Roadha Mihaaru
ފަހު ވަގުތުކޮޅުގައި ލަނޑު ޖަހަން މާޓިނޭޒް ވަރެއް ނެތް

ފަހު ވަގުތުކޮޅުގައި ލަނޑު ޖަހަން މާޓިނޭޒް ވަރެއް ނެތް، އެ ގެންގޮސް ދިނީ އާޖެންޓީނާ ކުއާޓާ އަށް

26 ޖޫން 2024

ނިއުޖާޒީ (ޖޫން 25) – މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް ލައުޓާރޯ މާޓިނޭޒް ޖެހި ގޯލުން 1-0 އިން ޗިލީ ބަލިކޮށް، އާޖެންޓީނާ ކޮޕާ އެމެރިކާ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ނިއުޖާޒީ (ޖޫން 25) – މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް ލައުޓާރޯ މާޓިނޭޒް ޖެހި ގޯލުން 1-0 އިން ޗިލީ ބަލިކޮށް، އާޖެންޓީނާ ކޮޕާ އެމެރިކާ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މި ނަތީޖާއާ އެކު އާޖެންޓީނާ ވަނީ ގުރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ފަހު މެޗުގައި އަންނަ އާދިއްތަ ދުވަހު ރާއްޖެ ގަޑިން ފަތިހު 5 ޖަހާއިރު ޕެރޫއާ ދެކޮޅަށް ނުކުންނާނެ އެވެ.

ޕެރޫ އާއި ކެނެޑާ، ރޭ ކުޅުނު މެޗު 1-0 އިން ކާމިޔާބު ކުރީ ކެނެޑާ އެވެ. މި މެޗުން ހޯދި ތިން ޕޮއިންޓާ އެކު ކެނެޑާ ދެވަނައިގައި އޮތްއިރު، ޕެރޫ އާއި ޗިލީ އަށް ވެސް ވަނީ އެއް ޕޮއިންޓް ލިބިފަ އެވެ.

ފުރަތަމަ މެޗުގައި ވެސް މާޓިނޭޒް ވަނީ މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް ގޯލު ޖަހައިފަ އެވެ. ދެ މެޗުގައި ވެސް އޭނާ ކުޅެން ނެރެފައި ވަނީ މެޗުގެ ފަހު ވަގުތު އެވެ.

މިއަދު އޭނާ ގޯލު ޖެހީ ގާތްގާތުގައި ކެޕްޓަން ލިއޮނެލް މެސީ ނެގި ދެ ކޯނަރުން ފަހު ކޯނަރުގައި، ޖިއޮވާނީ ލޮސެލްސޯ ފޮނުވާލި ބޯޅަ ކީޕަރު ދިފާއު ކުރުމުން ރީބައުންސް ވެފައި ނުކުތް ވަގުތު އެވެ.

މި މެޗުގައި ވެސް ޗިލީގެ ގޯލު ބެލެހެއްޓީ، 2015 އަދި 2016 ވަނަ އަހަރުގެ ކޮޕާ އެމެރިކާގެ ފައިނަލްގައި ވެސް އާޖެންޓީނާ ބަލިކުރި ޗިލީ ޓީމުގެ ގޯލު ބެލެހެއްޓި ކްލައުޑިއޯ ބްރާވޯ އެވެ.

މި މެޗަކީ އުމުރުން 41 އަހަރުގެ ޗިލީގެ ކެޕްޓަން ގައުމީ ޓީމަށް ކުޅެދިން 150 ވަނަ މެޗެވެ. ކުރިން ބާސެލޯނާ އާއި މެންޗެސްޓާ ސިޓީ އަށް ވެސް ކުޅުނު ކީޕަރު މިހާރު ކުޅެނީ ސްޕެއިންގެ ރެއާލް ބެޓިސް އަށެވެ.