Roadha Mihaaru
"ރެލިގޭޝަނުގައި ހަމަހަމަ ފުރުސަތެއް އޮންނަން ޖެހޭ"

ރެލިގޭޝަނުގައި ހަމަހަމަ ފުރުސަތެއް އޮންނަން ޖެހޭ: ފޯކައިދޫ

13 ޖޫން 2019

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހުރިހާ ޓީމަކަށް ވެސް ރެލިގޭޓްވުމުގައި އޮންނަން ޖެހޭނީ ހަމަހަަމަ ފުރުސަތެއް ކަމަށް ށ. ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހުރިހާ ޓީމަކަށް ވެސް ރެލިގޭޓްވުމުގައި އޮންނަން ޖެހޭނީ ހަމަހަަމަ ފުރުސަތެއް ކަމަށް ށ. ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނެފި އެވެ.

މިދިޔަ އަހަރު އެފްއޭއެމުން ފުޓްބޯޅަ ފޯމެޓަށް ގެނައި ބަދަލުގެ ތެރެއިން މިނިވަން ޗެމްޕިއަންޝިިޕްގެ ގަދަ ހަތަރު ޓީމަށް ޕްރިމިއާ ލީގުން ފުރުސަތު ދިނެވެ. އޭގެ ތެރެއިން ދެ ޓީމެއް މިދިޔަ އަހަރުގެ ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ ފުލަށް ދިއުމުން ވަނީ މުބާރާތާ ވަކިވެފަ އެވެ. އެއީ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ތ. ތިމަރަފުށްޓާއި ސެމީގައި ކުޅުނު ބ. ފެހެންދޫ އެވެ. މި އަހަރުގެ ޕްރިމިއާ ލީގުން ފުރުސަތު ލިބުނީ މިދިޔަ އަހަރުގެ ޕްރިމިއާ ލީގުގެ ގަދަ އަށް ޓީމު ތެރޭގައި ހިމެނުނު ފޯކައިދޫ އާއި ފ. ނިލަންދޫ އަށެވެ.

ފޯމެޓް މިހާރު އޮތްގޮތުން މި އަހަރު ޕްރިމިއާ ލީގުގައި ކުޅުނު ނަމަވެސް ލީގު ނިމޭއިރު ނަތީޖާ ނުކުންނަ ގޮތަކުން ފޯކައިދޫ އާއި ނިލަންދޫ އަލުން ކުޅެން ޖެހޭނީ މިނިވަން ޗެމްޕިއަންޝިޕްގަ އެވެ. ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކާއި މިނިވަން ޗެމްޕިއަންޝިޕުން އަންނަ ޓީމުތައް އެ މުބާރާތުގައި ވަކިވުމުގައި އޮންނަނީ ދެ އުސޫލެކެވެ. ޕްރިމިއާ ލީގުން ވަކިވެއްޖެނަމަ މިނިވަން ޗެމްޕިއަންޝިޕް ޓީމުތައް އަލުން އެ މުބާރާތުގައި ކުޅެން ޖެހޭއިރު، ދެން އޮންނަ ފުރަތަމަ ޑިވިޝަނު ޓީމު ރެލިގޭޓްވެގެން ކުޅެން ޖެހޭނީ ދެ ވަނަ ޑިވިޝަނުގަ އެވެ.

ނިސްތާރު ބުނީ ޕްރިމިއާ ލީގުގައި ކުޅޭ ޓީމުތަކުން އެއް ގަވާއިދަކަށް އަމަލުކުރާއިރު ރެލިގޭޓްވުމުގައި ވެސް އެއް އުސޫލެއް އޮންނަން ޖެހޭ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"މިހާރު އިން ގޮތުން ވެއްޖިއްޔާ އަޅުގަނޑުމެން މި ޖެހެނީ އަނެއްކާ ވެސް މިނިވަން ޗެމްޕިއަންޝިޕް ކުޅެން. އެހެންވެއްޖިއްޔާ އެއްވެސް ޓީމެއް މި ލެވެލްގައެއް ޑިވެލޮޕެއް ނުވާނެ. ހަމަ ކޮންމެ އަހަރަކު ވެސް އާ ބަޔަކު އައިސް ހަޑި ހާވާފައި ދާނީ،" ކުރިން ޕްރިމިއާ ލީގުގައި އއ. މާޅޮހަށް ވެސް ކޯޗުކޮށްދިން ނިސްތާރު ބުންޏެވެ.

ފާއިތުވި ދެ އަހަރަށް ބަލާއިރު އެފްއޭއެމުން ކަލަންޑަރު ރާވާފައި އޮތްގޮތުން މާލޭ ލީގުން ކަޓާ ޓީމުތަކުގައި ހިމެނޭ ކުޅުންތެރިންނަށް ވަނީ އަހަރުގެ މެދުތެރެއިން ސީޒަން ނިމިފަ އެވެ. އޭގެ ސަބަބުން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ގެއްލުނެވެ. މި އަހަރުގެ ފުޓްބޯޅަ ކަލަންޑަރު އެކުލަވާލިއިރު މާލޭ ލީގު ވަނީ ކެންސަލްކޮށްފަ އެވެ. އެކަމަކު ޕްރިމިއާ ލީގުގައި ކުޅޭ ހުރިހާ ޓީމަކުން ކުޅުންތެރިންނާ އެއްބަސްވުން ހެދުމުގައި ގެންގުޅުނީ އެއް އުސޫލެކެވެ.

