Roadha Mihaaru
ޕެންޝަން ފަންޑުގެ ބޭނުމަކީ ކޮބާ؟

ޕެންޝަން ފަންޑުގެ ބޭނުމަކީ ކޮބާ؟

16 ޖޫން 2019

ހަސަންބެއާ މިފަހަރު ދިމާވީ ޕެންޝަން އޮފީހުންނެވެ. އެހެންޏާ ހަސަންބެއާ ދިމާވާއިރު މޫނުމަތިން ފެންނަ ހިނިތުންވުމެއް މިއަދަކު ނެތެވެ. ހަސަންބެއާ ސުވާލުކުރުމުން ޕެންޝަން އެކައުންޓުގައި ފައިސާ ހުރިވަރެއް ބަލަން އައި ކަމަށް ބުންޏެވެ.

ހަސަންބެއާ މިފަހަރު ދިމާވީ ޕެންޝަން އޮފީހުންނެވެ. އެހެންޏާ ހަސަންބެއާ ދިމާވާއިރު މޫނުމަތިން ފެންނަ ހިނިތުންވުމެއް މިއަދަކު ނެތެވެ. ހަސަންބެއާ ސުވާލުކުރުމުން ޕެންޝަން އެކައުންޓުގައި ފައިސާ ހުރިވަރެއް ބަލަން އައި ކަމަށް ބުންޏެވެ.

ހަސަންބެގެ ޕެންޝަން އެކައުންޓު ސްޓޭޓްމަންޓް ދެއްކުމަށްފަހު އެ ފައިސާއިން ހައްޖަށް ދިއުމަށް ބޭނުންވާ ވާހަކަ ބުންޏެވެ. ނަމަވެސް ހައްޖަށް ދިއުމަށް ބޭނުންވާ ޖުމްލަ އަދަދު ޕެންޝަން ސްކީމުން ދޫނުކުރާތީ ހަސަންބެ ކަންބޮޑުވުން ފާޅު ކުރި އެވެ.

މިއީ ހަސަންބެ ފަދައިން އެތައް ބަޔަކު ކުރަމުންދާ ޝަކުވާއެކެވެ. ގިނަ ބަޔަކު ބުނަމުންދަނީ ޕެންޝަން އެކައުންޓުގައި ހުރި ފައިސާއަކީ އެ މީހެއްގެ ފައިސާކަމުން ހައްޖަށް ދިއުމާއި އެނޫން ވެސް މުހިންމު ބޭނުންތަކަށް އެ މީހަކު އެއިން ބޭނުންވާ އަދަދަކަށް ފައިސާ ދޫކުރަން ޖެހޭނެ ކަމަށެވެ.

ނަމަވެސް، މިކަމާ މެދު ގޮތެއް ނިންމުމުގައި ރާއްޖޭގައި ޕެންޝަނާ ބެހޭ ޤާނޫނެއް ފާސްކުރެވި އެ ގާނޫނުގެ ހިޔަލުގައި ޕެންޝަން ނިޒާމެއް ތަޢާރަފު ކުރުމުގެ ބޭނުމާ މެދު ވިސްނާލުން މުހިންމެވެ. ޕެންޝަން ނިޒާމެއްގެ އެންމެ މުހިންމު ބޭނުމަކީ އާބާދީ އަށް އަންނަ ބަދަލަށް ބަލައި މުސްކުޅިވާ އާބާދީ އަށް ދެމެހެއްޓެނިވި ގޮތެއްގައި ޕެންޝަން ފޯރުކޮށްދީ، މުސްކުޅި އުމުރުގައި ފަގީރު ކަމުން ރައްޔިތުން ސަލާމަތް ކުރުމެވެ.

ރާއްޖޭގެ އާބާދީ އަކީ މި ވަގުތު ޒުވާން އާބާދީއަކަށް ވުމުން ޕެންޝަން ފޯރުކޮށްދޭންޖެހޭ ރިޓަޔަރީންގެ ނިސްބަތް، މަސައްކަތް ކުރާ އުމުރުގެ މީހުންނާ އަޅާބަލާއިރު ދަށެވެ. އެހެންކަމުން ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ޕެންޝަނާ އިނާޔަތްތައް ދިނުން ބެލެވެނީ މި ވަގުތަށް ކުޑަކަމެއްގެ ގޮތުގަ އެވެ. ނަމަވެސް މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވިދާނެ ކަމެއްތޯ ސުވާލުކޮށްލުން މުހިންމެވެ. ޕެންޝަން އޮފީހުގެ ހިސާބުތަކުން، ލަފާކުރެވޭ ގޮތުގައި 2050 ވަނަ އަހަރު ރާއްޖޭގައި ރިޓަޔާ ކޮށްފައިވާ މީހުންގެ އަދަދު 88,000 އަރާނެ އެވެ. މި އަދަދަކީ އާބާދީގައި އޭރު މަސައްކަތްކުރާނެ ކަމަށް ލަފާކުރެވޭ ކޮންމެ ތިން މީހަކަށް ރިޓަޔާ ކޮށްފައިވާ އެކަކު ޖެހޭނެ ޢަދަދަކެވެ.

