Roadha Mihaaru
ޖަލު ހަމަނުޖެހުން: މުނާޒާއި އިމްރާންގެ ވާހަކަ ތަފާތު!

ޖަލު ހަމަނުޖެހުމާ ގުޅިގެން މުނާޒާއި އިމްރާންގެ ވާހަކަ ތަފާތު!

23 ޖޫން 2019

މާފުށީ ޖަލުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ދެއްކެވި ވާހަކަތައް ދިމައެއް ނުވެ އެވެ. އަދި ގައިދީންނަށް އަނިޔާކުރި މައްސަލައިގައި ކަރެކްޝަނަލް ސާވިސް އިން ތަހުގީގެއް ފަށާފައިވާ ކަމަށް މުނާޒް ވިދާޅުވި ވާހަކަ ބައެއް އޮފިސަރުން ދޮގު ކުރައްވަ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާފުށީ ޖަލުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ދެއްކެވި ވާހަކަތައް ދިމައެއް ނުވެ އެވެ. އަދި ގައިދީންނަށް އަނިޔާކުރި މައްސަލައިގައި ކަރެކްޝަނަލް ސާވިސް އިން ތަހުގީގެއް ފަށާފައިވާ ކަމަށް މުނާޒް ވިދާޅުވި ވާހަކަ ބައެއް އޮފިސަރުން ދޮގު ކުރައްވަ އެވެ.

ޖަލުގައި ހަމަނުޖެހުން ހިނގީ ޝަރީއަތްތައް ނިމެންދެން މީހުން ބަންދުކޮށްފައި ތިބޭ ޔޫ ހަތަރެއްގަ އެވެ. ޖަލަށް ވެއްދުން މަނާ އެއްޗެއް ގެނެސްދޭން އޮފިސަރަކު ދެކޮޅު ހެދުމުން ދަގަނޑުބުރިއަކުން އޭނާ އަށް ފުރަތަމަ ހަމަލާދިނީ ގައިދީ އެވެ. އޭގެ ބަދަލު ހިފުމެއްގެ ގޮތުން އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ)ގެ އޮފިސަރުން ގޮޅިތަކަށް ވަދެ ގައިދީންގެ ގައިގައި ތަޅައި އަނިޔާކުރީ އެވެ. ހަ ގައިދީއަކަށް އެކިވަރުގެ އަނިޔާވި އެވެ. އެ ހަމަނުޖެހުމުގެ ތެރޭގައި ބައެއް ގައިދީންގެ ބޯ ތުނިކޮށް ކޮށާލި އެވެ.

ހާލަތު ބެއްލެވުމަށް އިއްޔެ ޖަލަށް ވަޑައިގަތުމަށް ފަހު އިމްރާން ވަނީ ގައިދީ އަކު އޮފިސަރަށް ހަމަލާ ދިނުމާއި އޭގެ ބަދަލެއްގެ ގޮތުން އޮފިސަރުން އަމަލުކުރި ގޮތް ކުށްވެރި ކުރައްވައިފަ އެވެ.

މިނިސްޓަރުގެ ކަންބޮޑުވުމަކަށް ވީ އަނިޔާތަކަށް ގައިދީންނަށް ފަރުވާ ނުދީ ލަސްކުރުމެވެ. އެކަން ހިނގި ކަމުގެ މައުލޫމާތު ލިބިވަޑައިގަތުމާ އެކު ވެސް ގައިދީންނަށް އެކަށީގެންވާ ބޭސްފަރުވާގެ އިންތިޒާމް ހަމަޖައްސައިދޭން އިރުޝާދު ދެއްވި ކަަމަށް އިމްރާން ވިދާޅުވި އެވެ.

"މިކަމުގައި އިހުމާލުވާ، ފަރުވާ ކުޑަކޮށްފައި ހުރި ހުރިހާ ކަމެއް ދެނެގަތުމަށް ފަހު ފިޔަވަޅު އަޅާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

އެކަމަކު ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ އަށް މުނާޒް ހާޒިރުކޮށް، ފަރުވާ ލަސްވި ސަބަބާ ގުޅޭ ގޮތުން މެމްބަރުން ސުވާލު ކުރެއްވުމުން ވިދާޅުވީ އެކަން ހިނގިތާ 15 މިނެޓް ތެރޭގައި ގައިދީންނަށް ފަރުވާ ދިން ކަމަށެވެ.

އެ ހަމަނުޖެހުންތައް ހިނގީ އެ ދުވަހުގެ ހަވީރު 5:45 ކަންހާއިރު ކަމަށާއި އަނިޔާ ލިބުނު ހަ ގައިދީންނަށް ހައެއް ޖަހާކަންހާއިރު ފަރުވާދޭން ފަށާފައިވާ ކަމަށް މުނާޒް ވިދާޅުވި އެވެ.

