Roadha Mihaaru
ފޯކައިދޫ ބަލިކޮށް ޓީސީން ޝީލްޑް ކާމިޔާބުކޮށްފި

ފޯކައިދޫ ބަލިކޮށް ޓީސީން ޝީލްޑް ކާމިޔާބުކޮށްފި

12 ޖޫން 2019

މިނިވަން ޗެމްޕިއަންޝިޕްގެ ރަނަރަޕް ށ. ފޯކައިދޫ 3-1 އިން ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބުން ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މިނިވަން ޗެމްޕިއަންޝިޕްގެ ރަނަރަޕް ށ. ފޯކައިދޫ 3-1 އިން ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބުން ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފި އެވެ.

ރާއްޖޭގެ ފުޓްބޯޅަ ތާރީހުގައި ފުރަތަމަ ފަހަރަށް ހޯމް އެންޑް އަވޭ އުސޫލުން ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ހުކުރު ދުވަހު ފޯކައިދޫ ދަނޑުގައި ޓީސީއާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ޓީސީން އެގްރިގޭޓަށް ބަލާއިރު ކުރިހޯދީ 4-2 ގެ ނަތީޖާއަކުންނެވެ.

ޓީސީ އަކީ 2009 ވަނަ އަހަރު ކަޕް ވިނާސް ކަޕްގެ ބަދަލުގައި ކުޅެން ފެށި ޗެރިޓީ ޝީލްޑް ކާމިޔާބުކުރި ފަސް ވަނަ ޓީމެވެ. މީގެ ކުރިން ވެލެންސިއާ، ވީބީ އައްޑޫ އެފްސީ، ނިއު ރޭޑިއަންޓް އަދި މާޒިޔާ އިން ވަނީ ޝީލްޑް އުފުލާލައިފަ އެވެ. މިދިޔަ އަހަރު އެފްއޭއެމުން ޝީލްޑް މެޗު ނުބާއްވަ އެވެ.

ކުރީގެ ކްލަބުން ރިލީޒް ނުލިބޭތީ ފުރަތަމަ މެޗުގައި ނުކުޅެވުނު ފޯކައިދޫގެ ޕާކިސްތާން ގޯލްކީޕަރު ހަނީފް ސާގިބާއި މިސްރު މިޑްފީލްޑަރު ހަލީލް ޖަމާލް މިރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ކުޅުނެވެ. އަނެއްކޮޅުން ޓީސީގެ ފުރަތަމަ އެގާރަ އަށް ގެނައި ހަމައެކަނި ބަދަަލަކީ އާދަމް އިޝާމް (ސަން)ގެ ބަދަލުގައި މުހައްމަދު އައްޒާމް އެރުމެވެ. ރިލީޒް ނުލިބޭތީ ޓީސީގެ މިސްރު ޑިފެންޑަރު އަލާ ނާސިރު މި މެޗުގައި ވެސް ނުކުޅެ އެވެ.

މެޗު ފަށައިގެން ފޯކައިދޫ އިން ކުރިއަށް ޖެހިގެން ޓީސީ ހާފްތެރޭގައި ގިނަ ވަގުތު ކުޅުނެވެ. ފަސް ވަނަ މިނިޓްގައި އޭރިއާތެރެއިން ފޯކައިދޫގެ ހަސަން ނަޒީމް (ޗޯޓު) ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ފުރަތަމަ 20 މިނިޓަށް ފަހުން ޓީސީން މެޗުގެ ތެރެއަށް ވަދެ ރަނގަޅަށް ކުޅެން ފެށި އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 26 ވަނަ މިނިޓްގައި ޓީސީގެ އިބްރާހިމް އައިޝަމް ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. ނޭޕާލުގެ ފޯވާޑް ބިމަލް ގާތީ މަގަރް ޖެހި ބޯޅަ ކީޕަރު ސާގިބް އަތުގައި ޖެހިފައި ނުކުތުމުން އައިޝަމް ވަނީ އެއް ފަހަރުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ޓީސީގެ އައިސަމް (ކ) ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓީސީގެ އައިސަމް (ކ) ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓީސީ އަށް ލީޑުފުޅާކޮށްދޭން މެޗުގެ 34 ވަނަ މިނިޓްގައި ބިމަލް އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އަބްދުލް ވާހިދު (ވާޑު) ހުސްކޮށްލާފައި ބިމަލް އަށް ދިން ބޯޅަ ފޯކައިދޫގެ ދެ ކުޅުންތެރިން ކައިރިން ނާއްޓާލުމަށް ފަހު ބިމަލް ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ ފަހުން މުހައްމަދު ސާމިރު ފޮނުވާލި ދެ ހަމާލާއެއް ދިޔައީ ގޯލާ ސީދާނުވެ އެވެ.

ދެ ވަނަ ހާފް ފަށައިގެން ފޯކައިދޫން ރަނގަޅަށް ކުޅެން ފެށި އެވެ. މެޗުގެ 53 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކުރަން އަންސަރު އިބްރާހިމް (އަންކޮ) އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ޓީސީގެ އަކްރަމް އަބްދުލްގަނީ (އަކޫ) އަތުގައި އޭރިއާ ތެރެއިން ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީ އަންކޮ ފޮނުވާލުމުން އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

އޭގެ ތިން މިނިޓް ފަހުން ފޯކައިދޫ އަށް އެއްވަރުކޮށްދިނީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން އަލީ ޝާމިއު (މައިތޯ) އެވެ. ކުރިން ނިއު ރޭޑިއަންޓަށް ކުޅުނު މައިތޯ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ހުރަސްދަނޑީގައި ޖެހިފަ އެވެ.

