Roadha Mihaaru
ގައުމީ އިނާމަށް ނަންހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ގައުމީ އިނާމަށް ނަންހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

10 ޖޫން 2019

މި އަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ގައުމީ އިނާމާ ބެހޭ ކޮމިޓީން މިއަދު ހުޅުވާލައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މި އަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ގައުމީ އިނާމާ ބެހޭ ކޮމިޓީން މިއަދު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް އަމިއްލަ ފަރާތްތަކަށާއި ޖަމިއްޔާތަކަށް އަދި ކުންފުނިތަކަށް ވެސް އިނާމަށް ނަން ހުށަހެޅޭނެ އެވެ. ޖުމްލަ 33 ކެޓަގަރީއަކުން އިނާމް ދޭން ނިންމާފައިވާ އިރު، ވަކިވަކި ފަރުދުންގެ ނަން ހުށަހަޅާށާއި ކުންފުންޏެއް ނުވަތަ ޖަމައާތެއްގެ ނަން ހުށަހަޅަން ހާއްސަ ފޯމެއް ވެ އެވެ. މި ފޯމުތައް ރައީސް އޮފީހުންނާއި އެތަނުގެ ވެބްސައިޓުން ލިބޭނެ އެވެ. މި ފޯމުތައް ހުށަހަޅަން ހުޅުވާލާފައި ވަނީ އަންނަ މަހުގެ 31 ގެ މެންދުރު 2:00 ގެ ކުރިންނެވެ. ގައުމީ އިނާމާ ބެހޭ ކޮމިޓީއަށް އެޑްރެސްކޮށް މި އިނާމު ހުށަހަޅަން ޖެހޭނީ ރައީސް އޮފީހަށެވެ.

އާންމުކޮށް ޖުމްހޫރީ ދުވަހު ދޭ މި އިނާމު މި އަހަރުން ފެށިގެން ދޭން ފަށާނީ ގައުމީ ދުވަހު ކަމަށް ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވެ އެވެ. ރަބީއުލްއައްވަލް މަހުގެ އެއް ވަނަ ދުވަހު ފާހަގަކުރާ ގައުމީ ދުވަސް މި އަހަރު އަންނަނީ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހެވެ. މިއީ ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވި އައްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމްގެ ޒިކުރާ އާ ކުރުމަށް ފާހަގަކުރާ ދުވަހެކެވެ.

މި އިނާމު ގައުމީ ދުވަހު ދޭ ގޮތަށް ބަދަލުކުރީ، ގައުމީ އިނާމަކީ ގައުމަށް ތަފާތު އެކި ރޮނގުރޮނގުން ހިދުމަތް ކުރައްވާ ބޭފުޅުންގެ އަގު ވަޒަންކުރަން ދޭ އިނާމަކަށްވާތީ، މި އިނާމު ދިނުމަށް އެންމެ އެކަށީގެން ވަނީ ގައުމީ ދުވަސް ކަމަށްވާތީ ކަމަށް ރައީސް އޮފީހުން މީގެ ކުރިން ބުނެފައި ވެ އެވެ.

ރަސްމީ ސިފައެއްގައި ގައުމީ ދުވަސް ފާހަގަކުރާތާ 75 އަހަރުވީ ނަމަވެސް، ގައުމީ އިނާމު ދޭން ފެށީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ސަރުކާރުގައި 1979ގަ އެވެ. މިއީ ގައުމީ އިނާމުދެމުން އަންނަތާ 40 ވަނަ އަހަރެވެ.