Roadha Mihaaru
ޗެރިޓީ ޝީލްޑް މެޗަށް ދަތުރުފަތުރުގެ އުނދަގޫތަކެއް

ޗެރިޓީ ޝީލްޑް މެޗަށް ދަތުރުފަތުރުގެ އުނދަގޫތަކެއް

09 ޖޫން 2019

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން މި ފަހަރުގެ އެފްއޭ ޗެރިޓީ ޝީލްޑް މެޗު ދެ ލެގަށް ކުޅޭ ގޮތަށް ބަދަލުކޮށް އެއް މެޗު އަތޮޅުތެރޭގައި ކުޅޭ ގޮތަށް ބަދަލުކުރުމުން ވަރަށް ގިނަ ބަޔަކު އެ ނިންމުމަށް މަރުހަބާ ކިޔެވެ. އެއީ ހޯމް އެންޑް އަވޭ ސިސްޓަމަށް ރާއްޖޭގެ ފުޓްބޯޅަ ބައްޓަންކުރެވޭނެ ކަމުގެ އުއްމީދު އާ ވުމުންނެވެ. އަދި ރާއްޖޭގެ ފުޓްބޯޅަ ތާރީހުގައި އަތޮޅުތެރޭގައި ފުރަތަމަ ފަހަރަށް ސީޒަން ހުޅުވާ މެޗު ކުޅޭ ގޮތަށް ރޭވުމުން ފުޓްބޯޅަ ފޯރިއަށް އޭގެ ސަބަބުން ފައިދާތަކެއް ކުރާނެތީ އެވެ. އެކަމަކު ދެ ޓީމަށް ވެސް މި މެޗަށް ދިއުމުގައި ދިމާވާ އެއް މައްސަލަ އަކީ ދަތުރުފަތުރުގެ އުނދަގޫ ކަމެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ށ. ފޯކައިދޫގައި މިދިޔަ ހުކުރު ދުވަހު ކުޅުނު ޝީލްޑް މެޗުގެ ފުރަތަމަ ލެގު 1-1 އިން ނިމުނުއިރު، އެ މެޗަށް ފޯކައިދޫ ޓީމު ރަށަށް ދިޔައީ މި މަހު އެއް ވަނަ ދުވަހު އެވެ. މި ދުވަސްވަރު މޫސުން ގޯސްވެފައިވާތީ އެފްއޭއެމްގެ ހަރަދުގައި ގިނަ ގޮންޖެހުންތަކަށް ފަހު ޓީސީ އަށް ދެވޭގޮތްވީ ފުރަތަމަ ލެގުގެ މެޗު ފެށެން އެއް ދުވަހަށް ވެފައި ވަނިކޮށެވެ. ޓީސީން ބޭނުންވި ތާރީހުގައި ނުދެވުމުން އެ ޓީމަށް ތައްޔާރީތަކުގައި މައްސަލަތައް ދިމާވި އެވެ. ޓީސީން ފޯކައިދޫ އަށް ދިޔައީ މަތިން ހދ. ހަނިމާދޫ އަށް ދިއުމަށް ފަހު ކަނޑުގެ މަގުންނެވެ.

ޗެރިޓީ ޝީލްޑް މެޗުގެ ދެ ވަނަ ލެގުގެ މާދަމާރޭ ގަލޮޅު ދަނޑުގައި ކުޅޭ ގޮތަށް ކުރިން ހަމަޖެހިފައިއޮތްއިރު، ފޯކައިދޫ އަށް ވަނީ ދަތުރުފަތުރުކުރުމުގެ މައްސަލަތައް ދިމާވެފަ އެވެ. މިއަދު ހެނދުނު ފޯކައިދޫން ހަނިމާދު އަށް ގޮސް މާލެ އަންނަ ގޮތަށް ހަމަޖެހިފައި އޮތްއިރު، މޫސުން ހުރިގޮތުން ދަތުރުކުރުމުގައިވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ. އެހެންވެ، އެފްއޭއެމުން މިހާރު ވަނީ ޗެރިޓީ ޝީލްޑް މެޗު އަންގާރަ ދުވަހުގެ ރެޔަށް ފަސްކޮށްފަ އެވެ.

ފޯކައިދޫ ޓީމުގެ ޖެނެރެލް ސެކްރެޓަރީ މުހައްމަދު ރާޝިދު ބުނީ މޫސުން ގޯސްވެފައިވާތީ މިއަދު ފޯކައިދޫ ޓީމުގެ ބައެއް ކުޅުންތެރިންނަށް ދެވޭނެ މަގެއް ނެތް ކަމަށެވެ.

