Roadha Mihaaru
ޓީސީ އާއި ފޯކައިދޫ އަށް ޕޮޮއިންޓެއް

ޓީސީ އާއި ފޯކައިދޫ އަށް ޕޮޮއިންޓެއް

23 ސެޕްޓެމްބަރ 2019

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާއި ށ، ފޯކައިދޫ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެ ދެ ޓީމު ވެސް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާއި ށ، ފޯކައިދޫ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެ ދެ ޓީމު ވެސް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.

މި މެޗުން އެއްވަރުވުމުން ލީގުގެ ތިން ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު ޓީސީ އަށް ވަނީ ގެއްލިފަ އެވެ. ލީގުގެ ހަތަރު ވަނައިގައި ޓީސީ އޮތީ އަށް މެޗުން ލިބުނު 13 ޕޮއިންޓާ އެކު އެވެ. ފުރަތަމަ ބުރު ނިމޭއިރު ޓީސީ އޮންނަ މަގާމެއް އެނގޭނީ ލީގުގައި މާދަމާރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް ބައްދަލުކުރަން ޖެހޭ މެޗުންނެވެ.

މިރޭގެ މެޗަށް ނުކުތްއިރު ފޯކައިދޫ އާއި ޓީސީ ވެސް އޮތީ މާލީ މައްސަލަތަކުގެ ސަބަބުން އުނދަގޫ ހާލަތެއްގަ އެވެ. ޓީސީގެ ކޯޗު މުހައްމަދު އާތިފް (އާތީ) އެ ޓީމުން ވަކިވެފައިވާއިރު، ޓީމަށް އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު އަހުސަން ރަޝީދެވެ. މުސާރަ މައްސަލައިގައި ގޯލްކީޕަރު އިމްރާން މުހައްމަދު ޓީސީގެ ފަރިތަކުރުންތަކުގައި ބައިވެރިނުވާއިރު، މިރޭގެ މެޗުގައި އެ ޓީމުގެ ގޯލު ބެލެހެއްޓީ މިދިޔަ އަހަރު އެ ޓީމުގެ ގޯލުން ފެނުނު އިބްރާހިމް ނަދީމް (ރިކޫ) އެވެ. އަދި ސަސްޕެންޝަނުގެ ސަބަބުން ޓީސީގެ ޑިފެންޑަރު އަކުރަމް އަބްދުލްގަނީ (އަކޫ) މި މެޗުގައި ނުކުޅެ އެވެ.

މެޗު ފަށައިގެން ދެ ޓީމުން ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރަމުން ދިޔައިރު، މެޗުގެ 11 ވަނަ މިނިޓްގައި ފޯކައިދޫގެ ކެޕްޓަން ހުސެއިން ފަޒީލް ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ މިނިޓެއް ފަހުން ޓީސީގެ އިބްރާހިމް އައިސަމް އޭރިއާ ރޮނގުކައިރިން ލިބުނު ފުރުސަތުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ފޯކައިދޫ އަށް ލީޑުނަގައިދޭން މެޗުގެ 14 ވަނަ މިނިޓްގައި މިސްރުގެ ވިންގް މުސްތަފާ ސެޑިކް ޖެހި ބޯޅަ ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ.

ޓީސީ އަށް ލީޑުނަގައިދިނީ މެޗުގެ 34 ވަނަ މިނިޓްގައި އައިސަމް އެވެ. ލިބުނު ކޯނަރަކުން އިބްރާހިމް އަތީގް (އިއްބެ) ހުރަސްކޮށްލި ބޯޅަ އައިސަމް ބޮލުން ފޮނުވާލުމުން ގޯލަށް ވަނީ ފޯކައިދޫގެ ކުޅުންތެރިއަކު ގައިގައި ޖެހިފަ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ފޯކައިދު އަށް އެއްވަރުކޮށްދޭން އެ ޓީމުގެ މުހައްމަދު ޖައިލަމް (އޮގީ) ގިނަ އެޓޭކްތަކެއް ކުރެވޭތޯ މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބެއްނުވި އެވެ.

