Roadha Mihaaru
ދުނިޔެ ހޫނުވުން ކުޑަވޭތޯ ތިބެން ވަގުތެއް ނެތް: ޝާހިދު

ދުނިޔެ ހޫނުވުން ކުޑަކުރެވޭނެ ކަމުގެ އިންތިޒާރުގައި ތިބެން ވަގުތެއް ނެތް: ޝާހިދު

05 ޖޫން 2019

ދުނިޔެ މިހާރު ހޫނުވަމުންދާ މިންވަރަށް ހޫނުވާ ނަމަ ރާއްޖެ ފަދަ ގައުމުތައް ނެތިގެން ދާނެ ކަމަށާއި ހޫނުވާ މިންވަރު ކުޑަކުރެވޭނެ ކަމުގެ އުއްމީދުގައި އިންތިޒާރުގައި ތިބެވެން ނެތް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ދުނިޔެ މިހާރު ހޫނުވަމުންދާ މިންވަރަށް ހޫނުވާ ނަމަ ރާއްޖެ ފަދަ ގައުމުތައް ނެތިގެން ދާނެ ކަމަށާއި ހޫނުވާ މިންވަރު ކުޑަކުރެވޭނެ ކަމުގެ އުއްމީދުގައި އިންތިޒާރުގައި ތިބެވެން ނެތް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ދިމާކޮށް ޖަރުމަނުގެ ވެރިރަށް ބާލިންގައި ފެށި ކްލައިމެޓް ކޮންފަރެންސްގައި ރާއްޖޭ ތަމްސީލްކުރައްވަމުން ޝާހިދު ވިދާޅުވީ ދުނިޔެ ހޫނުވަމުންދާ މިންވަރާއި އެކަމުގެ ނަތީޖާ އެނގި ސާފުވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަކަށް ވަގުތެއް ނެތް. [ފިޔަވަޅުތައް އެޅޭނެ ކަމުގެ]އުއްމީދުގައި އެ އިންތިޒާރުގައި ތިބެވޭކަށް ދިވެހިރާއްޖެ ފަދަ ގައުމުތަކަށް ވަގުތެއް ނެތް،" އޭނާ ވިދާޅުވި އެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ދިރާސާކުރާ ބައިނަލް އަގުވާމީ އެޖެންސީ އައިޕީސީސީ އިން އެންމެ ފަހުން ނެރުނު ރިޕޯޓްގައި ބުނެފައިވާ ގޮތުން ދުނިޔޭގެ ފިނި ހޫނުމިން މިހާރު ހުރި މިންވަރުގައި ދެމެހެއްޓުނަސް ކަނޑުގެ ލޮނުގަނޑު ދާނީ އުފުލެމުންނެވެ. ދުނިޔޭގެ ފިނިހޫނުމިން މިހާރު ހުރީ އެ ރިޕޯޓްގައިވާ ގޮތުން ސިނާއީ އިންގިލާބުގެ ކުރިން ހުރި ވަރަށް ވުރެ 1.5 ޑިގްރީ ސެލްސިއަސް މަތިކޮށެވެ. އެކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ މި ހާލަތުގައި ވެސް ރާއްޖެ ފަދަ ގައުމުތަކަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިވާނެ ކަމަށެވެ.

"ދެން އަޅުގަނޑުމެން ޚިޔާލަށް ގެންނަމާތޯ [ސިނާއީ އިންގިލާބުގެ ކުރިން ހުރި ވަރަށް ވުރެ] ދެ ޑިގްރީ ސެލްސިއަސް މަތި ވެއްޖެ ނަމަ ހާލަތު އޮންނާނެ ގޮތް؟ އޭރުން ކަނޑުގެ ލޮނުގަނޑު 30 އިންޗިއަށް އުފުލޭނެ. މިކަމުގެ ސަބަބަބުން ދިވެހިރާއްޖޭގެ ދެމި އޮތުމަށް ނުރައްކާ ވާނެ،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަ ކުރުމަށް އެންމެ ފަހުން ގާއިމުކުރި މުއާހަދާ، ޕެރިސް އެގްރިމެންޓާއި އެ މުއާހަދާ ތަންފީޒު ކުރުމަށް އެކުލަވައިލި ރޫލްބުކްގެ ސަބަބުން ކޮންމެވެސް ވަރެއްގެ ހިތްވަރެއް ލިބިފައިވާ ކަމަށެވެ. އެ މުއާހަދާއާ އެއްގޮތަށް އަޅާ ރަނގަޅު ފިޔަވަޅުތަކެއްގެ ސަބަބުން ސިނާއީ އިންގިލާބުގެ ކުރިން ހުރި ވަރަށް ވުރެ ދެ ޑިގްރީ ސެލްސިއަސް މައްޗަށް ނުދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ބާލިން ކްލައިމެޓް އެންޑް ސެކިއުރިޓީ ކޮންފަރެންސް"ގެ ނަމުގައި ފެށި ކޮންފަރެންސްގައި ބައިވެރި ވެވަޑައިގެންނެވުމަށް ޝާހިދު ޖަރުމަނަށް ވަޑައިގެންނެވީ ހޯމަ ދުވަހު އެވެ. އޭނާގެ ދަތުރުފުޅުގައި ޖަރުމަނުގެ ބައެއް އިސް ބޭފުޅުންނާ ބައްދަލުކުރައްވަން ވަނީ ހަމަ ޖެހިފަ އެވެ.