެވެ. އެގޮތުން، ދުނިޔޭގެ އެކި ހިސާބުތަކުގައި ހަނާކޮށް، ތައްޔާރުކޮށްފައި ހުންނަ، އެކި ރަހަތަކުގެ ކޮފީ އެ ތަނުން ކަސްޓަމަރުންނަށް ފޯރުކޮށްދެ އެވެ. އެއީ ކޮން ތާކު ހައްދާ ކޮފީއެއް ކަމާއި އެ ކޮފީގެ އަސްލާއި ވަކިވަކި ރަހަތަކާ ބެހޭ ގޮތުން ކަސްޓަމަރަށް މައުލޫމާތު ދެ އެވެ. ބޭނުމަކީ ހަމައެކަނި ކޮފީ ބޯލައިގެން ފުއްދާލުމުގެ ބަދަލުގައި އެއީ ބޮޑު ތަޖުރިބާއަކަށް ބަދަލުކޮށްލުމެވެ.

"ކޮފީ ބުއިމަކީ މިހާރު ވަރަށް އިންޓަރަސްޓިން ކަމެއް. ދުނިިޔޭގެ އެކި ތަންތަނުގައި ކޮފީގައި ލާނީ އެކި ރަހަ. އެއިން ކޮންމެ ކޮފީ އަކީ ވެސް އޭގައި ތަފާތު ވާހަކަތަކެއް އެކުލެވޭ އެއްޗެއް. މި މައުލޫމާތުތައް އަޅުގަނޑުމެން ކަސްޓަމަރުންނާ ހިއްސާކުރަން. އެ މީހުން ވަރަށް ޝައުގުވެރިވޭ،" ކޮފީ ލެބުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުހައްމަދު (އަފްރާހު) ކިޔައިދިނެވެ.

ކޮފީގެ މި އާ ތަޖުރިބާ އަށް ދީފައިވާ ނަމަކީ ސްޕެޝަލިޓީ ކޮފީ އެވެ. އެއީ އެކި ފެންވަރުގެ ދަނޑުތަކުގައި ހައްދާ ކޮފީ ބީންތައް އެކަމުގެ މާހިރުން ދަރަަޖަކޮށް، 80 ޕޮއިންޓަށް ވުރެ މަތިން ޕޮއިންޓް ލިބޭ ކޮފީ ބީންތަކުން ހަދާ ކޮފީ އެވެ. "ކިއު ގްރޭޑާޒް"ގެ ނަން ދީފައިވާ އެ މާހިރުންނަކީ ކަމާ ބެހޭ ހާއްސަ ތަމްރީނުތަކެއް ފުރިހަމަކޮށް، ކޮފީގެ ރަހަ އާއި ވަސް ބަލައި ވަކިވަކި ކަންކަން ދެނެގަންނާނެ ގޮތުގެ ހުނަރު ދަސްކޮށްފައިވާ ބައެކެވެ.

"ކޮފީ ބުއިމަކީ މިހާރު ވަރަށް އިންޓަރަސްޓިން ކަމެއް. ދުނިިޔޭގެ އެކި ތަންތަނުގައި ތައްޔާރު ކޮށްފައި ހުންނަ އެކި ކޮފީގައި ލާނީ އެކި ރަހަ. އެއިން ކޮންމެ ކޮފީ އަކީ ވެސް އޭގައި ތަފާތު ވާހަކަތަކެއް އެކުލެވޭ ކޮފީތަކެއް." -- އަފްރާހު

ދުނިޔޭގެ އެކި ހިސާބުތަކުގައި އެ ތަމްރީނު ހޯދާފައި ތިބި މީހުންގެ އަދަދު 3،000 އަށް އަރާއިރު، އޭގެ ތެރޭގައި އަފްރާހު ހިމެނެ އެވެ. އެމެރިކާ އިން ތަމްރީނު ހޯދައިގެން ރާއްޖެ އައިސް އޭނާ ބޭނުން ވަނީ އޭނާ އަށް ދަސްވެފައި ހުރި ހުނަރުތަކުން ދިވެހިންނަށް ފައިދާ ހޯދައިދޭށެވެ. ރާއްޖޭގައި އާ ކަމެއް ފަށާށެވެ. ކޮފީ ލެބާއި ފެމިލީ ރޫމަކީ އެ އުއްމީދު ހާސިލުކުރަން އެޅި ފުރަތަމަ ފިޔަވަޅެވެ. އެކަން ފުޅާކޮށް، މިހާރު އޭނާ ވަނީ ރާއްޖޭގައި ކޮފީ ހަނާކުރުމުގެ މަސައްކަތް ވެސް ފަށާފަ އެވެ.

