މިދިޔަ އަހަރު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި، ނުކުޅެދޭ ހާލަތަކަށް ދިޔަ އުމަރު ސަލީމް (އޮއްތޮ) ގެ ގައިގައި ޖެހުނު ސައިކަލް ދުއްވި ޒުވާނަކީ ކާކު ކަމެއް އޭނާއަށް ވެސް އަދި އާއިލާއަކަށް ވެސް ނޭނގެ އެވެ.
20 ޖޫން 2019
މިދިޔަ އަހަރު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި، ނުކުޅެދޭ ހާލަތަކަށް ދިޔަ އުމަރު ސަލީމް (އޮއްތޮ) ގެ ގައިގައި ޖެހުނު ސައިކަލް ދުއްވި ޒުވާނަކީ ކާކު ކަމެއް އޭނާއަށް ވެސް އަދި އާއިލާއަކަށް ވެސް ނޭނގެ އެވެ.
އޮއްތޮގެ އާއިލާގެ ޝަކުވާއަކަށް ވެފައި އޮތީ އެކްސިޑެންޓަށް އަހަރެއް ވީ އިރު ވެސް ޒިންމާ ނަގަން ޖެހޭ މީހާއާ މެދު އެއްވެސް ފިޔަވަޅެއް ނޭޅި، އިންސާފު ނުލިބުމެވެ. އެކަމަކު މިއަދު ހުޅުމާލޭ ކޯޓުގައި އޮއްތޮ އާއި އޭނާގެ އާއިލާއަށް، އެ ހިތްދަތި އެކްސިޑެންޓްގެ ޒިންމާ ނަގަން ޖެހޭ އާދަމް އިމްޖާދު، ފުރަތަމަ ފަހަރަށް ފެނި އަދި ބައްދަލުވި އެވެ.
އެ އާއިލާ ކެތްތެރި އެވެ. ދެއްކީ ރުޅިވެރި މޫނެއް ނޫނެވެ.
އިމްޖާދު ގޮސް އޮއްތޮއާ ސަލާމްކޮށްލައި ވާހަކަދައްކާލަން އާއިލާއިން ދެކޮޅެއް ނުހަދަ އެވެ. އާއިލާއިން ދެއްކީ ރީތި އަހުލާގެވެ. އެމީހުން އޭނާއާ ވެސް ކުޑަކޮށް ވާހަކަ ދެއްކި އެވެ. އޮއްތޮ ވެސް އެއްޗެއް ބުނަން މަަސައްކަތް ކުރީ ހިނިތުންވުމާ އެކުގަ އެވެ.
ކޯޓުން ބޭރުގައި އިމްޖާދު ގޮސް އޮއްތޮއާ ބައްދަލުކުރީ އެކްސިޑެންޓާ ގުޅިގެން ދައުލަތުން އޭނާއާ ދެކޮޅަށް އުފުލާފައިވާ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާގެ އިބްތިދާއީ އަޑު އެހުން މެދުކަނޑާލި ވަގުތު އެވެ.
އެ ދައުވާ އަށް އިމްޖާދު އިއުތިރާފެއް ވެސް އަދި އިންކާރެއް ވެސް ނުކުރެ އެވެ. އެކަމަކު އޭނާގެ ވަކީލް އެދިވަޑައިގަތީ ދައުވާ އަށް ޖަވާބުދާރީ ވުމުގެ ކުރިން މައުލޫމާތުތަކެއް ސާފުކުރުމަށާއި ލިޔެކިއުންތަކެއް ހޯދަން ވަގުތު ދިނުމަށެވެ.
އޮއްތޮ، އޭނާގެ ދަރިފުޅާއި އަންހެނުން އަދި އާއިލާގެ ބައެެއް މީހުންނާ އެކު ފޮޓޯއެއް ނަގަނީ.
އެގޮތަށް އެދުމުން ދައުލަތުގެ ވަކީލުން ވިދާޅުވީ މައްސަލައިގައި ދައުލަތުން ހެކިތަކާއި ލިޔެކިއުންތައް ކޯޓަށް ހުށަހަޅައި، އެ ލިޔެކިއުންތައް ދައުވާ ލިބޭ ފަރާތަށް ފޯރު ވެސް ކޮށްދީފައިވާނެ ކަމަށެވެ. އެހެންކަމުން ދައުވާ އަށް އިއުތިރާފް ނުވާ ނަމަ އިންކާރު ކުރަން ޖެހޭ ކަމަށް ދައުލަތުން ކޯޓުގައި ބުންޏެވެ.
ދައުލަތުން އެގޮތަށް ބުނުމުން އިމްޖާދުގެ ވަކީލު އެދިވަޑައިގަތީ ދައުވާ އަށް އިއުތިރާފް ވުން ނުވަތަ އިކާރުކުރުމާ މެދު ގޮތެއް ނިންމުމުގެ ކުރިން ހޯދަން ބޭނުންވާ މައުލޫމާތުތައް ހޯދަން 15 ދުވަސް ދިނުމަށެވެ. ނަމަވެސް މައްސަލަ ބައްލަވާ ގާޒީ އަމްޖަދު އަބްދުލް ޣަނީ ދެއްވީ ފަސް ދުވަހުގެ މުހުލަތެކެވެ.
އިބްތިދާއީ އަޑު އެހުމުގެ އަނެއް ބައި ކުރިއަށް ގެންދާނީ ފަސް ދުވަސް ފަހުންނެވެ.
