Roadha Mihaaru
ކޮވިޑް-19: އަތްއުރާލައިގެން ނުތިބެ ސީދާ ޑެލިވަރީއަށް

ކޮވިޑް-19: އަތްއުރާލައިގެން ނުތިބެ ސީދާ ޑެލިވަރީއަށް

22 މާޗް 2020

ކޮރޯނާވައިރަސްއާ ގުޅިގެން މާލޭ ސަރަހައްދުގެ ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓްތައް ބަންދުކުރަން ސަރުކާރުން ނިންމުމުން، އެ ވިޔަފާރިވެރިން ބަންދު ބޯޑު އަޅުވާފައި ރެސްޓެއް ނެގީކީ ނޫނެވެ: ދެން ވެސް ވިޔަފާރި ކުރިއަށް ގެންދެވޭނެ ގޮތަށް ކަންކަން ރާވާލީ އެވެ. ކުރިން ޑެލިވަރީ ނުކޮށްދޭ ތަންތަނުން ވެސް އެ ޚިދުމަތުގެ ތެރެއަށް ވަނީ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮރޯނާވައިރަސްއާ ގުޅިގެން މާލޭ ސަރަހައްދުގެ ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓްތައް ބަންދުކުރަން ސަރުކާރުން ނިންމުމުން، އެ ވިޔަފާރިވެރިން ބަންދު ބޯޑު އަޅުވާފައި ރެސްޓެއް ނެގީކީ ނޫނެވެ: ދެން ވެސް ވިޔަފާރި ކުރިއަށް ގެންދެވޭނެ ގޮތަށް ކަންކަން ރާވާލީ އެވެ. ކުރިން ޑެލިވަރީ ނުކޮށްދޭ ތަންތަނުން ވެސް އެ ޚިދުމަތުގެ ތެރެއަށް ވަނީ އެވެ.

މިއީ މިއަދުން ފެށިގެން ހޮޓާ/ރެސްޓޯރެންޓް ފަދަ ތަންތަނަށް ވިޔަފާރިކުރެވެން އޮތް ގޮތެވެ. އެއިން އެއްވެސް ތަނަކަށް އާންމުން ވަދެ ތިބެ، ކައިބޮއި ނުހެދޭނެ އެވެ. އެކަމަކު ޓޭކްއަވޭ ނުވަތަ ޑެލިވަރީކޮށްދިނުމުގެ ތެރެއިން ކައިބޮއި އެއްޗެހި ވިއްކިދާނެ އެވެ.

ލެމަން ގްރާސްގެ ވެރިޔާ އަބްދުﷲ އާތިފު ވިދާޅުވީ މިދުވަސްވަރާ ދިމާކޮށް ހާއްސަ ޑިކައުންޓަކާ އެކު ޑެލިވަރީ ހިދުމަތް ދެމުން އަންނަ ކަމަށެވެ.

"މިހާރު 70 ރުފިޔާއަށް ދޭ ބައެއް ޑިޝްތައް 50 ރުފިޔާއަށް މި ވިއްކަނީ. މިއީ މި ދަނޑިވަޅުގައި އާންމުންނަށް ކުރިމަތިވެފައިވާ ދަތިތަކާ ގުޅިގެން ލުޔެއް ދިނުމުގެ ގޮތުން،" އާތިފް ވިދާޅުވި އެވެ.

ލެމަން ގްރާސް ރެސްޓޯރެންޓްތަކުގެ ތެރެއިން މިދުވަސްވަރު ހުޅުވާފައި ހުންނަނީ އީދުމިސްކިތް ކައިރީގައި ހުންނަ ތަނާއި ލެމަން ގްރާސް ފިފްތުގެ އިތުރުން ނޯތު ހާބަރުގައި ހިންގާ ނޯތު ކެފޭ އެވެ.

އާތިފް ވިދާޅުވި ގޮތުގައި އޯޑަރު ލިބޭތާ 10 ވަރަކަށް މިނެޓް ތެރޭގައި ތަކެތި ތައްޔާރުކޮށް ޑެލިވަރީ ކުރެވޭނެ އެވެ.

ޑެލިވަރީގެ އިތުރުން ޓޭކްއަވޭ ހިދުމަތް ވެސް ކުރިން ނުދޭ އެތައް ހޮޓަލަކާއި ރެސްޓޯރެންޓްތަކުން އެބަ ދެ އެވެ.

މަޝްހޫރު ރެސްޓޯރެންޓް ސީހައުސް އިން ވެސް ކުރިއެކޭ އެއްގޮތަށް ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތްދެ އެވެ. އޯޑަރު ދިނުމަށް ފަހު އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ވެސް ސީހައުސްއިން ވަނީ ހަމަޖައްސައިފަ އެވެ.

ތަކެތީގެ އަގު ހެޔޮކުރުމުގެ އިތުރުން ބައެއް ރެސްޓޯރެންޓްތަކުން ހާއްސަ "ހަދިޔާތައް" ވެސް އެބަ ދެ އެވެ. މާލޭގައި އަރަބި ޑިޝްތަކަށް ހާއްސަ ރެސްޓޯރެންޓް ކަމަށް ވާ ތޫމްގެ ހާއްސަ ސައި "އަދާނީ ޓީ" ލިބެ އެވެ. އޭގެ ސައިތައްޓެއް ލިބޭނީ އަދާނީ ޓީއާ ގުޅޭ މައުލޫމާތު ފޭސްބުކްގެ ސްޓޯރީގައި ޝެއާކޮށްގެންނެވެ.

ތޫމް ރެސްޓޯރެންޓް

މިދުވަސްވަރަށް މުޅިން އަލަށް ޑެލިވަރީގެ ހިދުމަތް ފެށި ޖޭޒް ކެފޭ ރެސްޓޯރެންޓްގެ ޔާސިން ހަމީދު ވިދާޅުވީ ދެ އައިޓަމަށް ވުރެ ގިނައިން ޑެލިވަރީ ކުރަން އެދޭ މީހުންނަށް 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.

"މާލޭގެ ކޮންމެ ތަނަކަށް ވެސް އަޅުގަނޑުމެން ޑެލިވަރީކޮށްދެން. ޑެލިވަރީ ކޮށްދޭ އައިޓަމްތަކަށް ހާއްސަ މެނޫއެއް ވަނީ ތައްޔާރުކޮށްފައި،" އޭނާ ވިދާޅުވި އެވެ.

ކޮފީއަށް ހާއްސަ ތަންތަނުން ކޮފީގެ އުފެއްދުންތައް ވެސް އެބަ ޑެލިވަރީކޮށްދެ އެވެ. އެގޮތުން ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށް މެރާކީ ކެފޭ ފަދަ ތަންތަނުން ކޮފީ ގެންގޮސްދެނީ އެވެ. މި ހުންނަނީ މީގެ ކުރިން، މި ކުއްލި ހާލަތުގެ ކުރިން ފެނުނު މަންޒަރުތަކެއް ނޫނެވެ.

ކޮރޯނާވައިރަސްއާ އެކު ވިޔަފާރިތަކަށް ވަނީ ގެއްލުމާ ކުރިމަތިވެފަ އެވެ. އެކަމަކު އެ ގެއްލުން ވީހާވެސް ކުޑަކުރެވޭނެ ގޮތްތައް އެބަ ހުއްޓެވެ. ކެއިންބުއިމުގެ ހިދުމަތް ދެމުން އަންނަ ތަންތަނުން މިހާރު ފެންނަނީ އެ މަންޒަރެވެ.