ވޯލްޑް ބޭންކްގެ ހިއުމަން ޑިވެލޮޕްމަންޓް ނެޓްވާކް ސޯޝަލް ޕްރޮޓެކްޝަން އެންޑް ލޭބަރ (އެޗްޑީއެންއެސްޕީ)ގެ ހިސާބުތައް ދައްކާގޮތުން، ރާއްޖެއަކީ މި ސަރަޙައްދުގެ ނިސްބަތުން ޕެންޝަނަށް އެންމެ ބޮޑަށް ޚަރަދުކުރާ ގައުމެވެ. ދިވެހިރާއްޖެއާ ބެހޭގޮތުން އދ. ގެ ޕޮޕިއުލޭޝަން ޑިވިޜަނުން ޢާންމުކޮށްފައިވާ ހިސާބުތަކާއި، ދައުލަތުން ދެމުންގެންދާ ޕެންޝަންތަކުގެ ތެރެއިން ހަމައެކަނި އަސާސީ ޕެންޝަނުގެ ގޮތުގައި 2050 ވަނަ އަހަރުގެ ނިޔަލަށް އެވްރެޖްކޮށް ކޮންމެ އަހަރަކަށް 1.3 ބިލިއަން ރުފިޔާ ކުރާނެ ހަރަދު ކުރާނެ ކަމަށް ލަފާކުރެވެ އެވެ. ޕެންޝަނުގެ ގޮތުގައި ކުރަންޖެހޭ ޚަރަދު މިގޮތަށް އިތުރުވެގެންދާއިރު މި ފައިސާ ހޯދާނެ ގޮތްތައް ދުރާލާއި ރާވައި ފައިސާ ރައްކާ ނުކުރެވިއްޖެނަމަ ދައުލަތުގެ ޚަރަދުގައި ދެވޭ ޕެންޝަންތައް ހުއްޓާލުން ނުވަތަ މިފައިސާ ހޯދުމަށްޓަކައި އިތުރު ޓެކްސްތައް ތައާރަފުކުރުން ފަދަ ކަންކަން ކުރަން ދައުލަތަށް މަޖުބޫރުވާނެ އެވެ.

ދެން އޮތީ މުސްކުޅިވުމުން މައިންބަފައިން ބަލާނީ ދަރިންކަމުގައި ކުރެވޭ ބަހުސެވެ. ދީނީ ގޮތުންނާއި ސަޤާފީ ގޮތުން ވެސް މިކަން އޮންނަންޖެހޭ ފުރިހަމަ ގޮތަކީ މި އެވެ. ނަމަވެސް ދެބަސްވެވެން ނެތް ހަޤީގަތަކީ ބާރު ދުވެލީގަ ރާއްޖެ ތަރައްޤީވަމުންދާ ދިއުމާއެކު ދިރިއުޅުމުގެ އާދަކާދަތަކަށް ވެސް ދަނީ ގިނަ ބަދަލުތަކެއް އަންނަމުން ކަމެވެ. މި ބަދަލުތަކާ އެކު ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި، އާމްދަނީ ހޯދުމަށް ކުރަންޖެހޭ މަސައްކަތް ބުރަވުމާއި، އެކި ބޭނުންތަކަށް ރަށްދޫކޮށް ހިޖުރަކުރަން ޖެހުމުގެ ސަބަބުން މުސްކުޅި މައިންބަފައިންނަށް އަޅާލެވޭ މިންވަރު ކުޑަވަމުންދާތަން ފެންނަލެއް މަދެއްނޫނެވެ. ފާއިތުވި ދެ އަހަރެއްގެ ތެރޭ، އަޅާލާނެ މީހަކު ނެތި ބިކަވެ ދައުލަތުގެ ބެލުމުގެ ދަށަށް މުސްކުޅި އުމުރުގެ މީހުން ގެންނަން ޖެހުނު ހާދިސާތަކަށް ބަލާލުމުން މިއީ އަޅާނުލައި ދޫކޮށްލެވޭ ވަރަށްވުރެ ބޮޑު މައްސަލައެއްކަން ސާފުވެ އެވެ.