ނިސްތާރު ބުނީ މިދިޔަ އަހަރަށް ވުރެން ފޯކައިދޫ ޓީމު ވަރުގަދަ ކުރީ ޕްލޭނަކާ އެކު ކުރިއަށް ދިއުމުގެ ވިސްނުމުގައި ކަމަށާއި އެކަމަކު އެކަން ކުރެވޭނެ ޖާގައެއް ފުޓްބޯޅަ ފޯމެޓުން އަދި ނުފެންނަ ކަމަށެވެ.

"މި ފޯކައިދޫ ޓީމު ވަރުގަދަ މި ދިޔަ އަހަރަށް ވުރެ. މި އަހަރު މި ތައްޔާރުވީ ކުޅުންތެރިން ތިން އަހަރަށް ކޮންޓްރެކްޓްގައި ސޮއިކޮށްފައި. އެ ކުދިންނެއް ނުދާނެ މިނިވަން ޗެމްޕިއަންޝިޕް ކުޅޭކަށް. މި ފޯމެޓް އެބަޖެހޭ އިސްލާހުކުރަން ރަނގަޅުގޮތަކަށް. އޭރަށް ރަށްރަށުން އަންނަ ޓީމުތަކަށް އެއްވެސް މައްސަލައެއް ނުޖެހި ރަނގަޅަށް ކުޅެވޭނެ،" ކުރިން އީގަލްސް އާއި ބީޖީގައި ވެސް މަސައްކަތްކުރި ނިސްތާރު ބުންޏެވެ.

ޗެރިޓީ ޝީލްޑް މެޗުގެ ދެ ވަނަ ލެގަށް ނުކުތް ފޯކައިދޫ ޓީމު. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޗެރިޓީ ޝީލްޑް މެޗުގެ ދެ ވަނަ ލެގަށް ނުކުތް ފޯކައިދޫ ޓީމު. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެ އަހަރު ވަންދެން ރަނގަޅު މަސައްކަތްތަކެއް ކުރުމަށް ފަހު ފޯމެޓް އޮންނަގޮތަކުން އަލުން މިނިވަން ޗެމްޕިއަންޝިޕަށް ދާން ޖެހިއްޖެނަމަ އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ނިސްތާރު ވަނީ ބުނެފަ އެވެ.

"ރެލިގޭޝަން އުސޫލެއް އެންމެނަށް އެއް ގޮތަކަށް އޮވެއްޖެނަމަ މި ފޯކައިދޫ ޓީމެއް ފިލައިގެން ނުދާނެ،" ނިސްތާރު ބުންޏެވެ.

އެފްއޭއެމުން މި ފަަހަރުގެ ފުޓްބޯޅަ ފޯމެޓަށް ގެނައި އަނެއް ބަދަަލަކީ ޗެރިޓީ ޝީލްޑް މެޗުގައި މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަނާއި ލީގު ޗެމްޕިއަން ދެ ލެގަށް ކުޅޭ ގޮތަށް ބަދަލުކުރުމެވެ. މިނިވަން ޗެމްޕިއަންޝިޕުން އިން ފުރުސަތު ޗެމްޕިއަން ތިމަރަފުށިން ދޫކޮށްލުމުން ލިބުނީ ރަނަރަޕް ފޯކައިދޫ އަށެވެ. ރާއްޖޭގެ ތާރީހުގައި ދެ ލެގަށް ކުޅުނު ފުރަތަމަ މެޗުން ޓީސީން ވަނީ 4-2 ގެ އެގްރިގޭޓް ނަތީޖާއަކުން ފޯކައިދޫގެ މައްޗަށް ކުރި ހޯދައި ފުރަތަމަ ފަހަރަށް ޝީލްޑް އުފުލާލައިފަ އެވެ.

ނިސްތާރު ބުނީ ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގަށް ބަލާއިރު ޝީލްޑް މެޗުން ކަންތައްތަކެއް ހާސިލްކުރެވިދާނެ ކަމަށެވެ.

"ވަރަށް ޕޮޒިޓިވް ފޯމެޓެއް (ހޯމް އެންޑް އަވޭ). ވަރަށް އެޕްރިޝިއޭޓްކުރަން އެފްއޭއެމުން ދިން މި ފުރުސަތަށް. އަސްލު ވަރަށް ރަނގަޅު ފުރުސަތެއް. މިހާރު އަޅުގަނޑުމެންނަށް އެބަ އަޑު އިވޭ ލީގު ވެސް ހޯމް އެންޑް އަވޭ ފޯމެޓަށް ކުޅެން. އެއީ ކުރަން ޖެހޭ ކަމެއް،" ނިސްތާރު ބުންޏެވެ.

ދެ އަހަރަށް ކުރިއަށްދާ ފޯމެޓަކަށް ރާއްޖޭގެ ފުޓްބޯޅަ ސީޒަން ބަދަލުކޮށްގެން އެފްއޭއެމުން މާދަމާ ޕްރިމިއާ ލީގު ފަށާއިރު ފުރަތަމަ މެޗުގައި މާދަމާރޭ ފ. ނިލަންދޫ ބައްދަލުކުރާނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ އެވެ. ދަ ގްރާންޑޭ އަކީ މިދިޔަ އަހަރުގެ ދެ ވަނަ ޑިވިޝަން ކާމިޔާބުކޮށް މި ފަހަރުގެ ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ޓީމެކެވެ.