Roadha Mihaaru
ޖަލުގެ 11 އޮފިސަރަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ޖަލަށް މަނާ ތަކެތި ވައްދާ ނެޓްވޯކްގެ 11 އޮފިސަރަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

29 ޖޫން 2024

މާފުށީ ޖަލަށް ޑްރަގާއި ފޯނު ވެއްދުމުގައި އެހީތެރިވާ ނެޓްވޯކްގައި ހިމެނޭ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 11 އޮފިސަރަކު ޝަރިއަތް ނިމެންދެން ބަންދުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާފުށީ ޖަލަށް ޑްރަގާއި ފޯނު ވެއްދުމުގައި އެހީތެރިވާ ނެޓްވޯކްގައި ހިމެނޭ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 11 އޮފިސަރަކު ޝަރިއަތް ނިމެންދެން ބަންދުކޮށްފި އެވެ.

މާފުށީ ޖަލަށް ޑްރަގާއި ފޯނު ވެއްދުމުގައި ޖަލު އޮފިސަރުން އެހީތެރިވާ ކަމުގެ ތުހުމަތުކުރެވިގެން ބުރާސްފަތި ދުވަހު ވަނީ ފުލުހުންގެ ބޮޑު އޮޕަރޭޝަނެއް އެތަނުގައި ހިންގައިފަ އެވެ.

އެ އޮޕަރޭޝަނާ ގުޅިގެން 13 އޮފިސަރަކު ވަނީ އިއްޔެ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހިމެނޭ މީހުންގެ ބަންދު ޖަހަން ކޯޓަށް ހާޒިރުކުރުމުން 11 އޮފިސަރަކު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. ބާކީ ދެ އޮފިސަރުންގެ ބަންދުގެ މުއްދަތަށް ކޯޓުން ދިނީ ފަސް ދުވަހެވެ.

ފުލުހުން ހައްޔަރުކުރީ މާފުށިން ނުވަ އޮފިސަރުންނާއި ކާށިދޫން ދެ އޮފިސަރުން އަދި އުތީމުންނާއި މާލެއިން ވެސް އެއް އޮފިސަރެވެ.

އެ މައްސަލާގައި މައުލޫމާތު ދޭން ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ އެ މައްސަލަ ފެންމަތިވި ހިސާބުން ފެށިގެން ފުލުހުންގެ އިންޓެލިޖެންސުން އެއްކުރި މައުލޫމާތުގެ އަލީގައި، މާފުށީ ޖަލުގައި ތިބޭ ގައިދީންނަށް ޑްރަގާއި ފޯނު ފޯރުކޮށްދިނުމުގައި ކަރެކްޝަންސްގެ 18 މުވައްޒަފަކު ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އެމީހުންގެ އެކައުންޓްތަކަށް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 73.6 މިލިއަން ރުފިޔާ ޖަމާވެފައިވެ އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި މި ޖަލު އޮފިސަރުންގެ އެކައުންޓުތަކަށް ފައިސާ ޖަމާކުރި އެކައުންޓުތަކުގެ ވެރިފަރާތްތައް ހޯދައި އެމީހުންނާ މެދުގައި ވެސް ގާނޫނީ ފިޔަވަޅު އަޅާނެ އެވެ.

މާފުށީ ޖަލަށް ޑްރަގާއި ފޯނު ވައްދާ ބޮޑު ނެޓްވޯކެއް ހިފެހެއްޓިއިރު ޖަލު އޮފިސަރުން އެކަމަށް އެހީތެރިވާ ކަމަށް އަބަދުވެސް ދެކެވެ އެވެ. އެކަމަކު އެކަމުގެ ތުހުމަތުގައި އޮފިސަރުންގެ ބޮޑު ނެޓްވޯކެއް ހައްޔަރުކުރި މިއީ ފުރަތަމަ ފަހަރެވެ.