ކަން މިހެން އޮތުމާއެކު މުސްކުޅި އުމުރުގައި ދައުލަތަށް ނުވަތަ އާއިލާ އަށް ބަރޯސާވުމުގެ ވިސްނުން ދޫކޮށް އަބުރުވެރި ދިރިއުޅުމަކަށް ބޭނުންވާ މާލީ މިނިވަންކަން ކަށަވަރުކުރުމަށް ޒުވާން އުމުރުގައި، ޕެންޝަނަށް ފައިސާ ރައްކާ ކުރުން މުހިންމެވެ. މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމަކީ މިކަމަށް ޚާއްސަކޮށްގެން ތަޢާރަފު ކުރެވިފައިވާ ސްކީމަކަށް ވުމުން, ސްކީމު ހިންގުމަށް ކަނޑައެޅިފައިވާ ގަވާއިދުތަކާއި އުޞޫލުތަކަކީ ދުރު މުސްތަގުބަލަށް ވިސްނައި ސްކީމު އުފެދުނު ބޭނުން ހާސިލުކުރެވޭނެހެން ކަނޑައެޅިފައިވާ އުސޫލުތަކެކެވެ.

މި އުސޫލުތަކުގެ ތެރޭގައި ހިމެނޭ، ޕެންޝަން ފައިސާ ޖަމާކުރުން މަޖުބޫރުކަމެއްގެ ގޮތުގައި އޮތުމާއި، ޕެންޝަން ލިބޭ އުމުރު ހަމަވުމުގެ ކުރިން އެކި ބޭނުންތަކަށް ފައިސާ ދޫކުރުން ވަކި ހުދޫދެއްގެ ތެރޭގައި ހިފެއްހެއްޓުން ފަދަ އުސޫލުތަކަކީ ޕެންޝަން ސްކީމް ހިންގައި ދެމެއްހެއްޓުމަށް ކޮންމެހެން ބޭނުންތެރި އުޞޫލުތަކެކެވެ. ސްކީމަށް ފައިސާ ޖަމާކުރުން މަޖުބޫރު ކުރެވިފައި އޮތުމުގެ ބޭނުމަކީ ވަޒީފާއަދާ ކުރާ ފަރާތުގެ އިތުރުން ވަޒީފާދޭ ފަރާތުގެ ބައިވެރިވުންވެސް މިކަމުގައި ހޯދައި، މުސްކުޅި އުމުރުގައި ވަޒީފާ ދޫކޮށް ދާމީހާ ހުސްއަތާ ގެއަށް ދާން ޖެހުނު ޖެހުން ހުއްޓުމަކަށް ގެނައުމެވެ. މީގެ ނަތީޖާއަކަށް ވެގެން ދިޔައީ ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރކުރާ މީހުންނެކޭ އެއްފަދައިން ޕްރައިވެޓް ސެކްޓަރުގެ އެންމެ އާދައިގެ ވަޒީފާއަދާ ކުރާ މީހާ އަށް ވެސް ޕެންޝަން ލިބޭނެ މަގު ހަމަޖެހިގެން ދިއުމެވެ.

މިއަދު، މުވައްޒަފެއްގެ ރިޓަޔަމަންޓް ޕެންޝަން ސްކީމަށް މަހަކު އެ މީހެއް މުސާރައިގެ ހަތް ޕަސެންޓް ޖަމާކުރަމުން ގެންދާއިރު އެއާ އެއްވަރުގެ އަދަދެއް ވަޒީފާ ދޭ ފަރާތުން ވެސް ޖަމާކުރެ އެވެ. އަދި މި ފައިސާ އިންވެސްޓްކޮށް އިންވެސްޓްމަންޓުތަކުން ލިބޭ ފައިދާ މެންބަރުންގެ މެދުގައި ބަހައި، އެ މެންބަރެއްގެ އެކައުންޓުގެ ބައެއްގެ ގޮތުގައި ހަމަޖެހިގެންދެ އެވެ.

