Roadha Mihaaru
ސްޓާބަކްސް އަށް 35،000 އަކަފޫޓްގެ އައުޓްލެޓެއް

ސްޓާބަކްސްގެ އެންމެ ބޮޑު އައުޓްލެޓްގައި 35،000 އަކަފޫޓް

17 ނޮވެމްބަރ 2019

އެމެރިކާގެ މަޝްހޫރު ކޮފީ ޗެއިން ސްޓާބަކްސްގެ އެންމެ ބޮޑު އައުލެޓް އެމެރިކާގެ ޝިކާގޯގައި ހުކުރު ދުވަހު ހުޅުވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަޝްހޫރު ކޮފީ ޗެއިން ސްޓާބަކްސްގެ އެންމެ ބޮޑު އައުލެޓް އެމެރިކާގެ ޝިކާގޯގައި ހުކުރު ދުވަހު ހުޅުވައިފި އެވެ.

ކުރިން ވެސް ތާވަލުކޮށްފައި އޮތް ތާރީހުގައި ފަސް ބުރީގެ އައުޓްލެޓް ހުޅުވި އިރު، އެތަނުގެ ބޮޑުމިނުގައި 35،000 އަކަފޫޓް ހުރެ އެވެ. ޝިކާގޯގައި ހުޅުވި އައުޓްލެޓާ އެކު، ކުރިން ސްޓާބަކްސްގެ އެންމެ ބޮޑު އައުލެޓްގެ މަގާމު އޮތް ޖަޕާނުގެ ޓޯކިއޯގައި ހުރި އައުޓްލެޓަށް އެ މަގާމު މިހާރު ވަނީ ގެއްލިފަ އެވެ. ޓޯކިއޯގައި ހުންނަ ސްޓާބަކްސްގެ އެންމެ ބޮޑު އައުޓްލެޓްގެ ސައިޒަކީ 32،000 އަކަފޫޓެވެ.

"ޝިކާގޯ ރޯސްޓެރީ" ގެ ނަން ދީފައިވާ ބިޔަ އައުޓްލެޓް ބިނާކޮށްފައި ވަނީ ޝިކާގޯގެ އެންމެ މަގުބޫލު އެއް ނޭބަހުޑް ކަމަށްވާ މެގްނިފިޝަންޓް މައިލްގަ އެވެ.

ސްޓާބަކްސް އިން ބުނިގޮތުގައި އާ އައުޓްލެޓުން ތަފާތު ވައްތަރު ކޮފީތަކުގެ އިތުރުން ޒަމާނީ ކެއުންތަކާއި އެކި ކަހަލަ ސަޔާއި ކޮކްޓެއިލްތައް ވެސް ލިބެން ހުންނާނެ އެވެ. އަދި މިއީ ސްޓާބަކްސްގެ އެހެން އައުޓްލެޓްތަކުން ނުކުރެވޭ ކަހަލަ މުޅިން ތަފާތު ތަޖުރިބާތަކެއް ކުރެވޭނެ ތަނެއް ކަމަށް ބުންޏެވެ.

"ޝިކާގޯ ރޯސްޓެރީ" ގައި 200 މުވައްޒަފުން ވަޒީފާ އަދާކުރާ އިރު، ސްޓާބަކްސްގެ 800 އައުޓްލެޓް މިހާރު ވެސް ޝިކާގޯގައި އެބަ ހުއްޓެވެ. އަދި އެ ސިޓީގައި ވަޒީފާއަދާކުރާ އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު 18،000 އަށް ވުރެ ގިނަ އެވެ.

ސްޓާބަކްސްގެ އެ ކުންފުނީގެ އެންމެ ބޮޑު އައުލެޓް ޝިކާގޯގައި ހުޅުވާކަން އިއުލާންކުރީ 2017 ގަ އެވެ. އެ ކުންފުނިން މި ޕްރޮޖެކްޓް ސިފަކޮށްފައި ވަނީ "ފުލީ ސެންސޯރިއަލް އެންވަޔަރަމަންޓް" އެއްގެ ގޮތަށެވެ.

މީގެ 48 އަހަރު ކުރިން 1971 ގައި ވުޖޫދަށް އައި ސްޓާބަކްސްގެ 30،000 އަށް ވުރެ ގިނަ އައުޓްލެޓް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ހިންގަމުންނެވެ. އަދި މިއީ ކޮފީ ދުނިޔޭގެ ނަން މަޝްހޫރު ކޮފީ ޗެއިންތަކުގެ ތެރެއިން ގިނަ ބަޔަކަށް އެންމެ މަގުބޫލު އެއް ބްރޭންޑެވެ.