Roadha Mihaaru
ރަސްފަންނު ސާފުކޮށެއް ނުނިމޭ، ބައިވަރު ކުނި އެބަހުރި

ރަސްފަންނު ސާފުކޮށެއް ނުނިމޭ، ބައިވަރު ކުނި އެބަހުރި

11 ޖެނުއަރީ 2022

ރަސްފަންނު ސާފުކޮށް ނިންމި ކަމަށް މާލޭ ސިޓީ ކައުންސިލުން އިއްޔެ ބުންޏަސް، އެތަން އަދި ސާފުކޮށް ނުނިމޭ ކަމަށް އެ ކައުންސިލުން ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރަސްފަންނު ސާފުކޮށް ނިންމި ކަމަށް މާލޭ ސިޓީ ކައުންސިލުން އިއްޔެ ބުންޏަސް، އެތަން އަދި ސާފުކޮށް ނުނިމޭ ކަމަށް އެ ކައުންސިލުން ބުނެފި އެވެ.

ރަސްފަންނުގައި އޮތް ނައިޓް މާކެޓް ބޮޑު ކޯޅުންގަނޑަކަށް ފަހު ނިންމާލީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ. އެ ނައިޓް މާކެޓު ނިމުނު ފަހުން، އިއްޔެ އަށް ތިން ދުވަސްވީ އިރު ވެސް އެ ސަރަހައްދު އޮތީ ކުނިން ފުރިފަ އެވެ. މިކަމާ ގުޅިގެން އާންމުންގެ ޝަކުވާތައް ގިނަވެ، ކައުންސިލަށް ފާޑުކިޔުން އަމާޒުވި އެވެ.

މާލެ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް މަރިޔަމް ޝިއުނާ "މިހާރު" އަށް ވިދާޅުވީ އިއްޔެ މެންދުރުން ފެށިގެން ރޭ 11:30 ވަންދެން ކައުންސިލްގެ މުވައްޒަފުން ރަސްފަންނު ސާފުކުރުމުގެ މަސައްކަތް ކުރި ކަމަށާއި ރޭ މަސައްކަތް ނިންމާލީ ބޮޑު ބައެއް ސާފުކުރުމަށް ފަހު ކަމަށެވެ. އެ ސަރަހައްދުގައި ވަރަށް ގިނަ ކުނި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ހުރިހާ ކުންޏެއް ސާފުކުރަން ވަރަށް ގިނަ ވަގުތު ނަގަމުންދާއިރު، މިއަދު ހެނދުނު އަނެއްކާ ވެސް އެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ މަސައްކަތް މިއަދު އެއްކޮށް ނިންމާލެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަސްފަންނުގައި އޮތް ނައިޓް މާކެޓް ބޮޑު ކޯޅުންގަނޑަކަށް ފަހު ނިންމާލީއިރު، މުޅި އެ ސަރަހައްދު ގޮނޑުވެފައި.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ރަސްފަންނުގައި އޮތް ނައިޓް މާކެޓް ބޮޑު ކޯޅުންގަނޑަކަށް ފަހު ނިންމާލީއިރު، މުޅި އެ ސަރަހައްދު ގޮނޑުވެފައި.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

"ގިނަ ވެހިކަލްތަކާއި ސްޓާފުން ބޭނުންކޮށްގެން ވީ އެންމެ އަވަހަށް މިތަން ސާފުކުރުމަށް މޭޔަރު ވެސް ވަނީ އަންގަވާފައި،" އޭނާ ވިދާޅުވި އެވެ.

ނައިޓް މާކެޓް އިންތިޒާމުކުރި ފަރާތަށް ރަސްފަންނު ސަރަހައްދު ސާފުކުރަން އެންގުމުން ވެސް އެކަން ކޮށްފައި ނުވާތީ ކައުންސިލުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. "ސިޓީ ނައިޓް" މާކެޓްގެ ނަމުގައި ކުރިއަށް ގެންދިޔަ މި ހަރަކާތް އިންތިޒާމުކުރަން ހަވާލުކުރީ އެކޫޒް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ އެވެ.

ކޮވިޑާ ގުޅިގެން މި ނައިޓް މާކެޓް ދެ ފަހަރެއްގެ މަތިން އެޗްޕީއޭއިން ހުއްޓުވި އެވެ.

އެންމެ ފުރަތަމަ ހުއްޓުވީ ކޮވިޑް ކޭސްތައް މައްޗަށް ދާތީ ރައްކާތެރި ފިޔަވަޅެއްގެ ގޮތުންނެވެ. އެކަމަކު ނައިޓް މާކެޓަށް ހާއްސަކޮށް ގިނަ އަދަދެއްގެ މުދާ ގެނެސްފައި ވަނިކޮށް ހުއްޓުވުމަކީ އެތައް ބަޔަކަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމެއް ކަމަށް ބުނެ ފާޑުކިޔަމުން ދަނިކޮށް އެޗްޕީއޭ އިން އަލުން ހުއްދަ ދިނީ އެ އިދާރާގެ ގައިޑްލައިނަކާ އެއްގޮތަށް ކުރިއަށް ގެންދާށެވެ.

އެކަމަކު އެ ހުއްދަ ދިންތާ 24 ގަޑިއިރު ނުވަނީސް، ގައިޑްލައިނާ ހިލާފުވެފައިވާ ކަމަށް ބުނެ ނައިޓް މާކެޓް ހުއްޓުވި އެވެ. ނައިޓް މާކެޓް ހުއްޓާލަން އެންގުމުން އެތަނުގެ ވިޔަފާރިވެރިން ނުކުމެ، މުޒާހަރާ ވެސް ކުރި އެވެ.