Roadha Mihaaru
ދަނޑުވެރިންނަށް ހިލޭ ގުޅޭ ޕްލޭނެއް އުރީދޫން

ދަނޑުވެރިންނަށް ހިލޭ ގުޅޭ ޕްލޭނެއް އުރީދޫން ތައާރަފްކޮށްފި

20 ޖޫން 2019

ދަނޑުވެރިންނަށް ހިލޭ ފޯނުކުރެވޭ ޕްލޭންތަކެއް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ އާއި އުރީދޫ ގުޅިގެން މިއަދު ތައާރަފްކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ދަނޑުވެރިންނަށް ހިލޭ ފޯނުކުރެވޭ ޕްލޭންތަކެއް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ އާއި އުރީދޫ ގުޅިގެން މިއަދު ތައާރަފްކޮށްފި އެވެ.

މި ހިދުމަތް ތައާރަފްކުރަން މިނިސްޓްރީ އާއި އުރީދޫއާ އެކު ހެދި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޑައިރެކްޓާ އޮފް ސޭލްސް އެންޑް ބްރޭންޑިން ހުސެއިން ނިޔާޒެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. އައިމިނަތު ޝާފިގާ އެވެ.

މި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ ދަނޑުވެރިންގެ މަސައްކަތްތައް ހިންގުމަށް މިކަމުން ހަލުވިކަން ލިބޭނެ ކަމަށެވެ. އަދި އެ މިނިސްޓްރީގައި ރަޖިސްޓްރީވެފައިވާ 7،000 އަށް ވުރެ ގިނަ ދަނޑުވެރިންނަށް މި ޕެކޭޖުތަކުގެ ސަބަބުން ގިނަ ފަސޭހަތަކެއް ވާނެ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި މިނިސްޓްރީގެ ވެބްސައިޓުގައި ޕޯސްޓުކޮށްފައިވާ ދަނޑުވެރިންނަން ހާއްސަ މައުލޫމާތު ވެސް މި ޕެކޭޖްގައި ހިލޭ ބަލައިލެވޭނެ އެވެ.

މި ޕެކޭޖުތައް ބޭނުންކުރާ ދަނޑުވެރިންނަށް ގަސް ކާނާ އާއި ދަނޑުވެރިކަމަށް ބޭނުންވާ އެހެން ތަކެތިން ހާއްސަ ޑިސްކައުންޓުތައް ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށް އޫރީދޫގެ ސޭލްސް އެންޑް ބްރޭންޑިން ޑައިރެކްޓާ ނިޔާޒު ވިދާޅުވި އެވެ.

"ދަނޑުވެރިންގެ ޕެކޭޖުގައި ދަނޑުވެރިން ބޭނުންވާ ގަސް ކާނާ ނުވަތަ ގަސް ހައްދަން ބޭނުންވާ ސާމާނާ އެއްޗެހި، މާލޭން މި އެއްޗެހި ވިއްކާ ފިހާރަތަކުން އިތުރު ޑިސްކައުންޓާ އެކު ލިބޭނެ. އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ލިބޭ ޑިސްކައުންޓްތަކުގެ އިތުރުން ދަނޑުވެރިންނަށް ހާއްސަ ޑިސްކައުންޓްތަކެއް ލިބޭނެ،" ނިޔާޒު ވިދާޅުވި އެވެ.

އުރީދޫން ވަނީ މަސްވެރިންނަށް ހާއްސަ ޕެކޭޖުތަކެއް ވެސް މިދިޔަ އަހަރު ތައާރަފްކޮށްފަ އެވެ. އެ ޕެކޭޖުތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނުކަން ފާހަގަކުރައްވަމުން، މި ޕެކޭޖުތައް ވެސް ދަނޑުވެރިންގެ ތާއިދު ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށް ނިޔާޒު ވިދާޅުވި އެވެ.

މިނިސްޓްރީއާ އެކު ރަޖިސްޓްރީވެފައިވާ ދަނޑުވެރިންނަށް އެ ހިދުމަތްތަކާ ގުޅޭ މައުލޫމަތު އުރީދޫން ފޯރުކޮށްދޭނެ އެވެ. އަދި އުރީދޫ އަށް ގުޅުމުން މި ޕެކޭޖުތަކާ ގުޅޭ އިތުރު މައުލޫމާތު ލިބޭނެ ކަމަށް އެތަނުން ބުންޏެވެ.