ދެ ވަނަ ހާފް ފަށައިގެން މެޗުގެ 55 ވަނަ މިނިޓްގައި ޓީސީ އަށް ލީޑުފުޅާކޮށްދޭން ނޭޕާލުގެ ފޯވާޑް ބިމާލް ގާތީ މަގަރަށް ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ނުހިފުނެވެ. މުޅިން ހުސްކޮށް ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ބިމާލް ޖެހި ބޯޅަ ފޯކައިދޫގެ ޕާކިސްތާން ކީޕަރު ހަނީފް ސާގިބް ވަނީ މަތަކޮށްފަ އެެވެ. އޭގެ ހަތަރު މިނިޓް ފަހުން ފޯކައިދޫ އަށް އެއްވަރުކޮށްދިނީ ސެޑިކް އެވެ. ކީޕަރު ރިކޫ ކައިރިން ނައްޓާލުމަށް ފަހު ސެޑިކް ވަނީ ގޯލުގެ ރޮނގުކައިރީގައި ތިބި ޓީސީގެ ޑިފެންޑަރުން ބޯމަތިން ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

ޓީސީ އަށް އަލުން ލީޑުނަގައިދޭން މެޗުގެ 75 ވަނަ މިނިޓްގައި މުހައްމަދު ސާމިރު ޖެހި ބޯޅަ ކީޕަރު ސާގިބް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އިބްރާހިމް ޝަފްރާޒް (ޝަފްލޭ) ޖެހި ބޯޅައެއް އަމާޒުވީ ހުރަސްދަނޑިއަށެވެ.

މެޗަށް ފަހު ޓީސީގެ މެނޭޖަރު މުހައްމަދު އަބީރު ބުނީ ލީގަށް ވާދަކުރަން ބަލާއިރު މި މެޗުން ޓީސީ އަތުން ގެއްލުނީ މުހިއްމު ދެ ޕޮއިންޓު ކަމަށާއި ލީގުގެ ދެ ވަނަ ބުރަށް ނުކުންނައިރު، އެ ޓީމަށް ދިމާވެފައިވާ މާލީ މައްސަލަތަކަށް ހައްލެއް ގެނައުމަށް މަސައްކަތްކުރާނެ ކަމަށެވެ.

ފުރަތަމަ ބުރު ނިމުނުއިރު ފޯކައިދޫ އަށް އަށް މެޗުން ލިބުނު ނުވަ ޕޮއިންޓާ އެކީ އެ ޓީމު އޮތީ ލީގުގެ ހަ ވަނައިގަ އެވެ. ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު ބުނީ ވަރުގަދަ ޓީމުތަކާ އަބަދު އެއްވަރުކޮށްލައިގެން ފަރުޖައްސާލެވެން ނެތް ކަމަށާއި ލީގު ތާވަލުގެ ކުރިއަށް އަރާނަމަ މިހެން ލިބޭ މެޗުތަކުގައި މޮޅުވާން ވެސް ޖެހޭ ކަމަށެވެ.

ނިސްތާރު ވަނީ މިރޭގެ މެޗުގެ ރެފްރީ ހުސެއިން ސިނާންގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ނިސްތާރު ބުނީ ރެފްރީ ސިނާނާ ބެހޭގޮތުން އެފްއޭ އަށް މީގެ ކުރިން ވެސް މައްސަލަ ހުށަހަޅާފައިވާނެ ކަމަށާއި ގިނަ ނިންމުންތައް ގަސްދުގައި ފޯކައިދުއާ ދެކޮޅަށް ގޮސްފައި އެބަހުރި ކަމަށެވެ. އޭނާ މިރޭ ފާހަގަކުރީ ރީނދޫ ކާޑެއް ދައްކާފައިވަނިކޮށް ޓީސީގެ އަހުމަދު ރިލްވާން (ބެން) ފައުލެއް ކުރުމުން ވެސް އޭނާ އަށް ދެ ވަނަ ރީނދޫ ކާޑެއް ނުދެއްކުމުންނެވެ،