Roadha Mihaaru
ފަނޑިޔާރުން ޖޭއެސްސީ އަށް އެއްބާރުލުން ދޭން ގޮވާލައިފި

ޖޭއެސްސީން ބަލާ މައްސަލަތަކަށް އެއްބާރުލުން ދިނުމަށް ފަނޑިޔާރުންގެ ޖަމިއްޔާ އިން ގޮވާލައިފި

18 ޖޫން 2019

ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކަށް ފުރިހަމަ އަށް ތަބާވުމަށާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލާ މައްސަލަތަކުގައި އެ ކޮމިޝަނަށް އެއްބާރުލުން ދިނުމަށް ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާ އިން މިއަދު ގޮވާލައިފި އެވެ.

ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކަށް ފުރިހަމަ އަށް ތަބާވުމަށާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލާ މައްސަލަތަކުގައި އެ ކޮމިޝަނަށް އެއްބާރުލުން ދިނުމަށް ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާ އިން މިއަދު ގޮވާލައިފި އެވެ.

ހުއްޓިފައި އޮތުމަށް ފަހު އަލުން ރަޖިސްޓްރީކޮށް މި ހަފުތާގައި މަގާމުތަކަށް ބޭފުޅުން އިންތިހާބުކުރި ފަނޑިޔާރުންގެ ޖަމިއްޔާ އިން ނެރުނު ބަޔާނުގައި ބުނީ ފަނޑިޔާރުންނާ ބެހޭ ގޮތުން އުފުލާ ޝަކުވާތައް ބެލުމާއި އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި އަދި ވަކިކުރަންޖެހޭ މީހުން ވަކިކުރުން ހުށަހެޅުމުގެ ގާނޫނީ ޒިންމާ އޮތް ޖޭއެސްސީން ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގައި ތަފާތުކުރުން ގެންގުޅެގެން ނުވާނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ސުލޫކީ މައްސަލައެއްގައި ގާޒީ ސަސްޕެންޑްކުރުމަށް ޖޭއެސްސީން ނިންމުމުން އެކަން ބާތިލް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވަނިކޮށް ނެރުނު ބަޔާނުގައި ބުނީ ފަނޑިޔާރުންގެ ހައްގުތައް ކަށަވަރުކޮށްދިނުމާ އެކު އިޖުރާއާތާ އެއްގޮތަށް އެކަށީގެންވާ އަސްމިނެއްގައި ޖޭއެސްސީން މައްސަލަތައް ބެލުން މުހިންމު ކަމަށެވެ. މިގޮތަށް އަމަލުކުރުމުން، އަދުލު އިންސާފުގެ ދާއިރާ އިތުބާރު ބޮޑުވެގެން ދާނެ ކަމަށް ފަނޑިޔާރުންގެ ޖަމިއްޔާ އިން ބުންޏެވެ.

"ފަނޑިޔާރުންނަކީ އާންމު ރައްޔިތުންނެކޭ އެއްފަދައިން ގާނޫނުގެ ކުރިމަތީގައި ހަމަހަމަ" ބައެއް ކަމަށާއި ފަނޑިޔާރުންނާ މެދު ތަހްގީގީ އިދާރާތަކަށް ހުށަހެޅޭ މައްސަލަތައް، ގާނޫނާ އެއްގޮތަށް އެކަށީގެންވާ އަވަސްމިނެއްގައި ތަހުގީގުކޮށް ނިންމުމުގެ މުހިންމުކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައިވެ އެވެ.

މީގެ 11 އަހަރު ކުރިން ފެށިގެން ރަޖިސްޓަރީ ކޮށްފައިވާ ފަނޑިޔާރުންގެ ޖަމިއްޔާގެ ހިންގާ ކޮމިޓީ އަލުން އެކުލަވާލައި އަލުން ރަޖިސްޓްރީކުރީ މި ހަފުތާގަ އެވެ. މި ޖަމިއްޔާ ރަޖިސްޓްރީކޮށްފައި ވަނީ ސުޕްރީމް ކޯޓާއި ޖޭއެސްސީއާ ދެމެދު ބޮޑު ހިޔާލު ތަފާތުވުމެއްގެ ތެރޭގައި އޮއްވަ އެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ އާ ޖަމިއްޔާ އަކީ ފަނޑިޔާރުންގެ ގާނޫނުގައި ބުނާ ޖަމިއްޔާގެ ގޮތުގައި ނުބެލެވޭނެ ކަމަށް ވެސް ބުނެފަ އެވެ. ނަމަވެސް ރާއްޖޭގައި މިވަގުތު 194 ފަނޑިޔާރަކު ޖޭއެސްސީގައި ރަޖިސްޓަރީ ކޮށްފައިވާއިރު، 115 ވަރަކަށް ފަނޑިޔާރުންނަކީ އަލަށް ހިންގަން ފެށި ޖަމިއްޔާގެ މެމްބަރުންނެވެ.