އޮއްތޮގެ ފުރާނަ ސަލާމަތްވީ ކިރިޔާ އެވެ. ވަރަށް ބޮޑެތި މަސައްކަތްތަކަށް ފަހު މިހާރު އިށީދެ އިނދެވެ އެވެ. އަދި ކުޑަކުޑަކޮށް ބައެއް ބަސްތައް ވެސް ބުނެ އެވެ. އޭނާގެ އާއިލާ އިން އުއްމީދު ކަނޑާނުލައި، މަސައްކަތްކުރަމުން ދަނީ ވީހާވެސް ބޮޑު ލުޔެއް އޮއްތޮއަށް ހޯދައިދެވޭތޯ އެވެ.
މިދިއަ މަހު 29 ވަނަ ދުވަހު، އޮއްތޮގެ އެކްސިޑެންޓަށް އަހަރެއް ވީ ދުވަހު، ހޭލުންތެރިކުރުވުމުގެ ބޮޑު ޕޯސްޓަރެއް އޭނާގެ ފަރާތުން އާންމުންނަށް ދައްކައިދިނެވެ. މާލޭ ކޮޅުން ސިނަމާލެ ބްރިޖް ފެށޭ ހިސާބުގައި ހަރުކުރި އެ ޕޯސްޓަރުން އާންމުންނަށް މެސެޖް ދެނީ ރައްކާތެރިކަމާ އެކު ދުއްވުމަށެވެ.
އެ ދުވަހު ވެސް އޮއްތޮގެ އާއިލާގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އެކްސިޑެންޓްގެ ޒިންމާ ނަގަން ޖެހޭ މީހާ ދޫވެފައި ހުރުމެވެ.
އޮއްތޮގެ އެކްސިޑެންޓަށް އެއް އަހަރު ފުރުމާ ދިމާކޮށް، މީހުން ހޭލުންތެރި ކުރުމަށް އޭނާގެ އާއިލާ އާއި "މިހާރު" ގުޅިގެން މާލޭގައި ޕޯސްޓަރެއް ބެހެއްޓުމަށް މިދިޔަ މަހު ބޭއްވި އިވެންޓެއްގައި އޮއްތޮއާ އެކު ބައިވެރިވި ބައެއް މީހުން ސެލްފީއެއް ނަގަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
"އޮއްތޮ އަށް މިހާ ބޮޑު އަނިޔާއެއް ލިބި އަދިވެސް އެ ހިތްދަތިކަމުން އަރައެއް ނުގަނެވޭ. އެކަމަކު ސައިކަލުން ޖެއްސި މީހާ ޒިންމާ ނުކުރުވައި ދޫކޮށްލާފައި ހުރުން ބަލައެއް ނުގަނެވޭ. އެއީ، އިންސާފެއް ކަމަކަށް ވެސް ނުދެކެން،" އޮއްތޮގެ އަންހެނުން ފާތުމަތު ނައުފާ ބުންޏެވެ.
އޮއްތޮގެ ގައިގައި ޖެހުނު ސައިކަލް ދުއްވި މީހާއާ މެދު އާއިލާއިން އަބަދުވެސް ބުނަމުން އައީ އޭނާ ދޫކޮށްލާފައި ހުންނަ ހުރުމަކީ ޒިންމާދާރުކަން ކުޑަ ނިންމުމެއް ކަމަށެވެ.
އެއީ "އެ ކުއްޖާ ގަސްދުގައި ކުރި ކަމެއް ނޫން. އެކަމަކު އޭނާ އެއްވެސް ވަރަކަށް ޒިންމާދާރު ކުރުވުމެއް ނެތި އެހެރީ މުޖުތަމައު އަށް ދޫކޮށްލާފައި،" އޮއްތޮގެ މަންމަ ފާތުމަތު ޔޫސުފް، ކުރިން މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.
މިހާރު މިވަނީ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުން ފަށައިފަ އެވެ. ޝަކުވާތަކާ އެކު ވެސް އޮއްތޮގެ އާއިލާ އިން ދެއްކީ ކެތްތެރިކަމާއި ރީތި އަހުލާގެވެ.
އޮއްތޮ އެކްސިޑެންޓްކޮށްލި މީހާގެ ޝަރީއަތް މާދަމާ
އޮއްތޮ އެކްސިޑެންޓްކޮށްލި މީހާ ޖަވާބުދާރީވާން 5 ދުވަސް
ގައިމަތިން ސައިކަލު ދިޔަ މައްސަލަ ޕީޖީއަށް ފޮނުވަނީ
ޕޮލިސް ކާރު އެކްސިޑެންޓު: މަންޒަރު ދުށް ބަޔަކު ހޯދަނީ
"ސައިކަލު ދުއްވީ ލައިސަންސް ހިފަހައްޓާފައިވާ މީހެއް"
ސްޕޯޓްސް ކާރުން ޖެހި މީހަކު މަރުވި މައްސަލަ ޕީޖީއަށް
އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެ
ބައުޒަރެއްގައި ސައިކަލަކުން ޖެހި ޒުވާނަކަށް އަނިޔާވެއްޖެ
ސްޕޯޓްސް ކާރު އެކްސިޑެންޓް: ދައުވާކުރަން ފޮނުވައިފި
ބާރަށް ކާރު ދުއްވި މީހަކު ފިލަން އުޅުމުން ހައްޔަރު