"އެންމެ ޑޮކްޓަރެއް ބެލީ. އެގޮތުން 15 މިނިޓު ފަހުން 10 މިނިޓު ފަހުން ޑޮކްޓަރަށް ދައްކަމުން ގޮސްފައި ހުރީ،" މުނާޒް ވިދާޅުވި އެވެ.

މި ހާދިސާ ހިނގުމާ އެކު މީޑިއާތަކުން ގުޅުމުން ވެސް ކަރެކްޝަންސް އިން މައުލޫމާތު ނުދީ ލަސްކުރި އެވެ. ހަމައެކަނި ޖަވާބަކަށް ވީ ގައިދީއަކު އެތަނުގެ އޮފިސަރަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށާއި "މާ ބޮޑު ހަމަނުޖެހުމެއް ނުހިނގާ" ކަމަށެވެ. ގައިދީންނަށް ލިބުނު އަނިޔާތަކާއި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރި ކަމަށް ބުނެ ބަޔާނެއް ނެރުނީ ހޯމް މިނިސްޓްރީންނެވެ.

ގައިދީންނާއި އޮފިސަރަށް ލިބުނު އަނިޔާ ތަފްސީލްކޮށް މުނާޒް ވިދާޅުވެ ދެއްވީ ކޮމިޓީ އަށް ހާޒިރުކުރުމުންނެވެ. އެކަން ހިނގައިދިޔަ ގޮތް ކަރެކްޝަނަލް ސާވިސް އިން ތަހުގީގު ކުރަމުން އަންނަ ކަމަށް މުނާޒް ކޮމިޓީގައި ވިދާޅުވި ނަމަވެސް ޖަލުގެ ބައެއް އޮފިސަރުން އެކަން ދޮގުކުރެ އެވެ.

އެތެރޭގެ ތަހުގީގެއް ނުހިންގާ!

"މިހާރު"އާ ވާހަކަ ދެއްކި ބައެއް އޮފިސަރުން ބުނިގޮތުގައި ހޯމް މިނިސްޓަރު އިއްޔެ ޖަލަށް ވަޑައިގަތުމުން މައުލޫމާތު އޮޅުންފިލުވުމުގެ ބޭނުމަށް ދެތިން ގައިދީއަކާ މުނާޒް ސުވާލުކުރެއްވި ކަމަށާއި އެކަމަކު އެތެރޭގެ ތަހުގީގެއް ނުހިންގާ ކަމަށެވެ.

އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ)ގެ އޮފިސަރުން ހަލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރީ ވެސް ފޯސް ރިވިއު ކޮމިޓީ އަށް ހުށަހަޅައި މައްސަލަ ބެލުމަށް ފަހު ނޫން ކަަމަށް އޮފިސަރުން ވިދާޅުވި އެވެ.

ޖަލުގައި ހިންގި ކަންކަމާ ގުޅިގެން މިހާތަނަށް ފިޔަވަޅު އެޅީ އީއެސްޖީގެ ކޮމާންޑަރަށް އެކަންޏެވެ. އޭނާ ސަސްޕެންޑްކުރީ، ކަރެކްޝަންސް އިން ބުނިގޮތުގައި، ޖަލުގައި ހިނގާ އެފަދަ ކަންކަން ކޮންޓްރޯލްކޮށް ޒިންމާ ނަގަން ޖެހެނީ އޭނާ ކަމަށްވާތީ އެވެ. ގައިދީންނަށް ހަމަލާ ދިން އެއްވެސް އޮފިސަރަކާ މެދު ފިޔަވަޅެއް ނާޅަ އެވެ.

މުނާޒް ވިދާޅުވި ގޮތުގައި އެއީ އެއްވެސް އޮފިސަރަކު އަދި ދެނެގަނެވިފައި ނުވާތީ އެވެ.

ޖަލުގައި ހިނގި ކަންކަން އަދި ހަމައަކަށް ނޭޅެ އެވެ. އޮފިސަރުން ހިތްހަމަނުޖެހި ގޮޅިތަކަށް ވަނުމަށާއި ބޭސްފަރުވާ ފަދަ ކަންކަމަށް ގައިދީން މާލެ ގެނައުމަށް ވަނީ ދެކޮޅު ހަދައިފަ އެވެ. އެކަމަކު ކަރެކްޝަންސް އިން ބުނަނީ ޖަލުގެ ހާލަތު ރަނގަޅު ކަމަށެވެ.