ޗެރިޓީ ޝީލްޑް މެޗުގެ ފުރަތަމަ ލެގުގެ ތެރެއިން ފޯކައިދޫގެ އޮގީ (ކ) ޓީސީގެ އީސަ ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ. -- ފޮޓޯ: ފޯކައިދޫ އެފްސީ

ޗެރިޓީ ޝީލްޑް މެޗުގެ ފުރަތަމަ ލެގުގެ ތެރެއިން ފޯކައިދޫގެ އޮގީ (ކ) ޓީސީގެ އީސަ ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ. -- ފޮޓޯ: ފޯކައިދޫ އެފްސީ

"ވައި ގަދަވެ މޫސުން ގޯސްކޮށް އޮތީމަ ދަތުރުކުރެވޭނެ ގޮތެއް ނެތް. މިއަދު ހެނދުނު ހަނިމާދޫން މާލެ އަށް ދާ ގޮތަށް އޮތީ. ޓީމުގެ އޮފިޝަލުންނާއި ކުޅުންތެރިންގެ ތެރެއިން 18 މީހުން މިހާރު ގޮސްފި ހަނިމާދު އަށް. އެކަމަކު އަދިވެސް 15 މީހުންނަށް (އޮފިޝަލުންނާއި ކުޅުންތެރިން) ދެވޭނެ ގޮތެއް ނެތް. ހަނިމާދުއާ ހަމައަށް ލޯންޗެއްގެ އިންތިޒާމު ވެސް ހަމަޖައްސަން އުނދަގޫ މޫސުން އޮތްގޮތުން،" ރާޝިދު ބުންޏެވެ.

އެފްއޭއެމުން އެންމެ ފަހުން ފުރަތަމަ ޑިވިޝަންގެ ޓީމުތައް ކުޅޭ މުބާރާތެއް މާލޭން ބޭރުގައި ބޭއްވީ 2015 ވަނަ އަހަރު ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވުމާ ގުޅިގެންނެވެ. އެ ފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ މެޗުތައް ކުރިއަށް ދިޔައީ ހދ. ކުޅުދުއްފުށީގެ އިތުރުން ސ. ހިތަދޫގަ އެވެ.

ހޯމް އެންޑް އަވޭ ސިސްޓަމަށް ދިވެހި ފުޓްބޯޅަ ބަދަލުކުރުމަކީ އެފްއޭއެމްގެ ދުރު ވިސްނުމުގެ ޕްލޭނުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ޗެރިޓީ ޝީލްޑް މެޗު ދެ ލެގަށް ބަދަލުކުރުމަކީ އޭގެ ފެށުމެއް ކަމަށް ދާދި ފަހުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ވިދާޅުވެފަ އެވެ. އެކަމަށް މަސައްކަތްކުރުމުގެ ގޮތުން އެފްއޭއެމުން މީގެ ކުރިން ވަނީ އަތޮޅުތެރޭގެ 18 ރަށެއްގައި ނެޗުރަލް ގްރާސް ދަނޑުތަކެއް އަޅަން އިއުލާނުކޮށްފަ އެވެ. އެކަމަކު އެ މަސައްކަތަށް ކުރިއެރުން ލިބޭނެ މަގެއް އަދި ނުފެނެ އެވެ.

ރަށްރަށުގެ ޓީމުތަކުން މާލެ އައިސް މެޗުތައް ކުޅުމުގައި މީގެ ކުރިން ވެސް ދިމާވި އެންމެ ބޮޑު މައްސަަލަ އަކީ ދަތުރުކޮށްފައި އައިސް މާލޭގައި މެޗު ކުޅުމަށް ދިމާވާ ދަތިތަކެވެ. އެ ގޮތުން މިދިޔަ އަހަރު ޕްރިމިއާ ލީގުގައި ކުޅުނު ފ. ނިލަންދޫ ޓީމަށާއި ބ. ފެހެންދޫ ޓީމުގެ އިތުރުން މީގެ ކުރިން ފުރަތަމަ ޑިވިޝަނުގައި ވާދަކުރި މަހިބަދޫ ސްޕޯޓްސް ކްލަބަށް ވެސް އެ މައްސަލަތައް ދިމާވި އެވެ. ރަށްރަށުގެ ޓީމުތައް ފުރަތަމަ ޑިވިޝަނުގައި ކުޅޭނެމަ މިހާރު ހާލަތު އޮތްގޮތުން ހައްލެއް ހޯދުން އެންމެ މުހިއްމު ކަމަކީ ދަތުރު ފަތުރުގެ ކަންތައްތައް ކަަމަށް ތަޖުރިބާކާރުން ދެކެ އެވެ.