"މިހާރު ކޮފީ ރޯސްޓް ކުރުމުގެ މަސައްކަތް ފެށިތާ ތިން ވަރަކަށް މަސް ވާނީ. އެކަމަށް ހާއްސަ ކޮށްފައި ހުންނަ ތަނެއްގައި، ކަމުގެ ތަޖުރިބާ އާއި ހުނަރު ދުބާއީ އިން ދަސްކޮށްފައި ތިބި ދިވެހިން މި މަސައްކަތް ކުރަނީ،" އޭނާ ކިޔައިދިނެވެ.

ކޮފީ ލެބުގެ އަފްރާހު (ކ) ހޮޓެލް އޭޝިއާ ފެއާގައި ހުރި އެ ކުންފުނީގެ ސްޓޯލުގައި .-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކޮފީ ލެބުގެ އަފްރާހު (ކ) ހޮޓެލް އޭޝިއާ ފެއާގައި ހުރި އެ ކުންފުނީގެ ސްޓޯލުގައި .-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގައި ހަނާކުރަން ކޮފީ ބީންސް ގެންނަން ޖެހެނީ އެކި ގައުމުތަކުންނެވެ. އެއީ ކޮފީ ގަސް ހެދެނީ އުސް ބިންތަކުގައި އަދި ވަކި ފިނިހޫނުމިނެއްގައި ކަމަށް ވާތީ އެވެ. އެ ގޮތަށް، އެކި ތަންތަނުގައި ހެދޭ ކޮފީ ގަހުގެ ބީންސް އިން ހަދާ ކޮފީގައި ލަނީ އެކި ރަހަ އެވެ. އިންޑޮނީޝިއާގެ ސުމަޓްރާ އިން ގެންނަ ކޮފީގައި ފަތްޕިލާވެލީގެ އަދި ތަފާތު ސްޕައިސަސްގެ ރަހަ އެވެ. ކެންޔާ އަދި އިތިއޯޕިއާ އިން ގެންނަ ބީންސްގައި މޭވާގެ ރަހަތަކުގެ އަސަރެވެ. ބްރެޒިލުން ގެންނަ ބީންސްގައި ބަދަނުގެ ރަހަ އެވެ.

"ރޯސްޓު ކުރާއިރު، އެ ރަހަތައް އިތުރަށް ފާހަގަވާ ގޮތަށް ކުރަނީ،" އަފްރާހު ވިދާޅުވި އެވެ.

އެއީ، އަފްރާހު ސިފަކުރައްވާ ގޮތުގައި، ބޮޑު ސައިންސެކެވެ. އެއް ފަހަރު ހަނާކޮށްފައި، ރަހަ ބެލުމަށް ފަހު އަނެއްކާވެސް ހަނާކުރެ އެވެ. ކޮފީގެ ރަހަ އެންމެ ބޭނުންވާ، ފުރިހަމަ ވަރަށް ނުކުންނަންދެން މި ގޮތަށް ހަނާކުރެ އެވެ. ކޮންމެ ފަހަރަކު ވެސް ރަހަ ބަލަމުންނެވެ. އެ ގޮތަށް ހަނާކުރާ ކޮންމެ ރޯސްޓަކުން ވެސް ކޮފީ ތައްޔާރު ކުރާއިރު ކޮފީ އަޅާ މިންވަރު މިނައި، ހަނާކުރަން ހޭދަކުރާ ގަޑި އަށް ސަމާލުކަން ދީގެންނެވެ. އެ ގޮތަށް ރާއްޖޭގައި ރޯސްޓު ކުރާ މި ކޮފީން ތަފާތު ރަހައެއް ތަޖުރިބާކޮށްލެވުމުގެ އިތުރަށް، އެއީ މޮޅު ކޮފީއަކަށް ވާނެ ކަމުގެ ޔަގީންކަން ކޮފީ ލެބުން ދެ އެވެ.

ގިނަ ޒުވާނުންގެ މެދުގައި މިހާރު މަގުބޫލުކަން ހޯދާފައިވާ ނޮވެލް އަދި ޕައިން ކެފޭ އާއި އަލަށް ހުޅުވި އޮޑަގެއްލާ ކެފޭ އަދި ހުޅުމާލޭގައި ހުންނަ ބްލެކް ލިސްޓް ކެފޭ އިން، އެ ކޮފީ ލިބެން ހުރެ އެވެ. އަދި ދެ ރިސޯޓަކަށް ވެސް ކޮފީ ހަނާކޮށް ދޭއިރު، އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ، އަފްރާހު ވިދާޅުވި ގޮތުގައި، އެ އުފެއްދުންތަކުގެ ކޮލިޓީ ދެމެހެއްޓުމެވެ. އަދި އެ ކުންފުންޏާ ގުޅިފައިވާ ކެފޭ، ރެސްޓޯރަންޓް އަދި ރިސޯޓުތަކާ އެކު ޒަމާންވީ ރަހުމަތްތެރިކަމެއް ގާއިމްކުރުމެވެ.

