Roadha Mihaaru
ގްލޯރިއާ ޖީންސް ކޮފީއާ އެކު ޕެވިލިއަން ހުޅުވައިފި

ގްލޯރިއާ ޖީންސް ކޮފީސްއާ އެކު ޕެވިލިއަން ހުޅުވައިފި

02 އެޕްރީލް 2018

ރަސްފަންނުގައި އެމްޑަބްލިއުއެސްސީން ހަދާފައިވާ ޕެވިލިއަން، އޮސްޓްރޭލިއާގެ މަޝްހޫރު "ގްލޯރިއާ ޖީންސް ކޮފީސް"ގެ ފްރެންޗައިސް ރެސްޓޯރެންޓަކާ އެކު ރަސްމީކޮށް މިރޭ ހުޅުވައިި އެވެ.

އަލީ ޝިނާން އަލީ ޝިނާން

ރަސްފަންނުގައި އެމްޑަބްލިއުއެސްސީން ހަދާފައިވާ ޕެވިލިއަން، އޮސްޓްރޭލިއާގެ މަޝްހޫރު "ގްލޯރިއާ ޖީންސް ކޮފީސް"ގެ ފްރެންޗައިސް ރެސްޓޯރެންޓަކާ އެކު ރަސްމީކޮށް މިރޭ ހުޅުވައިި އެވެ.

ހަވާ އެރުވުމާ އެކު ބޭއްވި ކުލަގަދަ ހަފުލާއެއްގައި ގްލޯރިއާ ޖީންސް ކޮފީ ރެސްޓޯރެންޓް ހުޅުއްވައިދެއްވީ ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމް އެވެ. ޕެވިލިއަންގެ ދެ ވަނަ ބުރީގައި ހެދި ރެސްޓޯރެންޓް ހުޅުއްވައިދެއްވުމަށް ފަހު ފަސްޓް ލޭޑީ ވަނީ އެ ތަނުގެ ކޮފީ ތަޖުރިބާ ކުރައްވައިފަ އެވެ.

މިނިސްޓަރުންނާއި ވިޔަފާރިވެރިން ބައިވެރިވި ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ އެމްޑީ ފަޒުލް ރަޝީދު ވިދާޅުވީ، ޕެލިވިއަންގައި ގްލޯރިއާ ޖީންސްގެ އިތުރުން ވެސް ދެ ފްރެންޗައިޒް ރެސްޓޯރެންޓް ހުޅުވާނެ ކަމަށެވެ. އެގޮތުން ދެން ހުޅުވާނީ އާއިލާތަކަށް އެކުގައި އައިސް ބައްދަލުކޮށްލެވޭ އަދި ކުޑަކުދިންނާ ގުޅޭ ފްރެންޗައިޒް ރެސްޓޯރެންޓެއް ކަމަށް ވެސް ފަޒުލް ވިދާޅުވި އެވެ.

ގްލޯރިއާ ޖީންސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

ގްލޯރިއާ ޖީންސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

މި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒް ވިދާޅުވީ، ރަސްފަންނުގައި މިފަދަ ތަނެއް ހުޅުވިގެންދާ ކޮންމެ ދުވަހަކީ ވެސް ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ. އެގޮތުން މީގެ ތިން އަހަރު ކުރިން އެ ސަރަހައްދު އޮތީ "ދިރުން ނެތް" ސަރަހައްދެއްގެ ގޮތުގައި ކަމަށާއި ނަމަވެސް އެކަން މިހާރު ބަދަލުކޮށްލެވިއްޖެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރައީސް ވިދާޅުވީ މި ސަރަހައްދު އާލާކުރުމަށް... ދެން އަޅުގަނޑުމެން ފުރަތަމަ ފަންސޫރުން ކުރަހާފަ އެއަށް އެޕްރޫވަލް ލިބުނީމަ ތްރީޑީކޮށް ކުރަހައިގެން، އެއަށް އެޕްރޫވަލް ލިބިގެން މި މަސައްކަތް ފެށިގެން ދިޔައީ. އަޅުގަނޑު ދަންނަވާނީ މިއީ ސީދާ ރައީސް ޔާމިންގެ ބްރެއިންޗައިލްޑް އެކޭ،" ޑރ. މުއިޒް ވިދާޅުވި އެވެ.

ގްލޯރިއާ ޖީންސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޑރ. މުއިޒް ވާހަކަ ދައްކަވަނީ.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

ގްލޯރިއާ ޖީންސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޑރ. މުއިޒް ވާހަކަ ދައްކަވަނީ.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

އޭނާ ވިދާޅުވީ އޮރިޖިނަލް ކޮންސެޕްޓުގައި ޕެލިވިއަންގެ ތިރީގައި ފާހާނާ އާއި ޗޭންޖިން ރޫމް ހުންނަ ގޮތަށް އޮތަސް އެކަން ބަދަލުކުރަން ޖެހުނީ ބޭރުގެ ފްރެންޗައިޒްތައް ގެނައުމަށް، އިންޓަނޭޝަނަލް ސްޓޭންޑާޑަށް އެ އިމާރާތް ގެނައުމަށް ކަމަށެވެ.

