Roadha Mihaaru
ޗެމްޕިއަން ޗިލީން ފުރަތަމަ މެޗުގައި ޖަޕާން ބަލިކޮށްފި

ޗެމްޕިއަން ޗިލީން ފުރަތަމަ މެޗުގައި ޖަޕާން ބަލިކޮށްފި

18 ޖޫން 2019

ސައޮ ޕައޮލޯ، ބްރެޒިލް (ޖޫން 18) - ކޮޕާ އެމެރިކާގެ އެންމެ ފަހު ދެ އަހަރުގެ ޗެމްޕިއަން ޗިލީ މި ފަަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ޖަޕާން އަތުން 4-0 އިން މޮޅުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ސައޮ ޕައޮލޯ، ބްރެޒިލް (ޖޫން 18) - ކޮޕާ އެމެރިކާގެ އެންމެ ފަހު ދެ އަހަރުގެ ޗެމްޕިއަން ޗިލީ މި ފަަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ޖަޕާން އަތުން 4-0 އިން މޮޅުވެއްޖެ އެވެ.

ކޮޕަ އެމެރިކާގެ 2015 އާއި 2016 ވަނަ އަހަރުގެ ތަށި އުފުލާލި ޗިލީން މި ފަހަރުގެ މުބާރާތަށް ނުކުތްއިރު އަމާޒަކީ ޖެހިޖެހިގެން ތިން މުބާރާތް ކާމިޔާބު ކުރުމެވެ. ރޭގެ މެޗުން ލިބުނު ފުރިހަމަ މޮޅާ އެކު ޗިލީގެ ކޯޗު ރެއިނާލްޑޯ ރުއޭޑާ ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފަ އެވެ.

"އެންމެ މުހިއްމު ކަމަކީ ޓާގެޓެއް އޮވެ މި ވަރުގެ ވަރުގަދަ ފެށުމަކާ އެކީ ކުރިއަށް ދިއުމުގެ އުއްމީދު ލިބުން. މި މޮޅާ އެކު އަހަރެމެންނަކީ ފޭވަރިޓުންގެ އެއް ވަނަ ކަމަކަށް ނުބެލޭނެ. އެކަމަކު ޔަގީނުން ވެސް އަމާޒުވަމުން އައި ފާޑުކިއުމަށް ނިމުމެއް އަންނާނެ،" ރޭގެ މެޗަށް ފަހު ރެއިނާލްޑޯ ބުންޏެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޗިލީ އަށް ލީޑުނަގައިިދިނީ އެޑުއާޑޯ ފުލްގާ އެވެ. ދެ ވަނަ ހާފްގައި އެޑުއާޑޯ ވާގަސް ދެ ގޯލު ޖެހިއިރު، އަނެއް ލަނޑު ކާމިޔާބުކުރީ އަލެކްސިސް ސަންޗޭޒް އެވެ. މި ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑްގައި ސަންޗޭޒްގެ ފަރާތުން ދަށް ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް ގައުމީ ޓީމަށް ކުޅޭ މެޗުތަކުގައި ސަންޗޭޒްގެ ފަރާތުން ޖުމްލަކޮށް ރަނގަޅު ކުޅުމެއް ފެނެ އެވެ.

މި ފަހަރުގެ މުބާރާތުގައި ދައުވަތު ދީގެން ވާދަކުރަމުން އަންނަ ދެ ޓީމުގެ ތެރޭގައި ހިމެނޭ ޖަޕާނުން މި މުބާރާތުގައި ކުޅެނީ ނިސްބަތުން ޒުވާން ޓީމަކާ އެކު އެވެ. ޖަޕާން ޓީމުގެ އުމުރަކީ އެވްރެޖް 22 އަހަރެވެ. ރޭގެ މެޗުގައި ލަނޑު ޖަހަން ޖަޕާނުގެ ކުޅުންތެރިން ވެސް ފުރުސަތުތައް ތަނަވަސްކުރި އެވެ. އެކަމަކު ކާމިޔާބުވާގޮތެއް ނުވި އެވެ. އެ ގޮތުން އެންމެ ރަނގަޅު ފުރުސަތު ލިބުނީ ޒުވާން ފޯވާޑް އަޔާޝޭ އުއޭޑާ އަށެވެ.

ޖަޕާނުގެ ކޯޗު ހަޖީމޭ މޮރިޔާސޫ ބުނީ އޭނާގެ ޓީމުން ދެއްކި ކުޅުމަށް ބަލާއިރު ލަނޑެއް ޖެހެން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ތަފާތަަކަށް މި ފެނުނީ އެ މީހުންނަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެ މީހުން ހިފި. އަހަރެމެންނަށް އެކަމެއް ނުކުރެވުނު،" މޮރިޔާސޫ ބުންޏެވެ.

މުބާރާތުގައި މިރޭ ކުޅޭނީ ގްރޫޕް އޭގެ ދެ މެޗެވެ. ދަންވަރު 2:30 ގައި ފަށާ މެޗުގައި ބޮލިވިއާ ނުކުންނާނީ ޕެރޫއާ ދެކޮޅަށެވެ. އަދި ފަތިހު 5:30 ގައި ބްރެޒިލް ކުޅޭނީ ވެނެޒުއޭލާއާ އެވެ. މި ފަހަރުގެ މުބާރާތް ބާއްވާ ބްރެޒިލުން ކުޅުނު ފުރަތަމަ މެޗުގައި ވަނީ 3-0 އިން ބޮލިވިއާ ބަލިކޮށްފަ އެވެ.