ޓީސީން މެޗުގެ 63 ވަނަ މިނިޓްގައި އަލުން ލީޑުނަގަން ބިމަލް ޖެހި ބޯޅަ ކީޕަރު ސާގިބު ވަނީ މަތަކޮށްފަ އެވެ. އެކަމަކު އޭގެ ހަ މިނިޓް ފަހުން ބިމަލް ވަނީ ޓީސީ އަށް ލީޑުނަގައިދީފަ އެވެ. އީސަ ހުސްކޮށްލާފައި ދިން ބޯޅަ ބިމަލް ވަނީ ކީޕަރު ސާގިބު ކައިރިން ނައްޓާލުމަށް ފަހު ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ޓީސީ އަށް ތިން ވަނަ ލަނޑެއް ޖަހައިދޭން ބިމަލް އަށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އެކަމަކު މެޗުގެ 76 ވަނަ މިނިޓްގައި ބިމަލް ވަނީ ޓީސީގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ. މިސްރުގެ ވިންގް މުސްތަފާ ގަހަރަބާ ދިން ބޯޅަ ބިމަލް ވަނީ ހަމަޖެހިފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

މި މެޗު އެންމެ ފުރަތަމަ ކުޅެން ހަމަޖެހިފައި އޮތީ ރެ އެވެ. އެކަމަކު މޫސުން ގޯސްވުމުގެ ސަބަބުން ފޯކައިދޫ ޓީމަށް ދަތުރުކުރެވޭގޮތް ނުވުމުން މެޗު މިރެ އަށް ފަސްކުރީ އެވެ. ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ އެންމެ ބޮޑު މައްސަލަ އަކަށް ދިމާވީ އަމިއްލަ ދަނޑުގައި ކުޅުނު ލެގުގެ އެޑްވާންޓޭޖް ނުނެގުން ކަމަށެވެ. އަދި ޓީމު މިއަދު ހަމަވިއިރު އެންމެ ރަނގަޅަށް ތައްޔާރުނުވެވުނު ކަމަށާއި މެޗުގެ ފަހު ކޮޅަށް ދިޔައިރު އެ މައްސަލަތައް ފެނިގެންދިޔަ ކަމަށް ބުންޏެވެ.

ފޯކައިދޫގެ ހަސީބު (ކ) ކައިރިން ޓީސީގެ ބިމަލް ބޯޅަ ހިފައިގެންދަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފޯކައިދޫގެ ހަސީބު (ކ) ކައިރިން ޓީސީގެ ބިމަލް ބޯޅަ ހިފައިގެންދަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިދިޔަ އަހަރު ޓީސީ އަށް ލީގު ކާމިޔާބު ކޮށްދިން ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) މި ސީޒަނުގައި އެ ޓީމާ ވަކިވެފައިވާއިރު، ޓީސީ އަށް އިރުޝާދުދެނީ ގައުމީ އަންހެން ޓީމުގެ ކުރީގެ ކޯޗު އަދި ގައުމީ ފިރިހެން ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު މުހައްމަދު އާތިފް (އާތީ) އެވެ. އާތީ ބުނީ ޓީސީ އަކީ ޗެމްޕިއަން ކަމަށާއި އެހެންވެ އެ ޓީމާ އެކު ފަށާއިރު ހުރި ޕްރެޝަރާ އެކު ވެސް ކާމިޔާބަކާ އެކު ފުރަތަމަ ފިޔަވަޅު އެޅުމަކީ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

މި ފަހަރުގެ ޝީލްޑް މެޗުގައި ކުޅުމުގެ ފުރުސަތު ފޯކައިދޫ އަށް ލިބުނީ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި ތ. ތިމަރަފުށިން ފުރުސަތު ދޫކޮށްލުމުންނެވެ. އެންމެ ފަހުން ޗެރިޓީ ޝީލްޑް އުފުލާލީ 2017 ވަނަ އަހަރު މާޒިޔާ އެވެ. އެ ފަހަރު މާޒިޔާ ވަނީ 1-0 އިން ވެލެންސިއާ ބަލިކޮށްފަ އެވެ.

ޗެރިޓީ ޝީލްޑް މެޗުން ލިބޭ ފައިސާ އަށް ފުޓްބޯޅައިގެ ސާމާނު ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ ފޯކައިދޫގެ ފުޓްބޯޅަ އެކެޑަމީ އަށެވެ. އެހެން އަހަރުތަކުގައި ޗެރިޓީ ޝީލްޑް މެޗުން ލިބޭ ފައިސާ ތަފާތު ޗެރިޓީ ޖަމިއްޔާތަކަށް ހަދިޔާކުރެ އެވެ. މެޗުން މޮޅުވާ ޓީމަކަށް ކުރިން 100،000ރ. ލިބޭއިރު ކުރިން އޮންނަ އުސޫލުގެ ދަށުން މީގެ ތެރެއިން 20،000ރ. ޗެރިޓީ އަކަށް ހަދިޔާކުރަން ޖެހެ އެވެ. އެކަމަކު އެންމެ ފަހުން 2017 ވަނަ އަހަރު ގެނައި ބަދަލާ އެކު ހުރިހާ ފައިސާއެއް ހަދިޔާކުރަން ޖެހޭނީ ޗެރިޓީ އަކަށެވެ. މާޒިޔާ އެ ފަަހަރު ފައިސާ ދިނީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނާއި ކުޑަކުދިންގެ ހިޔާ އަށެވެ.

މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގު ފަށާނީ އަންނަ ހުކުރު ދުވަހު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ފ. ނިލަންދޫ ސްޕޯޓްސް ކްލަބް ކުޅޭ މެޗުންނެވެ. ދަ ގްރާންޑޭ އަކީ މިދިޔަ އަހަރުގެ ދެ ވަނަ ޑިވިޝަން ކާމިޔާބުކޮށް މި ފަހަރުގެ ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ޓީމެކެވެ.