ދެން އޮތީ އާސާސީ މުސާރައިގެ ޕަސެންޓް މުސާރައިން އުނިކުރެވޭ އުނިކުރުމުގެ ވާހަކަ އެވެ. މިއީ ވެސް ދުރާލައި ދިރާސާކުރެވި ވަކިބޭނުމަކަށް ހަމަޖައްސާފައިވާ އަދަދެކެވެ. ރިޓަޔަމަންޓް ޕެންޝަން ސްކީމު މިހާރު ފަރުމާކުރެފައި އޮތްގޮތުން ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި މަހަކު ދައްކާ މުވައްޒަފުގެ އަސާސީ މުސާރައިގެ 14 ޕަސެންޓަކީ 20 އަހަރުގެ މުއްދަތަށް ކޮންޓްރިބިއުޝަން ދެއްކުމުން ރިޓަޔަކުރާއިރު އެ މީހަކަށް ލިބެމުންދާ މުސާރައިގެ ދެބައިކުޅަ އެއްބަޔާއި އެއްވަރުގެ އަދަދެއް ޕެންޝަންގެ ގޮތުގައި ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ރައްކާކުރުމަށް ބޭނުންވާ އަދަދެވެ. މި ފައިސާ ރައްކާކުރުމުގެ ބޭނުމަކީ މަސައްކަތް ކުރަމުން ދިޔައިރު ދިރިއުޅުމުގެ ފެންވަރާއި ދާދި އެއް ހަމައެއްގައި ރިޓަޔާ ކުރުމަށްފަހު ވެސް ދިރިއުޅުމުގެ ފެންވަރު ހިފެހެއްޓުމަށް މަސައްކަތް ކުރުމެވެ. ސްކީމަށް ޖަމާކުރެވޭ ފައިސާ ދޫކުރުމުގައި އަމަލުކުރެވޭ އުޞޫލަކީ ސްކީމާމެދެ އެންމެ ގިނަބަޔަކު ނުރުހުން ފާޅުކުރަމުންދާ އެއްސަބަބެވެ. ނަމަވެސް، ސްކީމުން ފައިސާ ދޫކުރުމަށް މިހާރު ހެދިފައިވާ އުޞޫލުތަކަކީ މިސްކީމު ތަރާރުފު ކުރެވުނު ބޭނުން ކަމުގައިވާ ޕެންޝަން ފޯރުކޮށްދިނުމަށް ބުރޫނާރާނެ ފަދަގޮތަކަށް ސްކީމު ކުރިޔަށް ގެންދިއުމަށް ހެދިފައިވާ އުޞޫލުތަކެކެވެ. މިގޮތުން ބަލާއިރު، ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ޖަމާކުރެވޭ ފައިސާ ބިނާވެގެންދަނީ ސްކީމަށް ފައިސާ ޖަމާކުރާ މުއްދަތާއި އަސާސީ މުސާރަ އަދި އިންވެސްޓްމަންޓުގެ ނަތީޖާއާ އިންވެސްޓް ކުރެވޭ މުއްދަތަށެވެ. ސްކީމަށް ފައިސާ ޖަމާކުރާ މުއްދަތާއި އަސާސީ މުސާރަ އަދި އިންވެސްޓްމަންޓުގެ ނަތީޖާ ރަގަޅު ވުމާއި އިންވެސްޓް ކުރެވޭ މުއްދަތު ދިގުވި ވަރަކަށް ޕެންޝަންގެ ގޮތުގައި ރައްކާ ކުރެވޭ އަދަދު އިތުރުވާނެ އެވެ. ޕެންޝަން ލިބޭ އުމުރު ހަމަވުމުގެ ކުރިން ފަންޑަށް ޖަމާކުރާ ފައިސާ އެކި ބޭނުންތަކަށް ނަގާނަމަ ފަންޑުން އުނިވެގެންދާ ބައިގެ އިތުރުން އިންވެސްޓް ކުރަން ލިބޭ އަދާދާއި ފުރުސަތު ކުޑަވެ ޕެންޝަނަށް ރައްކާކުރެވޭ އަދަދު ވަރަށް ބޮޑަށް ދަށްވެގެންދެ އެވެ. އަދި ރިޓަޔަކުރުމަށްފަހު އުމުރުގެ ބާކީބައިގައި ޕެންޝަންގެ ގޮތުގައި އެކަށީގެންވާ އަދަދެއް ފޯރުކޮށްދެވޭ ވަރަށް ފައިސާ ރައްކާކުރުމުގެ ފުރުސަތު ގެއްލިގެންދެ އެވެ.

ކަންމިހެން އޮތުމާއެކު ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ޖަމާކުރެވޭ ފައިސާ ތަފާތު އެކި ބޭނުންތަކަށް ބޭނުން ކުރުމުގައި ޕެންޝަން ފޯރުކޮށްދިނުމަށް ބުރޫ ނާރާނެ ގޮތަކަށް އެކަންކަން ހަމަޖައްސަމުން ދިއުމަކީ ރާއްޖޭގެ ޕެންޝަން ނިޒާމު ފުރިހަމަގޮތެއްގައި ކުރިޔަށް ގެންދިއުމަށް މުހިންމު ކަމެކެވެ.