Roadha Mihaaru
ފުރަތަމަ ފަހަރަށް މެމްބަރެއްގެ ފަސް އަހަރުގެ ތާވަލު

މެމްބަރަކު ރައްޔިތުންނާ ބައްދަލު ކުރައްވާނެ ގޮތުގެ ފަސް އަހަރުގެ ތާވަލެއް

23 ޖޫން 2019

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އޭނާގެ ދާއިރާގެ ރަށްރަށަށް ޒިޔާރަތް ކުރައްވާނެ ގޮތުގެ ފަސް އަހަރުގެ ތާވަލެއް އެކުލަވާލައްވައި ފުރަތަމަ ފަހަރަށް އާންމު ކުރައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އޭނާގެ ދާއިރާގެ ރަށްރަށަށް ޒިޔާރަތް ކުރައްވާނެ ގޮތުގެ ފަސް އަހަރުގެ ތާވަލެއް އެކުލަވާލައްވައި ފުރަތަމަ ފަހަރަށް އާންމު ކުރައްވައިފި އެވެ.

މިދިޔަ އޭޕްރީލް މަހު ބޭއްވި އާންމު އިންތިޚާބު ގައި ތުލުސްދޫ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވައި ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ގެ މައްޗަށް ބޮޑު ކާމިޔާބީއެއް ހޯއްދެވި އިބްރާހިމް ނަސީމް އާންމު ކުރެއްވި ތާވަލްގައިވާ ގޮތުން، އޭނާ ތަމްސީލް ކުރައްވާ ތުލުސްދޫގެ އިތުރުން ކ. ހިންމަފުށި، ކ. ހުރާ އަދި ކ. ދިއްފުއްޓަށް ވަޑައިގެން، އެ ރަށުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވާނެ އެވެ. އޭގައިވާ ގޮތުން އަހަރަކު ތިން ފަހަރު ރަސްމީ ހައިސިއްޔަތުން ކޮންމެ ރަށަކަށް ވެސް ނަސީމް ވަޑައިގަންނަވާނެ އެވެ.

އެގޮތުން، މި އަހަރު އެންމެ ފުރަތަމަ ދަތުރު ކުރެއްވީ ހިންމަފުއްޓަށެވެ.

ނަސީމް "މިހާރު" އަށް މިއަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގެ ތެރޭގައި ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ތާވަލެއް ހަދައި، އޭގައިވާ ގޮތަށް އަމަލު ކުރެއްވުމަކީ އޭނާގެ ވައުދެއް ކަމަށެވެ. މިއީ މަޖިލިހުގެ 87 މެމްބަރުންގެ ތެރެއިން، ދާއިރާގެ ރަށްރަށަށް ވަޑައިގަތުމަށްޓަކައި ފަސް އަހަރުގެ ތާވަލެއް އެކުލަވައިލެއްވި ފުރަތަމަ މެމްބަރެވެ.

މެމްބަރު ނަސީމް، ދާއިރާގެ ރަށްތަކަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް.

މެމްބަރު ނަސީމް، ދާއިރާގެ ރަށްތަކަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް.

"ދާއިރާގެ ރައްޔިތުން އަބަދުވެސް ބުނާނެ ހޮވުނީމާ [ރައްޔިތުން ކައިރި އަށް] ނާންނާނެއޭ، ރަށަކުން ނުފެންނާނެއޭ. ރަށަށް އަރާނީ ކޮން ދުވަހަކުންތޯ ސުވާލު ކުރާނެ. އެހެންވެ، އެންމެންނަށް ފެންނާނެ ގޮތަށް ތާވަލެއް ހެދީ. އޭރުން އެ ރަށެއްގައި ތިބި މީހުންނަށް އެނގޭނެ ކޮންއިރަކުން ކަން އަޅުގަނޑު ރަށަށް ދާނީ،" ދިއްފުއްޓަށް އުފަން އެކަމަކު މާލޭގައި ދިރިއުޅުއްވާ ނަސީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހިންމަފުއްޓަށް ކުރެއްވި ދަތުރުގައި، އެ ރަށުގައި ހުރި މުއައްސަސާތަކާއި ޖަމިއްޔާތަކާއި ރައްޔިތުންނާ ބައްދަލު ކުރެއްވި އެވެ. އެ ބައްދަލުވުންތަކުގައި ރަށުގައި ގިނަ ކަންތައްތަކެއް ކުރަން ހުރި ކަން އެނގިވަޑައިގެންނެވި ކަމަށް ވެސް ނަސީމް ވިދާޅުވި އެވެ.

"މިސާލަކަށް ހިންމަފުށީގެ ނަރުދަމާގެ ނިޒާމު ނިމިފައި އޮތީ. އެކަމަކު އޮޕަރޭޝަން ހަވާލު ނުކުރެވިގެން އެ ހިދުމަތް ނުފެށި އޮތީ. އަޅުގަނޑު އެންވަޔަރަމަންޓް މިނިސްޓްރީ އާ ވާހަކަ ދެއްކީމާ މިހާރު އެބަ ބުނޭ، މި މަހުގެ ފަހުކޮޅު ހިދުމަތް ދޭން ފެށޭވަރު ވާނެ ކަމަށް،" ނަސީމް ވިދާޅުވި އެވެ.

ނަސީމް ވިދާޅުވީ އޭނާ ތަމްސީލް ކުރައްވާ ހަތަރު ރަށަށް ވެސް ވަޑައިގަންނަވަނީ ރައްޔިތުންނާ ވީހާވެސް ކައިރިން ބައްދަލުކުރައްވައި، އެ މީހުންގެ ޝަކުވާތައް އަޑު އައްސަވައި ހައްލު ހޯދަން ކަމަށެވެ.

ތާވަލްގައިވާ ގޮތަށް އެ ރަށަކަށް ހާއްސަ ކުރެވިފައިވާ މަހުގެ ތެރޭގައި މަދުވެގެން ދެ ރޭ ހުންނަވާނެ ކަމަށް ނަސީމް ވިދާޅުވި އެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ މަސައްކަތްތައް ހުންނަ ގޮތުން ނުވަތަ އެ ނޫން ސަބަބަކާ ހުރެ ތާވަލާ އެއްގޮތަށް ޒިޔާރަތް ނުކުރެވިއްޖެ ނަމަ، ޖެހިގެން އަންނަ މަހު ޒިޔާރަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަސީމް، ރައްޔިތުންގެ މަޖިލިހުގެ މި ފަހަރުގެ އިންތިޚާބު ކާމިޔާބު ކުރެއްވިއިރު، އޭގެ ކުރީ ދެ ފަހަރު ވެސް އަމިއްލަ ގޮތުން ތުލުސްދޫ ދާއިރާ އަށް އޭނާ ވާދަކުރެއްވި އެވެ. އެކަމަކު، އެ ދެ ފަހަރު ވެސް ކާމިޔާބެއް ނުވި އެވެ. މި ފަހަރު، ދާއިރާގެ މެމްބަރު ވައްޑެ ބަލިކުރައްވައި ނަސީމް ކާމިޔާބު ހޯއްދެވީ 700 އެއްހާ ވޯޓުގެ ތަފާތުންނެވެ.