ޕެލިވިއަން އަށް ބަދަލު ގެންނަ ޖެހުމުން، އައިޖީއެމްއެޗް އިމާރާތާ ދިމާލުން ރަސްފަންނުގައި ހުންނަ ހޮޅުއަށިތަކާ ދިމާލުގައި ޗޭންޖިން ރޫމާއި ފާހާނާ ބަރިއެއް ހަދަން ނިންމާފައިވާ ކަމަށް ވެސް ޑރ. މުއިޒް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ކުރާނީ އެމްޑަބްލިއުއެސްސީން، ޕެލީވިއަން ހަދަން ވީ އެއްބަސްވުމުގެ ތެރެއިން ކަމަށެވެ.

ގްލޯރިއާ ޖީންސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

ގްލޯރިއާ ޖީންސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވާހަކަ ދެއްކެވި އެވެ. ސައީދު ވިދާޅުވީ ރާއްޖެ އަށް ބޭރުގެ މަޝްހޫރު ފްރެންޗައިޒް ބްރޭންޑްތައް އަންނަން ފެށުމަކީ، ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވަމުން އަންނަ މީހުންގެ މަސައްކަތްތައް ފެއިލްވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށެވެ.

ގްލޯރިއާ ޖީންސްގެ ފްރެންޗައިން ރެސްޓޯރެންޓްތައް ވަރަށް އަވަހަށް، އައްޑޫ ސިޓީ އާއި ހދ. ކުޅުދުއްފުށީގައި ހުޅުވާނެ ކަމަށް، ރާއްޖޭގައި އެ ފްރެންޗައިޒް ގެންގުޅޭ ކުންފުނީގެ ވެރިން ޔަގީންކަން ދެއްވާފައިވާ ކަމަށް ވެސް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

އެނބޫދޫ ފަޅުގައި ފަޅު ތަރައްގީ ކުރަނީ ގާތްގަނޑަކަށް 700 މިލިއަން ޑޮލަރުގެ ފޮރިން އިންވެސްޓްމަންޓަކުން ކަމަށާއި، އެ ތަން ހުޅުވުމުން މަޝްހޫރު އިތުރު ފްރެންޗައިޒްތައް ރާއްޖެ އަންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެއާޕޯޓުގައި ވެސް ފްރެންޗައިޒް ރެސްޓޯރެންޓްތައް އިތުރުވާނެ ކަމަށް ވިދާޅުވި އެވެ.

ގްލޯރިއާ ޖީންސުން ޖަމިއްޔާތަކާ ސީއެސްއާރު އެކު އެއްބަސްވުމުގައި ސޮއި ކުރަނީ.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

ގްލޯރިއާ ޖީންސުން ޖަމިއްޔާތަކާ ސީއެސްއާރު އެކު އެއްބަސްވުމުގައި ސޮއި ކުރަނީ.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

ދުނިޔޭގެ 39 ގައުމެއްގައި ފްރެންޗައިސް 1،000 އަށް ވުރެ ގިނަ ރެސްޓޯރަންޓް ހިންގަމުން އަންނަ، ގްރޯޯރިއާ ޖީންސުގެ ރާއްޖޭގެ ރެސްޓޯރެންޓްގެ ސީއެސްއާރު ޕްރޮގްރާމެއް ވެސް މިރޭ ވަނީ އިފްތިތާހު ކޮށްފަ އެވެ. އެ ޕްރޮގްރާާމުގެ ދަށުން، އޯޓިޒަމް އެސޯސިއޭޝަނާއި އާޓިސްޓް ކޮމިއުނިޓީގެ އިތުރުން ޑައުން ސިންޑްރޮމް އެސޯސިއޭޝަން ކަމަށްވާ ބިއުޓިފުލް އައިސް އާ އެކު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. ނަމަވެސް، ސީއެސްއާރު ޕްރޮގްރާމްގެ އިތުރު ތަފްސީލެއް ނުލިބެ އެވެ.

ޕެވިލިއަން ހިންގަން އެމްޑަބްލިއުއެސްސީން މިދިޔަ އަހަރުގެ އޮގަސްޓް މަހު ހުޅުވާލި ބިޑް ކާމިޔާބުކުރީ ސިބްކޯ ޕްރައިވެޓް ލިމިޓެޑުންނެވެ. އެ ތަން ހިންގާނެ ފަރާތެއް ހޯދަން އޭގެ ކުރިން ހުޅުވާލި ބިޑް ކާމިޔާބުކުރީ ބްރަދާސް ކޭޓަރިން އެވެ.

ނަމަވެސް އެ ކުންފުންޏާ އެކު ހެދި އެއްބަސްވުން އުވާލުމަށް ފަހު އަލުން ބިޑަށް ހުޅުވާލުމުން ތިން ކުންފުންޏަކުން ބިޑް ހުށަހެޅި އެވެ. އޭގެ ތެރޭގައި ސިބްކޯގެ އިތުރުން ހުޅުމާލޭގައި ހުންނަ މެންހަޓަން ފިޝް މާކެޓް ރެސްޓޯރަންޓާއި ރާނބާ ރެސްޓޯރަންޓް ހިންގާ ސިލްވާ ސްޕޫން ޕްރައިވެޓް ލިމިޓެޑް ހިމެނެ އެވެ.