ކޮފީ ލެބުގެ އަފްރާހު ހޮޓެލް އޭޝިއާ ފެއާގައި ހުރި އެ ކުންފުނީގެ ސްޓޯލުގައި ކޮފީ ހެދުމުގެ ތަފާތު ހުނަރުތައް ދައްކާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކޮފީ ލެބުގެ އަފްރާހު ހޮޓެލް އޭޝިއާ ފެއާގައި ހުރި އެ ކުންފުނީގެ ސްޓޯލުގައި ކޮފީ ހެދުމުގެ ތަފާތު ހުނަރުތައް ދައްކާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޒުވާނުންގެ މެދުގައި ކޮފީގެ ފޯރި ގަދަކޮށްދިނުމުގެ އިތުރަށް، ކޮފީ ލެބުން ދިވެހި މުޖުތަމައަށް ވެސް އިތުރު ހިދުމަތެއް ފޯރުކޮށްދޭން ބޭނުންވެ އެވެ. އެހެންވެ، އެ ކުންފުނިން އަންނަނީ ކޮފީ ތައްޔާރުކުރާ ބަރިސްޓާއިންނަށް ތަމްރީން ދީ، ޓްރެއިނިން ޕްރޮގްރާމްތައް ހިންގަމުންނެވެ. މި ޕްރޮގްރާމްތަކުގެ ބައިވެރިންނަށް ތަޖުރިބާ ހޯދައިދޭން ފެމިލީ ރޫމްގައި މަސައްކަތް ކުރުމުގެ ފުރުސަތު ދެ އެވެ. އަދި ކުންފުނީގެ އެހެން ޕާޓްނަރުންނާއި ރިސޯޓުތަކަށް ވެސް އެ މީހުން ތަމްރީން ކުރުމަށް ފޮނުވަން ރާވާފައިވާ ކަމަށް އަފްރާހު ވިދާޅުވި އެވެ.

"އެޑިއުކޭޝަނުން ހިންގާ ދަސްވާރު ޕްރޮގްރާމްގެ ތެރެއިން މިކަމަށް ޝައުގުވެރިކަން ހުންނަ ކުދިންނަށް ޓްރެއިނިން ދެން،" އަފްރާހު ވިދާޅުވި އެވެ.

މުނިފޫހިފިލުވާލަން ވެސް ކޮފީއަކަށް އަރާ ދިވެހިންނަށް ކޮފީ ލެބުން ވަނީ ކޮފީގެ މުޅިން ތަފާތު ގޮތެއް ދައްކައިދީފަ އެވެ. ކޮފީން "ކުރަހައިގެން" އެކި ބައްޓަންތައް ހަދައި ޒުވާނުން ހައިރާންކޮށްލުމުގެ އިތުރަށް މިއީ ވެސް ވަކި ފަންނެއްގެ ގޮތުގައި ކުރިއަރުވަން އަފްރާހު ވަރަށް ގިނަ އުންމީދުތަކެއް ކުރައްވަ އެވެ. އެގޮތުން، ފެމިލީ ރޫމަށް ދާ މީހުންނާއި ސޯޝަލް މީޑިއާ މެދުވެރިކޮށް މި ދާއިރާއާ ބެހޭ މައުލޫމާތު ދީ، އަހުލުވެރި ކުރުވަން އޭނާ ބޭނުންވެ އެވެ.

އެކަމަކު، ކޮފީ ލެބުގެ އެންމެ ބޮޑު މަސައްކަތް އަދި ކުރިއަށް އޮތީ އެވެ؛ 100 ޕަސެންޓް މި ދިވެހި ކޮފީ ބްރޭންޑް މިހާރަށް ވުރެ ވެސް ބޮޑަށް މާކެޓްކޮށް، އެ ދާއިރާގައި ފައި ހަމަކުރުމެވެ. ހުސް ދިވެހިންގެ މަސައްކަތުން ރާއްޖޭގައި ހަނާކޮށް، ޕެކެޓުކޮށްފައިވާ އެ ކޮފީ ރިސޯޓުތަކަށް ވެސް ވިއްކުމެވެ. މިއީ ދިވެހިންނަށް ވެސް ވާނެ ކަމެއްކަން ބޭރު ދުނިޔެ އަށް ދައްކާލުމާ އެކު، ކޮފީ ބްރޭންޑުތަކުގެ ތެރޭގައި ރާއްޖޭގެ ނަން ވެސް ހިމެނުމެވެ.