Roadha Mihaaru

ބައެއް މެމްބަރުންނަށް މިލިއަނުން ހަދިޔާ، ބައެއް ބޭފުޅުންގެ އެކައުންޓުގައި 500ރ. ވެސް ނެތް!

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ހަދިޔާ ގޮތުގައި މިލިއަނުން ރުފިޔާ ލިބިފައިވާ ކަމަށާއި އަނެއް ބައި މެމްބަރުންގެ ބޭންކް އެކައުންޓުގައި ހުރީ 500 ރުފިޔާ އަށް ވުރެ ވެސް މަދުން ކަމަށް މަޖިލީހުން އާއްމުކުރި އެ ބޭފުޅުންގެ މާލީ ބަޔާންތަކުން ދައްކައިފި އެވެ.

ބައެއް މެމްބަރުންގެ އެކައުންޓުގައި 500ރ. ވެސް ނެތް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

03 ސެޕްޓެމްބަރ 2025

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ހަދިޔާ ގޮތުގައި މިލިއަނުން ރުފިޔާ ލިބިފައިވާ ކަމަށާއި އަނެއް ބައި މެމްބަރުންގެ ބޭންކް އެކައުންޓުގައި ހުރީ 500 ރުފިޔާ އަށް ވުރެ ވެސް މަދުން ކަމަށް މަޖިލީހުން އާއްމުކުރި އެ ބޭފުޅުންގެ މާލީ ބަޔާންތަކުން ދައްކައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 68 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން އެ މެންބަރެއްގެ މެންބަރު ކަމުގެ ހުވާކުރާ ތާރީހުން ފެށިގެން އެއް އަހަރު ދުވަސް ފުރިހަމަވުމުން ހުށަހަޅަން ޖެހެ އެވެ. އެހެންވެ، މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ކުރިން މިހާރުގެ މެންބަރުން ބަޔާން ހުށަހަޅަން ޖެހެ އެވެ.

މުއްދަތު ހަމަވި އިރު މަޖިލީހުގެ 93 މެމްބަރުންގެ ތެެރެއިން މިހާތަނަށް އާންމުކޮށްފައި ވަނީ ބައެއް މެމްބަރުންގެ މާލީ ބަޔާނެވެ.

Members - People's Majlis of Maldives

Members - People's Majlis of Maldives

ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުގައި މެމްބަރުންގެ މާލީ ބަޔާންތައް އާއްމުކޮށްފައިވާ ލިންކް.

އާންމުކޮށްފައިވާ ބަޔާންތަކަށް ބަލާއިރު، ބަޔާން ހުށަހެޅި ދުވަހާ ހަމަޔަށް ބައެއް މެމްބަރުންގެ ސޭވިން އެކައުންޓުގައި ހުރީ މަދު ފައިސާކޮޅެކެވެ. އެއް މެމްބަރެއްގެ އެކައުންޓު މައިނަސް 200 ރުފިޔާ ކަމަށް ބަޔާނުގައި ލިއެފައިވެ އެވެ. ސޭވިން އެކައުންޓުގައި އެންމެ 500 ވަރަކަށް ރުފިޔާ ހުރި މެންބަރުންނާއި ދެތިން ހާސް ރުފިޔާ އާއި މަދު ޑޮލަރުކޮޅެއް ހުރި މެންބަރުން ވެސް ވަރަށް ގިނަ އެވެ.

ވަރަށް ގިނަ ބޭފުޅުންގެ ބޮޑެތި ލޯނުތަކާއި ކްރެޑިޓް ކާޑު ދަރަނިތައް ވެސް ހުރި ކަަމަށް މާލީ ބަޔާނުގައިވެ އެވެ.

އެކަމަކު ބައެއް މެމްބަރުންނަށް އެތައް މިލިއަނަކުން ލިބިފައި ވާއިރު އެއީ ހަދިޔާ ކަމަށް މާލީ ބަޔާންތަކުގައި ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ މާލީ ބަޔާނުގައި ވެސް އެމަނިކުފާނަށް ހެޔޮ އެދޭ ފަރާތްތަކުން 958،982ރ. ލިބިވަޑައިގަތް ކަމަށް އެބަ އޮތެވެ. އެއީ ދަތުރުފުޅުތަކާއި ކްރެޑިޓް ކާޑުތަކުގެ ފައިސާ ދެއްކުމަށް އެކި ފަރާތްތަކުން އެމަނިކުފާނަށް ދެއްވާފައިވާ ފައިސާ ކަމަށް މާލީ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އަށް ވެސް 225،000ރ. ހެޔޮ އެދޭ ފަރާތްތަކުން ދީފައިވާއިރު ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޝަމްހީދަށް ހެޔޮ އެދޭ ފަރާތްތަކުން 43،000 ޑޮލަރާއި (663،000ރ.) އާއި 880،000ރ. ލިބިފައިވާ ކަމަށް އެ ބޭފުޅުންގެ މާލީ ބަޔާނުގައިވެ އެވެ. މީގެ އިތުރުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއަށް ހުޅުމާލެއިން ލިބިވަޑައިގެންފައިވާ 3.5 މިލިއަން ރުފިޔާގެ ރޯހައުސް އަކީ ވަޒީފާ އަދާކުރާ ކުންފުނިން ހަދިޔާއެއްގެ ގޮތުގައި ދީފައިވާ ތަނެއް ކަމަށް ބަޔާންކޮށްފައިވެ އެވެ.

ހަދިޔާގެ ގޮތުގައި، ފައިސާ ލިބިފައިވާ ކަމަށް މާލީ ބަޔާނުގައި ޖަހާފައި ވިޔަސް، ދެއްވި ފަރާތުގެ ތަފްސީލްތައް އެނގޭނެހެން ހާމަކޮށްފައެއް ނުވެ އެވެ.

މަޖިލީހުގެ މެމްބަރުން މަގާމުގެ ހުވާކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަސް ތެރޭގައި ފުރަތަމަ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކުރީ މިދިޔަ އަހަރުގަ އެވެ. މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ފަރާތުން ހުށަހެޅުއްވި އެ ހުށަހެޅުއްވުމަށް ތާއީދުކޮށް، ގިނަ މެންބަރުން އޭރު ވަނީ އެއީ އެންމެ ނަޒާހާތްތެރި ގޮތް ކަމަށް ވިދާޅުވެފަ އެވެ.